ގާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕޭން ސްލޯގަން "ތަރައްގީ ގައިމް" އިއުލާން ކުރައްވައިފި

އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ސްލޯގަން އިއުލާން ކުރައްވައިފި އެވެ.
ގާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕޭން ސްލޯގަންއަކީ "ތަރައްގީ ގައިމު" އެވެ.
ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ސްލޯގަން އިއުލާން ކުރެއްވީ ޖޭޕީގެ ރިޔާސީ ކެމްޕޭންގެ އޮނިގަނޑު އެކުލަވައިލަން ސިލްސިލާ ގޮތެއްގައި ކުރިޔަށްގެންދާ ބައްދަލުވުންތަކުގެ ތެރެއިން މިރޭ ޕެރަޑައިސް ރިސޯޓްގައި ބޭއްވި ބައްދަލުވުމުގެ ތެރޭގައި އެމަނިކުފާނުގެ ޓްވިޓާ ޕޭޖް މެދުވެރިކޮށް ކުރެއްވި ޓްވީޓެއްގަ އެވެ. ގާސިމްގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ "އަޅުގަނޑުގެ 2013 ވަނަ އަހަރުގެ ކެމްޕޭން ސްލޯގަން އަކީ ތަރައްގީ ގައިމު" ކަމަށެވެ.
ރިޔާސީ ކެމްޕޭން ސްލޯގަން "ތަރައިގީ ގައިމް"، އިއުލާން ކުރެއްވި ނަމަވެސް އެ ސްލޯގަންއާ ބެހޭ އިތުރު ތަފުސީލެއް ގާސިމް ދެއްވާފައެއް ނުވެއެވެ. ރިޔާސީ ކެންޕޭންގެ ސްލޯގަން މިރޭ ގާސިމް އިބްރާހިމް އާންމު ކުރެއްވެވި އިރު އެޕާޓީގެ މެނިފެސްޓޯ އެކުލަވައިލުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ފަސް އަހަރު ދުވަހުގެ ތެރޭގައި ނުފުއްދޭނެ އެއްވެސް ވައުދެއް އެމަނިކުފާނުގެ ޕާޓީގެ މެނިފެސްޓޯގައި ނުހިމަނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ