ދިވެހިންގެ ދާހިލީ ކަންކަމަށް ދަހިވެތިވެގެން އުޅޭ ބަޔަކު އުޅެމުންދާ ކަމަށާއި ބޭރު ބައެއްގެ އަތްމައްޗަށް މިގައުމުގެ ކަންކަން ދިއުމުގެ ކަންބޮޑުވުން އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ގުޅުމުން މިރޭ މާފަންނު ކުނޫޒުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ދިވެހިންގެ ދާހިލީ މިނިވަންކަމަށް ދަހިވެތިވެފައިވާ ބޭރު ފަރާތްތަކުގެ އަމަލުތައް ހުއްޓުވޭނީ ގާނޫނު އަސާސީއާ ގާނޫނުތައް ދަމަހައްޓައިގެން ކަމަށާއި، ގާނޫނީ އިމުގެ ތެރޭގައި އުޅުމަށް އެންމެންވެސް އަތުކުރި އޮޅާލަންޖެހޭ ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކޯޓުން ވަގުތީ އަމުރުތަކެއް ނެރުމުން ސުޕްރީމް ކޯޓުގެ އަމުރާ ފުށުއަރާ ލިޔުމެއް ސިފައިންގެ ބަޔަކު ތައްޔާރުކޮށް އޭގައި ސޮއިކުރުމަށްފަހު ޗީފް އޮފް ސްޓާފް މޭޖާ ޖެނަރަލް އަހްމަދު ޝިޔާމަށް ފޮނުވި ފޮނުވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނަޝީދު އަންގަވައިގެން ސިފައިން ފަނޑިޔާރަކު ހައްޔަރުކުރެއްވި ކަމަށާއި، އެފަހަރުވެސް ފަނޑިޔާރު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ސިފައިން ބޯލަބާފައި ނުވާ ކަމަށްވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމަނިކުފާނު މިރޭވެސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހުނީ އިންތިހާބުގައި ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެއްބާރުލުން ނުދިނުމުން ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ކުރިފުޅުމަތީގައި ސުޕްރީމް ކޯޓުގެ އެންގުންތަކަށް ތަބާވާނެ ކަމަށް ވިދާޅުވުމަށްފަހު ކޯޓުގެ އެންގުންތަކާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައިވާތީ ފުއާދަކީ ހިފާ ހައްޔަރުކުރަންޖެހިފައިވާ މީހެއް ކަމަށެވެ.
ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމް އިބްރާހީމް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުތަކާ ހުކުމްތަކަށް ގޮންޖައްސަވާ ބައެއް ބޭފުޅުން ވާހަކަދައްވަމުން ގެންދަވާ ކަމަށާއި، ނަމަވެސް ސުޕްރީމް ކޯޓަކީ އެންމެ ފަހު ބަސް ބުނާ މުއައްސަސާކަން ހުރިހާ ފަރާތްތަކަކުންވެސް ގަބޫލުކުރަންޖެހޭ ކަމަށެވެ. ގާސިމް އިބްރާހީމް ވިދާޅުވީ ސުޕްރީމް ކޯޓުގެ އެންގުމަށް ތަބާވުމަކީ ދިވެހިން މިއަދު ބަލައިގެންފައިވާ ދުސްތޫރީ ހަމަ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހީމް ގާނޫނާ ގަވައިދާ ޚިލާފަށް ބަޔަކަށް އެއްޗެތި ތަކެއް ދެއްވާފައިވާ ކަމަށް ޕީޕީއެމްގެ ރަނިންމޭޓް ޑރ. ޖަމީލް ވިދާޅުވެފައިވާތީ އެކަމަށް ގާސިމް އިބްރާހީމް ވަނީ މިރޭ ރައްދުދެއްވާފަ އެވެ. އެގޮތުން ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު ބަޔަކަށް ދެއްވި އެއްޗެއް ދެއްވާފައިވާނީ އިންސާނީ އެހީގެ ގޮތުގައި ކަމަށާއި، އެއީ އެމަނިކުފާނު މިއަދު ދެއްވާ އެއްޗެއްގެ ބަދަލުގައި މީގެ 38 އަހަރު ކުރިން ފެށިގެން ދެއްވަމުންގެންދަވާ އެހީތަކެއް ކަމަށެވެ.
ސިފައިން ސޮއިކުރި ލިޔުމަކީ ކަންބޮޑުވާ ލިޔުމެއް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ