ރައީސް މައުމޫން ސަޕޯޓްކުރައްވަނީ ބްރެޒިލަށް، ރައީސް ނަޝީދު އިންގްލެންޑަށް

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް ބުރާސްފަތި ދުވަހު ރޭ ބްރެޒިލްގައި ފަށާއިރު، ރާއްޖޭގައި ވެސް ވޯލްޑް ކަޕްގެ ފޯރި ވަނީ ހިފައިފަ އެވެ. މި ފޯރީގައި، "ހަވީރު"ން ވަނީ ރާއްޖޭގެ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު މި ފަހަރުގެ ވޯލްޑް ކަޕްގައި ސަޕޯޓްކުރައްވާ ޓީމަކާއި މި ފަހަރުގެ ވޯލްޑް ކަޕާމެދު ދެކޭ ގޮތް ހޯދައިފަ އެވެ. ފުޓްބޯޅަ އަށް ޝައުގުވެރިކަން ހުންނަ ދެ ބޭފުޅުން ވެސް ވޯލްޑް ކަޕަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަ އެވެ. ވޯލްޑް ކަޕްގެ ވަރަށް ކުރީގެ ހަނދާންތަކެއް ވެސް ވަނީ "ހަވީރާ" ހިއްސާ ކުރައްވައިފަ އެވެ. ރައީސް މައުމޫން އަކީ ބްރެޒިލްގެ ޒަމާންވީ ސަޕޯޓަރެކެވެ. ރައީސް މައުމޫން ވިދާޅުވި ގޮތުގައި ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލް އަށް ސަޕޯޓުކުރައްވަން ފެއްޓެވީ ސްވިޑަންގައި 1954 ވަނަ އަހަރު އޮތް ވޯލްޑް ކަޕުން ފެށިގެންނެވެ. "އަޅުގަނޑު އަބަދުވެސް ސަޕޯޓްކުރަނީ ބްރެޒިލް އަށް. ފެށުނީންސުރެ. ފެށޭއިރު އެކަން އޮންނަ ގޮތަކަށް އަބަދު ވެސް އޮންނާނީ ދެއްތޯ. މީގެ ވަރަށް ގިނަ އަހަރުތަކެއް ކުރިން މިސްރުގައި އަޅުގަނޑު ހުރިއިރު، ވޯލްޑް ކަޕްގެ ކަންތައްތައް އެނގެން ފެށީ 1954 ވަނަ އަހަރު. އޭރުން ފެށިގެން އަޅުގަނޑު މި ހުރީ ހަމަ ބްރެޒިލް އަށް ސަޕޯޓުކުރާ މީހެއްގެ ގޮތުގައި. އޭރު ބްރެޒިލް ވަރަށް މޮޅު. މިހާރު ވެސް ވަރަށް މޮޅު. އެކަމަކު އޭރު ގިނަ ތަށިތަކެއް ހޯދައި، އަދިވެސް އެންމެ ގިނަ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމެއްގެ ގޮތުގައި ބްރެޒިލް މި އޮތީ،" ރައީސް މައުމޫން ވިދާޅުވި އެވެ. މިދިޔަ ހަފުތާގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައި، ބްރެޒިލްގެ ފްރެޑް (ވ) ސާބިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ ވޯލްޑް ކަޕް ގުރޫޕް އޭގައި ބްރެޒިލް އޮތީ ކްރޮއޭޝިއާ އާއި މެކްސިކޯ އަދި ކެމަރޫންއާ އެކު އެވެ. ރައީސް މައުމޫން ވިދާޅުވީ މި އަހަރު ބްރެޒިލްގައި ވޯލްޑް ކަޕް އޮންނައިރު، އެ ގައުމުން މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. "އަޅުގަނޑަށް ހީވަނީ މި ފަހަރު (ބްރެޒިލް އަށް) ފުރުސަތު ބޮޑުހެން. ހާއްސަކޮށް އަމިއްލަ ގައުމުގައި ކުޅޭއިރު. ބްރެޒިލް އަކީ އަބަދު ވެސް މޮޅު ޓީމެއް،" ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫން ވިދާޅުވީ ވޯލްޑް ކަޕްގެ އެންމެ ދުރު ހަނދާނަކީ 1954 ވަނަ އަހަރު ސްވިޒަލޭންޑްގައި ބޭއްވި މުބާރާތް ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ އެ މުބާރާތް ލައިވްކޮށް ބެލުމުގެ ފުރުސަތު ނުލިބުނު ނަމަވެސް، ނޫސްތަކުން އެ މުބާރާތުގެ ކަންތައްތައް ބެއްލެވި ކަމަށެވެ. "އެންމެ ދުރު ހަނދާނަކީ 1954 ވަނަ އަހަރުގެ ވޯލްޑް ކަޕް. އޭރު ހަނދާންވާ ގޮތުގައި މީހުން ހީކުރި ގޮތް ނޫން އެހެން ގޮތަކަށް ނަތީޖާ ނުކުތީ. އޭރު ވަރަށް ބޮޑަށް އެ ވާހަކަ ދެކެވިގެންދިޔަ،" ފައިނަލްގައި ހަންގެރީ ބަލިކޮށް ހުޅަނގު ޖަރުމަން ވޯލްޑް ކަޕް ކާމިޔާބުކުރި މުބާރާތުގެ ހަނދާންތައް އާކުރައްވަމުން ރައީސް މައުމޫން ވިދާޅުވި އެވެ. "އޭރު ޓީވީއެއް ނުހުރޭ. ލައިވްކޮށް މެޗު ފެންނާނެ ގޮތެއް ނެތް. ލައިވް ކޮމެންޓްރީއެއް އަޑުއެހޭނެ ގޮތެއް ނެތް. އޭރު ވޯލްޑް ކަޕްގެ ޚަބަރުތައް ނޫހުން ބަލަނީ. އެއް ދުވަހު މެޗު ކުޅޭއިރު، މެޗުގެ ޚަބަރުތައް އަނެއް ދުވަހު ފެންނާނީ. އެކަމަކު ނޫހުން ވެސް އެކަން ބަލައިގެން، ވަރަށް ފޯރިގައި އަޅުގަނޑުމެން އޭރު ވެސް އުޅުނީ. މިހާރާ ވަރަށް ތަފާތު އޭރު." ރައީސް ނަޝީދު ސަޕޯޓްކުރައްވަނީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިންގްލެންޑަށެވެ. މީގެ ކުރިން އޮތް ވޯލްޑް ކަޕްތަކުގައި ވެސް ރައީސް ނަޝީދު ސަޕޯޓުކުރެއްވީ އިންގްލެންޑަށެވެ. "އަޅުގަނޑު ހަމަ ގިނަ ވޯލްޑް ކަޕްގައި އިނގިރޭސިވިލާތަށް ތާއީދުކުރަނީ. މި ފަހަރު ވެސް އިނގިރޭސިވިލާތް އޮތީ ކޮލިފައިވެފައި. އެހެންވީމަ އަޅުގަނޑު ތާއީދުކުރާނީ އިނގިރޭސިވިލާތަށް،" ކިޔަވާ ވިދާޅުވުމަށް އިނގިރޭސި ވިލާތުގައި ގިނަ އަހަރުތަކަކު އުޅުއްވި ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ މި ފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ދެކުނު އެމެރިކާގެ ޓީމެއް ކުޅުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. "އަޅުގަނޑު ކައިރީގައި މީހަކު އެބަ ބުނޭ އެންމެ ހައިރާންކުރުވާނެ ޓީމަކަށް ވާނީ ސްވިޒަލޭންޑޭ ވެސް. ދެން ލެޓިން އެމެރިކާގެ ގައުމުތައް އެ ބޭފުޅުންގެ ފުޓްބޯޅައިގައި ވަރަށް ކުޅަދާނަވާނެ، މޮޅުވާނެ. އެހެންވީމަ ވަރަށް އުނދަގޫވާނެ ބްރެޒިލް އެއް ކޮޅުގައި ނޯންނާނެ ކަމަށް ދެކެން. އެއް ޓީމަކަށް އެންމެ ގިނަ ފައިނަލްގައި ކުޅެފައި ވަނީ އަޅުގަނޑު ހަނދާންވާ ގޮތުގައި ޖާމަނީ. އެހެންވީމަ އެއްކޮޅުން ލެޓިން އެމެރިކާގެ ޓީމެއް ނޯންނާނެކަމަށް ދަންނަވަން ވަރަށް އުނދަގޫ،" ރައީސް ނަޝީދު ވިދާޅުވި އެވެ. ޕެރޫއާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި އިންގްލެންޑުގެ ފޯވާޑް ވޭން ރޫނީ ބޯޅަ ފޮނުވާލަނީ. --ފޮޓޯ:އޭއެފްޕީ ވޯލްޑް ކަޕްގައި އިންގްލެންޑް މި ފަހަރު އޮތީ ވަރުގަދަ ގުރޫޕެއްގަ އެވެ. ގުރޫޕް ޑީގައި އިންގްލެންޑާ އެކު އޮތީ އުރުގުއޭ އާއި ކޮސްޓަ ރީކާ އަދި އިޓަލީ އެވެ. އިންގްލެންޑަށް ވޯލްޑް ކަޕް ކާމިޔާބުކުރާނެ ކަމުގެ އުންމީދު އެބައޮތްތޯ ސުވާލުކުރުމުން ރައީސް ނަޝީދު ސަމާސާ ރާގަކަށް ވިދާޅުވީ "އެއީކީ އެއްވެސް ގޮތަކަށް އެއްވެސް މީހަކު ކޮށްގެންވާނެ އުންމީދެއް ނޫން" ކަމަށެވެ. "އެއީކީ އެއްވެސް ގޮތަކަށް އެއްވެސް މީހަކު ކޮށްގެންވާނެ އުންމީދެއް ނޫން. އެހާ ބޮޑު ކަމެއް އެ ބޭފުޅުންނަށް ކުރެވިދާނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ. "ދެވޭނެ، ރީތި ކުޅުމެއް ވެސް ފެންނާނެ. ރަނގަޅު އަހުލާގެއް ވެސް އިރާދަކުރެއްވިއްޔާ ދައްކާނެ. އަދި ޒުވާން ޖީލަށް ހިތްވަރަކަށް ވެސް ވާނެހެން ހީވަނީ. ވޯލްޑް ކަޕްގެ، އަދި އެއްވެސް ކުޅިވަރެއްގައި ހުރިހާ އެއްޗަކީ ތައްޓެއް ނޫން. އަދި އެއްވެސް ކަމެއްގައި ހަމައެކަނި ބޭނުމަކީ މޮޅުވުމެއް ނޫން." ރައީސް ނަޝީދު ވިދާޅުވީ ވޯލްޑް ކަޕްގެ އެންމެ ދުރު ހަނދާނަކީ 1982ގެ ވޯލްޑް ކަޕް އިޓަލީން ކާމިޔާބުކުރިއިރު، އެ ފަހަރު އިޓަލީގެ ފޯވަޑް ޕައޮލޯ ރޮސީ ޖެހި ލަނޑުތައް ކަމަށެވެ. "އިޓަލީ އަށް ޕައޮލޯ ރޮސީ ޖަހަމުންދިޔަ ގޯލުތައް. އެއީ އަޅުގަނޑުމެން އެންމެ ފޯރީގައި ބަލަމުން އައި އެއް މުބާރާތް. އެއީ އަޅުގަނޑު އެންމެ ޝައުގުވެރިކަމާ އެކު ބެލި އެއް މުބާރާތް. އެކަމަކު އެހެން ނަމަވެސް އަޅުގަނޑުމެން ގޭގައި ޕްރޮޖެކްޓަރެއްގައި އަޅުވައިގެން، ޕެލޭގެ މެޗުތައް ބަލާ އަބަދު ވެސް. އެންމެ ކުޑައިރުންސުރެ ޕެލޭގެ މެޗުތައް ބަލާ. އެހެންވީމަ ވަރަށް ކުރިންސުރެ އަޅުގަނޑަށް މެޗުތައް ފެނިފައި ހުރީ،" ރައީސް ނަޝީދު ވިދާޅުވި އެވެ. ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ބްރެޒިލް އާއި ކްރޮއޭޝިއާ ކުރިމަތިލާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ