އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭގެ މުޒާހަރާގައި ފުލުހުން ހައްޔަރުކުރި އެމްޑީޕީގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހައިދީފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ އަލީ އާޒިމަށް ބަންދަށް ހަތް ދުވަސް ކޯޓުން ޖަހާފައިވާ ކަމަށާއި، އާޒިމް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ކޯޓުން މުއްދަތުޖެހީ އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާއެއްގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވުމާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލަ ތަހުގީގު ކުރުމަށް ކަމަށެވެ.
ފުލުހުން އާޒިމް ހައްޔަރުކުރުމުން އެމްޑީން ވަނީ ފުލުހުން އާޒިމް ހައްޔަރުކުރީ އަނިޔާވެރި ގޮތަކަށް ކަމަށް ބުނެ އާޒިމް ހައްޔަރުކުރި މައްސަލަ ކުށްވެރި ކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ އާޒިމަށް ފުލުހުންގެ ފަރާތުން އެއްވެސް އަނިޔާއެއް ދީފައިނުވާނެ ކަމަށްބުނެ ފައެވެ.
އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ މެންބަރު އާޒިމް ފުލުހުން ހައްޔަރުކުރީ ރޭގެ މުޒާހަރާގައި ޕިކަޕެއްގެ ތެރޭގައި ވާހަކަދައްކަވަން ހުންނަވަނިކޮށް އާޒިމްގެ އަތްޕުޅުގައި ގަދަކަމުން ހިފައި ބާރަށް ބިންމައްޗަށް ވައްޓާލާ އަނިޔާވެރިކޮށް ކަމަށެވެ.
ފުލުހުން ރޭ އާޒިމް ހައްޔަރުކުރެއްވިއިރު އޭނާ ހުންނެވީ އެވަގުތު ކުރިއަށްދިޔަ އެމްޑީޕީގެ މުޒާހަރާ ލީޑް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި އާޒިމް ހުންނެވި ޕިކަޕުން ބާރަށް އަޑު އަންނަހެން ހަދާފައިވާތީ އާޒިމް ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ އެކަން އެގޮތަށް ނުކުރަން ތަކުރާރުކޮށް ނަސޭހަތްތެރިވެފަ އެވެ.
މުއްދަތު ޖަހަން މިއަދު އާޒިމް ކޯޓަށް ގެންދެވުނުއިރު އޭނާގެ އާއިލާގެ މީހުންނާ، އެމްޑީޕީގެ މަޖިލީހުގެ ބައެއް މެންބަރުންނާ، އެމްޑީޕީގެ ބައެއް ސަޕޯޓަރުން ކޯޓް ދޮށަށް އެއްވެ ތިއްބެވެ. އަދި އެތަނުގައި ހިނގި ހަމަނުޖެހުންތަކެއްގައި އާޒިމްގެ ކޮއްކޮ އަދި މަޝްހޫރު ފުޓްބޯޅަ ކޯޗް މުހައްމަދު ޝިޔާޒް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
އާޒިމްގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހައިދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ