9 ލައްކަ ރުފިޔާގެ ޕްރީ ސްކޫލް ހުޅުވައި ގުރައިދޫ ރައްޔިތުންނާ ހަވާލުކޮށްފި

ސުނާމީގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް، ދުނިޔޭގެ މަޝްހޫރު ރެފްރީ އިޓަލީގެ ޕިއެރްލުއިޖީ ކޮލީނާ ގެނެސްގެން ހަވީރުގެ ފަރާތުން މިދިޔަ އަހަރު ކުޅުނު ޚާއްސަ ފުޓުބޯޅަ މެޗުން ލިބުނު ފައިސާ އަށް ކ. ގުރައިދޫގައި އިމާރާތްކުރި ޕްރީ ސްކޫލް ރަސްމީ ގޮތުން ހުޅުވައި، ގުރައިދޫ ރައްޔިތުންނާ އިއްޔެ ހަވާލުކޮށްފި އެވެ.
ކޮލީނާ ރެފްރީކަންކުރި މެޗުން ލިބުނު ފަސް ލައްކަ ރުފިޔާގެ ތެރެއަށް ހަވީރުގެ ފަރާތުން ވެސް ގާތްގަނޑަކަށް ފަސް ލައްކަ ރުފިޔާ ލައިގެން އިމާރާތްކުރި ތިން ކްލާސްރޫމާއި ތިން ފާހާނާ އާއި ސްޓާފް ރޫމެއް ހިމެނޭ މި ޕްރީ ސްކޫލްގެ ނަންބޯޑު ކައްސަވައިދެއްވައި، ގައުމީ ދިދަ ނަންގަވައިދެއްވީ ޖެންޑަ އެންޑް ފެމިލީ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ.
ޖުމްލަ 995،000ރ. ހަރަދުވެފައިވާ މި ޕްރީ ސްކޫލް ހުޅުވުމަށް ގުރައިދޫގައި އިއްޔެ ހަވީރު އޮތް ކުލަގަދަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ޅަ ދަރިންނަށް، ޅަފަތުގައި ރަނގަޅު ތަރުބިއްޔަތެއް ދީ، ރަނގަޅު ބިންގަލެއް އަޅައިދިނުމަކީ މުހިންމުކަމެއް ކަމުގަ އެވެ. އެކަމަނާ ވިދާޅުވީ ކުޑަކުދިން ދެކެން ބޭނުންނުވާ އެތައްއެތައް ކަމެއް މިއަދުގެ މުޖުތަމައުގައި ހިނގަމުންދާ ކަމަށާއި އެއީ ވަރަށް ހިތާމަ ހުރި ކަމެއް ކަމުގަ އެވެ.
ގުރައިދޫ ޕްރީ ސްކޫލް ހުޅުވުމުގެ ރަސްމީޔާތުގައި ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިން ދެއްކެވި ވާހަކައިގައި ވިދާޅުވީ ގުރައިދޫ ޕްރީ ސްކޫލަކީ، 1979 ގައި އުފެދި، އަންނަ އަހަރު 30 އަހަރު ފުރޭ ހަވީރު ނޫހުން މިހާތަނަށް ކުރެވުނު އިޖުތިމާއީ އެންމެ ބޮޑު އިންވެސްޓްމަންޓު ކަމަށެވެ. އަދި މި ސްކޫލްގެ ސަބަބުން ގުރައިދޫގައި ތައުލީމީ ބިންގާ ހަރުދަނާވެގެން ދިއުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ގުރައިދޫ ސްކޫލް އިމާރާތްކުރުމުގެ އިތުރުން، ކްލާސްތަކަށާއި ސްޓާރޫމަށް ބޭނުންވާ ފަރުނީޗަރާއި ކިޔެވުމުގެ ތެރޭގައި ކުދިން ކުޅެން ބޭނުންކުރާ ސާމާނު ވެސް ވަނީ ހަވީރުގެ ފަރާތުން ހަދިޔާކޮށްފަ އެވެ. އަދި ތަމްރީނު ލިބިފައިވާ ޕްރީ ސްކޫލް ޓީޗަރުން ގުރައިދޫގައި ނެތުމުގެ ސަބަބުން، ސެންޓަ ފޮ ކޮންޓިނުއިން އެޑިއުކޭޝަނުން މި އަހަރު ޖެނުއަރީގައި ފެށި ޕްރީ ސްކޫލް ޓިޗާސް ޓްރެއިނިން ކޯހުގައި ހަވީރުގެ ފަރާތުން ވަނީ ގުރައިދޫގެ ދެ ކުއްޖަކު ސްޕޮންސަކޮށްފަ އެވެ.
ޑރ. ޒާހިރު ވިދާޅުވީ ސްކޫލް އިމާރާތްކޮށް ރައްޔިތުންނާ ހަވާލުކުރި ނަމަވެސް، ހަވީރުން ސްކޫލާ މުޅިން ވަކިނުވާނެ ކަމަށާއި ސްކޫލްގެ ކުރިއެރުމަށް ވެވެން އޮތް މިންވަރަކުން އެހީތެރިވެދިނުމުގައި ހަވީރު ދެމިއޮންނާނެ ކަމަށެވެ.
ގުރައިދޫ ޕްރީ ސްކޫލްގެ ރަމްޒީ ތަޅުދަނޑި ގުރައިދޫ ރައްޔިތުންނާ އިއްޔެ ހަވާލުކޮށްދެއްވީ ހަވީރުގެ ޗެއާމަނެވެ. މި ރަމްޒީ ތަޅުދަނޑިއާ ގުރައިދޫ ރައްޔިތުންގެ ފަރާތުން ހަވާލުވެވަޑައިގަތީ ގުރައިދޫ ކުޑަކަތީބު އަބްދުﷲ ޝަފީގެވެ. އަދި ގުރައިދޫ ރައްޔިތުންގެ ފަރާތުން ހަވީރުގެ އިދާރާ އަށް ޝުކުރުގެ ހަނދާނީ ފިލައެއް ދިނުން ވެސް އިއްޔެ އޮތެވެ. މި ފިލާ ހަވާލުކޮށްދެއްވީ ކުޑަކަތީބު ޝަފީގެވެ. ހަވީރުގެ ފަރާތުން މި ފިލައާ ހަވާލުވެވަޑައިގަތީ ހަވީރުގެ ޗެއާމަނެވެ.
ގުރައިދޫ ޕްރީ ސްކޫލް ހުޅުއްވައިދެއްވުމަށްފަހު، މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި ޑރ. ޒާހިރު ހުސެއިން ސްކޫލްތެރެ ބައްލަވައިލައްވައި، ސްކޫލްގެ ދަރިވަރުންނާއި ބައެއް ބެލެނިވެރިންނާއި ޓީޗަރުންނާ ބައްދަލުކޮށްލެއްވި އެވެ.
ގުރައިދޫ ޕްރީ ސްކޫލް ހުޅުވުމުގެ މުނާސަބަތާ ގުޅުވައިގެން ގުރައިދޫ ޒުވާނުންގެ ޓީމަކާއި ހަވީރުގެ މުވައްޒަފުންގެ ޓީމަކާ ދެމެދު އެކުވެރިކަމުގެ ހާއްސަ ފުޓުބޯޅަ މެޗެއް ވެސް އިއްޔެ ކުޅުނެވެ. ގުރައިދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ޝަރަފުވެރި މެހެމާނުންނަކީ ހަވީރު ސްޕޯޓްސް އެވޯޑްސް 2007 ވަނަ އަހަރު ހާސިލްކުރި ފަރާތްތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ އެންމެ މޮޅު ކޯޗު މައުރޫފު އަހުމަދު (މާއްޓޭ) އާއި އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާ ނިޒާރު އިބްރާހިމާއި އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާ އަހުމަދު އަފްސަން ރަޝާދެވެ. ވޯލްޑްކަޕުގައި އޮފިޝަލްކަންކުރި ހަމައެކަނި ދިވެހި ރެފްރީ މުހައްމަދު ސައީދު ރެފްރީކަންކުރި މި މެޗު ނިމުނީ 1- 1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ދެ ޓީމުން ވެސް ލަނޑު ޖަހައިފައި ވަނީ ފުރަތަމަ ހާފުގަ އެވެ.
ގުރައިދޫ ޕްރީ ސްކޫލް ހުޅުވުމުގެ ރަސްމީޔާތުގައި ހަވީރު ސްޕޯޓްސް އެވޯޑް 2008ގެ ޕާޓްނަރު ކުންފުނިތައް ކަމަށްވާ ދިރާގާއި މެގަޗިޕާއި އިނަ މޯލްޑިވްސްގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ގުރައިދޫގެ ވަރަށް ގިނަ ރައްޔިތުންނާއި ހަވީރު ހުރިހާ މުވައްޒަފުން ކަހަލަ ގޮތަކަށް ބައިވެރިވި އެވެ. މި ރަސްމީޔާތާ ގުޅިގެން ގުރައިދޫ ޕްރީ ސްކޫލްގެ ބެލެނިވެރިންގެ ފަރާތުން ސަގާފީ ނެށުންތަކެއް ހުށަހެޅި އެވެ. އަދި އަންހެނުންގެ ކޮމިޓީގެ ފަރާތުން ހަވީރު ސައިފޮދެއް އިންތިޒާމްކޮށްފައި އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ