ހުސައިން ސޮލާހުގެ މަރުގެ ތަހުގީގު: ސޮލާހު ބަންދުކޮށްފައި ހުރި އަތޮޅުވެހީގެ ސީސީ ޓީވީގެ ފުޓޭޖެއް ނެތް ކަމަށް ފުލުހުން ބުނެފި

ފުލުހުންގެ ޑިޓެންޝަން ސެންޓަރު، އަތޮޅުވެހީގައި ހައްޔަރުކޮށްފައި ދޫކޮށްލިތާ ދެ ދުވަސް ނުވަނީސް މާލޭ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު ސ. ހިތަދޫ ނާޒުކީގޭ، ހުސެން ސޮލާހުގެ މަރުގެ ހާދިސާ ހިނގި ދުވަސްވަރަކީ އަތޮޅުވެހީގައި ސީސީ ޓީވީ ހަރުކުރުމުގެ މަސައްކަތްތަކެއް ކުރި ދުވަސްވަރަކަށް ވާތީ އެ ކެމެރާތަކުގެ ފުޓޭޖެއް ނެތް ކަމަށް ފުލުސް އޮފީހުން މިއަދު ވިދާޅުވެއްޖެ އެވެ.
އަދި ސޮލާހުގެ މަރުގެ ހަގީގަތް ދެނެގަތުމަށް ކުރާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި، މާލޭގެ މަގުތަކުގައި ހުރި ކެމެރާތަކުގެ ފުޓޭޖް ވެސް ބައްލަވާފައިވާ ކަމަށާއި އެއިން އެއްވެސް ކެމެރާއަކުން ސޮލާހުގެ ހަރާކަތެއް ފެނިފައިނުވާ ކަމަށް ސަބް އިންސްޕެކްޓަރު އަބްދުﷲ ނަވާޒު މިއަދު ވިދާޅުވި އެވެ. އަދި ސޮލާހު މަރުވެފައި އޮތް ސަރަހައްދަށް ފީނައިގެން ވެސް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް ނަވާޒު ވިދާޅުވި އެވެ.
ސޮލާހުގެ މަރުގެ ތަހުގީގުގައި މިހާރު ބަލަމުން ދަނީ ފުލުހުންގެ ހައްޔަރުން އޭނާ ދޫކޮށްލި ފަހުން އޭނާއާ އެންމެ ފަހުން މީހަކާ ބަދަލުވި ވަގުތާއި މަރުވެފައި އޮއްވާ ފެނުނު ވަގުތާ ދެމެދު ކަންހިނގާފައިވާ ގޮތް ދެނެގަތުން ކަމަށް ފުލުހުން ވިދާޅުވި އެވެ.
ނަވާޒު ވިދާޅުވީ މިދިއަ އޭޕްރީލް 14 ވަނަ ދުވަހުގެ ރޭ ސޮލާހު ފުލުހުންގެ ހައްޔަރުން ދޫކޮށްލި ފަހުން އޭނާ ދިމާވެފައިވާ ބައެއް މީހުންގެ ބުނުންތަކާއި އޭނާ ނިދި ގެއެއްގެ މައުލޫމާތާއި އޭނާއާއެކު ވަގުތު ހޭދަކޮށް ކާންދިން ކަމަށް ބުނާ އަންހެނަކާއި ފިރިހެނެއްގެ މައުލޫމާތާއި އަދި މި މައްސަލައާ ގުޅިގެން މަރުގެ ހަގީގަތް ދެނެގަތުމަށް ހޯދާފައިވާ ހުރިހާ މައުލޫމާތެއް މިހާރު ރައްޔިތުންގެ މަޖިލީހަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ފޯރުކޮށްދެއްވާފައިވާ ކަމަށާއި މި މަސައްކަތުގައި މިހާރު ކުރަމުންދާ ކަމަކީ އޭނާ އެންމެ ފަހުން މީހަކާ ބައްދަލުވި ވަގުތާއި މަރުވެފައި އޮއްވާ ފެނުނު ވަގުތާ ދެމެދު ކަން ހިނގާފައިވާ ގޮތް ދެނެގަތުން ކަމަށެވެ.
"ސާފު ތަސްވީރެއް ލިބޭތޯ ބަލަމުން މިދަނީ. މި ތަހުގީގު އިތުރަށް ކުރިޔަށް ގެންދެވޭނީ އެންމެ ފަހުން އޭނާއާ ދިމާވި ކަމަށް ބުނާ ވަގުތާއި އޭނާ މަރުވެފައި އޮއްވާ ފެނުނު ވަގުތާ ދެމެދު ކަން ހިނގައިދިޔަ ގޮތް ހޯދިގެން. މިހާރު އެސްޓަބްލިޝް ކުރެވިފައި އެބަހުރި ވަގުތުތަކެއް،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ