ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަރުވައިފި

ޕީޕީއެމްގެ ރިޔާސީ ޕުރައިމަރީ ކާމިޔާބުކުރެއްވި އަބްދުﷲ ޔާމިނަށް ތާއީދުކުރެވޭނީ އޭނާގެ ގާތުގައި ތިބި ކޮރަޕްޓް މީހުން ދުރުކުރުމުންކަމަށް ޔާމިންއާއި ވާދަކުރެއްވި އުމަރު ނަސީރު ވިދާޅުވެފައިވަނިކޮށް ޕީޕީއެމްގެ ކޮންމެ މެންބަރަކުވެސް ޔާމިންއަށް ތާޢީދުކުރަންޖެހޭނެ ކަމަށާއި އެއީ ޕާޓީގެ އަސާސީ ޤަވާއިދުގައި އޮތްގޮތްކަމަށް އެޕާޓީގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރިޔާސީ ޕުރައިމަރީގައި އުމަރުގެ މައްޗަށް ޔާމީި ކާމިޔާބު ހޯއްދެވުމާއި ގުޅިގެން ޔާމިންއަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އަބްދުﷲ ޔާމިން ރިޔާސީ ޓިކެޓް ހޯއްދެވުމުން ޕާޓީގެ ކޮންމެ ގުނަވަނެއްވެސް އަދި ކޮންމެ މެންބަރެއްވެސް ޔާމިންގެ ފަހަތުގައި ހުންނަންޖެހޭނެ ކަމަށެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު ޕީޕީއެމްގެ ރިޔާސީ ޕުރައިމަރީގައި ޤަބޫލުނުކުރެވޭ އަދި އިންތިހާބުގެ އިންސާފުވެރިކަން ގެއްލޭ މިންވަރަށް ޔާމިން އަޑީގައި ހުންނަވައިގެން ކަންތައްތަކެއް ކުރައްވާފައިވާ ކަމަށާ އެ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ނޫންކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އަދި ޔާމީން ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމުން މިޤައުމުގައި ތިބި ކޮރަޕްޝަންގެ ބޮޑެތި ނެޓްވޯކްތަކުގެ އިސްވެރިން ޔާމީންއާއި ގުޅެމުންދާ ކަމަށާއި އެފަދަ މީހުން ޔާމީންގެ އަރިހުގައި ތިބޭނަމަ ދުވަހަކުވެސް އުމަރު ނަސީރުގެ ތާޢީދު ނުލިބޭނެކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
މިމޭރުމުން އުމަރު ވާހަކަދައްކާފައިވާއިރު ރޭގެ ޖަލްސާގައި މައުމޫން އިތުރަށް ވިދާޅުވީ ޕީޕީއެމްއިން ޑިމޮކްރަސީގެ މުޅިން އައު ސަފްހާއެއް ހުޅުވާލަދީފިކަމަށާ ރެއިން ފެށިގެން ޕީޕީއެމްގެ ހުރިހާ މެންބަރުން ޔާމީންއާއެކު އިންތިހާބުގައި މަސައްކަތް ކުރުމަކީ އަސާސީ ޤަވާއިދު ބުނާގޮތްކަމުން އެގޮތަށް ޢަމަލްކުރުމަށް ހުރިހާ މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން މައުމޫން ވަނީ ޔާމީންއާއިއެކު އެއްވެސް ސިޔާސީ ޕާޓީއަކުން ކޯލިޝަން ނުހަދާނެކަމަށް އުމަރު ނަސީރު ދައްކަވާފައިވާ ވާހަކަތަކާއި ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމްއިން ޤަބޫލުކުރާ އުސޫލުތަކާއި ހަމަތަކަށް އިހްތިރާމްކުރާ ކޮންމެ ޕާޓީއަކަށްވެސް ޕީޕީއެމްއާއެކު ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ކާނިވާ ސުޓޭޖުގައި ރޭ ބޭއްވި މި ޖަލްސާގައި ކުރިއަށް އޮތް ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީީޕީއެމްއިން ވާދަކުރާ ކެނޑިޑޭޓް އަބްދުﷲ ޔާމީންއަށް ރިޔާސީ ޓިކެޓް ހަވާލުކޮށްދެއްވީ ރައީސް މައުމޫނެވެ.
ރިޔާސީ ޓިކެޓް ހަވާލުކުުރުމުގެ ކުރިން ޓިކެޓްގައި ބަޔާންކޮށްފައިވާ އިބާރާތް ޕާޓީގެ މެންބަރުންނަށް ވަނީ އިއްވާފައެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން ވަނީ ގުޅިގެން މަސައްކަތްކުރުމަށް އެޕާޓީގެ ހުރިހާ މެންބަރުންނަށް ގޮވާލާފައެވެ.
ބައިބައިވެފައިވާ ޕީޕީއެމްގެ އުމަރު ޓީމުގައި ހިމެނޭ ބައެއް އިސް ބޭފުޅުންވެސް ބައިވެރިވި މި ޖަލްސާގައި މަޝްހޫރު ބްލޮގަ ޑރ ހައުލަތު މުހައްމަދު އަވަހާރަވުމާއި ގުޅިގެން ހަމަހިމޭންކަމުގެ ސުކޫތެއްވެސް ވަނީ ގެނެސްފައެވެ. އަދި ޑރ ހައުލަތު މުހައްމަދުގެ ޚިދުމަތްތަކާއި ގުޅޭގޮތުން ރައީސް މައުމޫނާއި އަބުދުﷲ ޔާމީންވެސް ރޭގެ ޖަލްސާގައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ