ދެން އަޅުގަނޑުމެން ކައިރިކައިރިން ފެންނާނެ: ގާސިމް

މީޑިއާއާ ދުރުގައި ހުންނެވިއްޖެ ކަމަށާއި އެކަމަކު ކުރިއަށް އޮތްތަނުގައި "[އިދިކޮޅު ފަރާތްތައް] ވަރަށް ކައިރިކައިރިން ފެންނާނެ" ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ރޭ ދެއްވައިފި އެވެ.
"އަޅުގަނޑުމެންނަށް ވެސް ވީ ވަރަކުން ތި ބޭފުޅުން އަތުން [ވީޓީވީ] ވަގުތު ގަނެގެން މި ތަނަށް އައިސް މިކަން ކުރާނެ އިރާދަކުރެއްވިއްޔާ،" ގާސިމްގެ އަމިއްލަ ޓީވީ ސްޓޭޝަން، ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
ގާސިމާ އެކު ރޭގެ ޕްރޮގްރާމްގައި މުލަކު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ލީޑަރު އަބްދުﷲ ޔާމީނާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި އަދާލަތު ޕާޓީގެ ނާއިބު ރައީސް ޑރ. މައުރޫފް ހުސެއިންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން މޫސާ ރަމީޒު ވެސް ބައިވެރިވެ ވަޑައިގަތެވެ.
ވީޓީވީގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު އައި ފަހުން އަދުލު އިންސާފުގެ ދާއިރާ އަށް ބިރު ދައްކަމުންދާ ކަމަށެވެ. އެހެން ނަމަވެސް ދެން އެ ފުރުސަތު ނުދެއްވާނެ ކަމަށް ގާސިމް ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަދުލު އިންސާފު ގާއިމްކުރުމަށާއި ފަނޑިޔާރުންނަށް ކުރަމުން ގެންދާ ބަދުނާމާއި ޝަރީއަތް ކުރުމުގެ ނިޒާމް ފުނޑުފުނޑުކޮށްލުމަށް މި މީހުން ކުރި މަސައްކަތަކީ އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ވަރަށް ސާބިތުކޮށް އެނގެން ހުރި ކަންތައް. މިއީ މި ދައްކާ އަދުލުވެރިކަމާއި އަދި އިސްލާމްދީނާއި މި ކަންތައްތަކާ ގުޅުވައިގެން އަދި ޑިމޮކްރެސީއެއްގެ ތެރޭގައި ދުވަހަކު ވެސް ބަޔަކު ކުރާ ކަމެއް ނޫން. މިއީ ނާތަހުޒީބީ، ނާގާބިލް، އެއްވެސް ކަހަލަ ތައުލީމެއް ނެތް، ވަލު ޖަނަވާރުން ފަދަ މީސްމީހުން ކޮށް އުޅޭ ކަންތައްތައް،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަނޑިޔާރުންނަށް ބިރު ދެއްކުމަށް "ދެން ހިތަށް ވެސް ނުގެންނަވާތި" ކަމަށާއި "ގައުމު ފުނޑުފުނޑު އަރުވާލަން" ފުރުސަތު ދެން ނުދެއްވާނެ ކަމަށެވެ.
"އެއްގޮތަކަށް ވެސް ޖެހިލުމެއް ނުވޭ، ބިރެއް ނުގަނޭ މުދާ ހިފާފާނެތީ މިވެނި ކަމެއް ކޮށްފާނެތީ. މިހާރު މޯ ދޭން އިނަފް. އިނަފް އިޒް އިނަފް. ގައުމުގެ މިލްކިއްޔާތުތައް ވިއްކާލައި ގައުމުގެ އަދާލަތު ފުނޑުފުނޑު އަރުވާލައި ގައުމުގައި ތިބި އެމްއެންޑީއެފާއި ސިފައިންނަށް ބޭނުންހާ ގޮތެއް ހަދައި ކަންތައް ކުރަން ހިޔާލު ކުރިޔަސް ދެން އެކަމެއް ވެސް ނުކުރެވޭނެ. މި ދިވެހި ރައްޔިތުން ތިބީ ހޭލާ ބަލަހައްޓައިގެން. އެއްގޮތަކަށް ވެސް އެ ފުރުސަތެއް ނުލިބޭނެކަން ދަންނަވާލަން،" ގާސިމް ވިދާޅުވި އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ގައުމު ވަނީ "ބެންކްރަޕްޓް" ވެފައި ކަމަށާއި ދައުލަތުގެ މިލްކިއްޔާތުތައް ދަނީ "ވިއްކަމުން" ކަމަށެވެ. ގާސިމް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމަށް ފަހު "ދެން މި ގައުމު ނޯންނާނެ" ކަމަށާއި ދިވެހިން ވަރަށް ނިކަމެތި ދަރަޖައަކަށް ދާނެ ކަމަށެވެ.
އިޒްރޭލުގެ ފްލައިޓްތައް ރާއްޖޭގައި ޖެއްސުމާ ބެހޭ ގޮތުން ގާސިމް ވިދާޅުވީ "އިޒްރޭލުގެ އެއާލައިނެއް މިތާކު ނުޖައްސާނެ" ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ އެއެއް ނުޖައްސާނެއޭ. ނުޖައްސާނެ އިރާދަކުރެއްވިއްޔާ. މި ރާއްޖޭގެ ރަންވޭއަކު އިޒްރޭލުގެ އެއާލައިނެއް ނުޖައްސާނެ. ރައީސް ނަޝީދަށް ވިސްނިވަޑައިގަންނަވާނެ އޭގެ ނުރައްކާތެރިކަމާއި އެކަން ހުރި މިންވަރު. އޭގެ ސަބަބުން އަޅުގަނޑުމެންގެ ޓޫރިޒަމަށާއި އަޅުގަނޑުމެންގެ ރާއްޖޭގެ ކަންތައްތަކަށް ދިމާވެދާނެ ކަންތައްތައް އެމަނިކުފާނަށް ވެސް ވިސްނިވަޑައިގަންނަވާނެހެން އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ވެސް މި ވާހަކަތައް ދެއްކީމަ. އަނގައިން ނުބުނެ ތިބީމަ ނޭނގި ދަނީ،" ގާސިމް ވިދާޅުވި އެވެ. "މީހުން ބުނޭ ނޫންތޯ ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެއޭ. އެހެންވީމަ ދަރިއަކު ރޯލީމަތާ މި އަޑު އިވެނީ ކިރު ބޯންވެގެން ދަރިފުޅު ރޯކަން ބަނޑުހައި ހޫނުވެގެން. އެހެންވީމަ އަޅުގަނޑުމެން ވެސް މި ރޯ އަޑު އައްސަވާފައި އެ މަނިކުފާނު ހިތަށް ކެތެއް ނުވާނެ އެ [އިޒްރޭލުގެ މަތިންދާ ބޯޓު] ޖައްސާކަށް. އެހެންވީމަ އަޅުގަނޑަށް ޔަގީން އެކަން ނުކުރައްވާނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ