ސިޔާސީ ބޭނުމެއްނެތް، ހަގީގީ މަންފާ ލިބިނިވި ކޮންމެކަމަށް އެއްބާރުލުން ދޭނަން: އަލީ ވަހީދު

ސިޔާސީ ބޭނުމެއްނެތް، ހަގީގީ މަންފާ ލިބެނިވި ކޮންމެކަމަށްވެސް އެއްބާރުލުން ދެއްވާނޭ ކަމަށް އެންޑީޕީގެ ޕާލަމެންޓް ގްރޫޕްގެ ނައިބު ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިމަހުގެ އެއްވަނަ ދުވަހު ދެކުނު ހަތަރު އަތޮޅަކަށް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރަން ކުރައްވަމުން ގެއްދަވާ ދަތުރުގައި ގއ.ކޮލަމާފުށީގައި ރޭބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު އިތުރަށް ވިދާޅުވީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވެސް ބައިވެރިވާނީ އެމަޖިލީހުގެ ޖަލްސާތަކަކީ ހަގީގަތުގައިވެސް ރައްޔިތުންނަށް މަންފާ ލިބޭ ގޮތަށް ބާއްވާ ޖަލްސާތަކަކަށް ވާނަމަ ކަމަށެވެ.
ރައީސް ނަޝީދުއާއި މެދު ކުރެވެނީ ސައްހަ ޝަރީއަތެއް ކަމަށް ބެލެވެންނެތް ކަމަށާއި، ރާއްޖޭގެ ދެކުނުން މެޖިސްޓްރޭޓެއް، އުތުރުން މެޖިސްޓްރޭޓެއް، އަދި މެދުތެރެއިން މެޖިސްޓްރޭޓެއް ގެނެސްގެން ސައްހަ ޝަރީއަތެއް ނުބޭއްވޭނޭ ކަމަށާއި، އެފަދަ ޝަރީއަތެއް ބޭނުންވެސް ނުވާކަމަށެވެ. މީގެ އިތުރުން ކޯޓުތަކުން ހަމަހަމަކަން ނުގެންގުޅޭކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ. އެގޮތުން ކުރީގެ އެޓޮލްސް މިނިސްޓަރު އަބްދުﷲ ހަމީދު ކޯޓަށް ހާޒިރު ކުރުމުގައި ކޯޓުތައް ނުކުޅެދިފައިވާކަންވެސް އޭނާ ވިދާޅުވިއެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ދުވާލެއް ފަދަ ޕާޓީއެއްކަމަށާއި ދުވަސް ފެށިގެންއަންނަނީ އެމްޑީޕީ ކުލަ ކަމަށްވާ ރަންރީނދޫ ކުލައިން ކަމަށާއި މެންދުރު ޖޯލީގައި ތިބޭއިރު އަވާމެންދުރު ފެންނާނެ ކަމަށާއި އަސުރަށް އެޅީމައި އަސުރުމާ ވަސް ދުވާނެ ކަމަށާއި އަދި ދުވަސް ނުމިގެންދާނީ އަނެއްކާވެސް އުދަރެހުން ރަންރީނދޫ ކުލަ ފާއްދާލަމުން ކަމަށެވެ.
ރޭގެ ޖަލްސާގައި ކޮލަމާފުށީގެ ކުރީގެ ކައުންސިލަރު އަހުމަދު ރައޫފް އާއި ރައީސް ނަޝީދުގެ ކެބިނެޓްގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދުގެ އިތުރުން އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒް ފަހުމީވެސް ވާހަކަފުޅު ދެއްކެވިކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ. އަދި ވައުދުގެ ދަތުރުގެ ޓީމް މާދަމާ މިއަދު ހެނދުނު ކޫއްޑޫއަށް ދާނެކަމަށާއި މިރޭގެ ޖަލްސާ ބާއްވާގޮތަށް ހަމަޖެހިފައިވަނީ ގއ.ވިލިނގިލީގަ ކަމަށްވެސް އެޕާޓީން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ