އެއާކޯން 25 އަށް މަތިކޮށްގެން ކަރަންޓު ބިލު ހަތް ޕަސެންޓް ކުޑަކުރެވޭނެ: ތޯރިގު

އެއާކޯންތަކުގެ ޓެމްޕަރޭޗަ 25 އަށް މަތިކޮށްގެން ކަރަންޓު ބިލުން އަހަރަކު ހަތް ޕަސެންޓް ކުޑަކުރެވޭނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހިމް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ. އެސްޓީއޯގެ "އެނާޖީ ސޭވް" ކެމްޕޭން ފަށަން އެ ކުންފުނީގެ ގޯތި ތެރޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ ރާއްޖޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރަނީ އުޅޭ ތަން ފިނިކުރަން ކަމަށެވެ. "ރާއްޖޭގައި އެންމެ ބޮޑަށް ތެޔޮ ބޭނުންކުރަނީ އެއާކޯނަށް. ނަމަވެސް އެއާކޯން ޖައްސާލުމަށް ފަހު ސެޓް ޓެމްޕަރޭޗާ މި ހުންނަނީ 16 ޑިގްރީއަށް ލާފައި،" ތޯރިގު ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި 16 ގައި ބެހެއްޓުމެކޭ 25 އަށް ލާފައި ހުރުމެކޭ ލިބޭ ހިތްހަމަޖެހުމަށް ބަލާއިރު ތަފާތެއް ނެތެވެ. އެސްޓީއޯ އެނާޖީ ސޭވް ކެމްޕޭން ލޯންޗް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --ހަވީރު ފޮޓޯ: ނިޝާން އަލީ މިނިސްޓަރު ވިދާޅުވީ ގޭގޭގައި އާއްމުކޮށް އެންމެ ކުޑަ ކޮޓަރީގައި ވެސް 9،000 ބީޓީޔޫގެ އެއާކޯނެއް ހުންނަ ކަމަށެވެ. އެވަރުގެ ތިން އެއާކޯން ހުންނަ ތަނަކުން އެ އެއްޗެހި 25 އަށް ސެޓްކޮށްފި ނަމަ އަހަރަކު 18،000ރ. ސަލާމަތްކުރެވޭނެ ކަމަށް ތޯރިގު ވިދާޅުވި އެވެ. އެންވަޔަރަމެންޓް މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އަހަރު 500 މިލިއަން ޑޮލަރުގެ ތެޔޮ އެތެރެކުރާ ކަމަށާއި ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އެ މިންވަރު ދައްކުރަން ޖެހިފައިވާ ކަމަށެވެ. "މީގެން އެއް ޕަސެންޓް ސޭވް ކުރެވުނަސް މި ދައްކަނީ ފަސް މިލިއަން ޑޮލަރުގެ ވާހަކަ. އަޅުގަނޑުމެން އެބަ ޖެހޭ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ތެޔޮ ސޭވްކޮށްގެން ގައުމުގައި ހުރި ހަކަތައިގެ ބޭނުންކުރަން. އެހެންވީމާ މި ފައްޓާ ކެމްޕޭނަކީ ހިނގާށޭ އެނާޖީ ސޭވް ކުރަން. އެނާޖީ ސޭވް ކުރެވިއްޖެއްޔާ ތެޔޮ ސޭވް ކުރެވިގެންދާނެ،" ތޯރިގު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ