ރައީސް މުހައްމަދު ނަޝީދުގެ އާއިލާގެ ބޭފުޅެއްގެ ކައިވެނި ހަފްލާއެއްގައި ބައިވެރި ވުމަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ހުޅުމާލޭ ކޯޓުގައި އެދިވަޑައިގަތުމުން، އެ ހުއްދަ ދެއްވާފައި ނުވާ ކަމަށް ބުނެފިއެވެ.
ރައީސް ނަޝީދުގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވަނީ މިމަހުގެ 27 ން 31 ގެ ނިޔަލަށް ރާއްޖެއިން ބޭރަށް ވަޑައި ގަތުމުގެ ހުއްދައަށް އެދުމުން ހުޅުމާލޭ ކޯޓުން އެކަމަށް ހުއްދަ ނުދެއްވީ، އެމަނިކްފާނުގެ ޝަރީއަތުގެ އަޑުއެހުމުގެ ތާރީހު ކައިރި ވެފައިވާ ކަމަށް ބުނެ ކަމަށެވެ.
"ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދެވެން ނެތްކަމަށް ބުނެ ހުޅުމާލޭ ކޯޓުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ރައީސް ނަޝީދުގެ މައްޗަށް އެކޯޓުގައި ހިންގޭ ޝަރީއަތުގެ އަޑުއެހުމެއް އަންނަ އެޕްރިލް މަހުގެ ހަތަރު ވަނަ ދުވަހަށް ޝެޑިއުލްކޮށްފައިވާކަމަށާއި އެހެން ކަމުން އެ އަޑު އެހުމުގެ ތާރީހް ކައިރިވެފައިވާތީ އެ ހުއްދަ ދެވެން ނެތްކަމަށެވެ.،" ރައީސް ނަޝީދުގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.
ހުޅުމާލޭ ކޯޓުން ގާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށްވެސް ކަށަވަރު ކޮށްދީފައިވާ ހައްގުތަކަށް އަރައި ގަންނަމުން ދާކަމަށް ދެކޭ ކަމަށްވެސް ރައީސް ނަޝީދުގެ ވެބްސައިޓްގައި ބުނެފައި ވެއެވެ. ރައީސް ނަޝީދުގެ ވެބްސައިޓްގައި އިތުރަށް ބުނެފައިވަނީ އެމަނިކްފާނުގެ ބައްޕާފުޅުގެ އޮޕަރޭޝަނަކަށް ރައީސް ނަޝީދު ފުރާވަޑައި ގަތުމަށްވެސް ހުރަސް އަޅާފައިވާ ކަމަށެވެ.
"ކޯޓުތައް މެދުވެރިކޮށް މި ހިންގަމުން ގެންދާ އަމަލުތަކަކީ، މިހާރު ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތައް ސީދާ އަޑީގައި ތިބެ ރާވައިގެން ހިންގަމުން ގެންދާ ވަރަށް ދަށު ދަރަޖައިގެ ނާތަހުޒީބު އަމަލުތަކެއް. އަދި މިފަދަ ކަންކަމުން އިތުރަށް އެނގި ހާމަވަމުން ދަނީ، ރައީސް ނަޝީދުގެ މައްޗަށް ކުރައްވާ ޝަރީއަތަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާ މިންވަރު،" ރައީސް ނަޝީދުގެ ތަރުޖަމާން އަލްއުސްތާޒް މާރިޔާ އަހުމަދު ދީދީ ވިދާޅުވިކަމަށް ރައީސް ނަޝީދުގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.
ރައީސް ނަޝީދު ރާއްޖޭން ބޭރަށް ވަޑައި ގަތުމަށް ހުޅުމާލޭ ކޯޓުން ހުރަސް އަޅާފައިވާ ކަމަށް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ