މާލޭގައި މިހާރު ބޭނުންކުރަމުން ދަނީ 18،500 ކަރަންޓް މީޓަރު ކަމަށާއި އޭގެ ތެރެއިން މަދުވެގެން ތިންހާހެއްހާ ކަރަންޓު މީޓަރުގެ ވެރިންނަކީ އާމްދަނީ އެހާ ރަނގަޅަށް ނުލިބޭ ފަރާތްތައް ނުވަތަ ކަރަންޓް ސަބްސިޑީޒް ދޭންޖެހޭ މީހުން ކަމަށް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
މާލޭގެ ރައްޔިތުންގެ ތެރެއިން ކަރަންޓް ސަބްސިޑީޒް ހައްގުވަނީ ތިން ހާހެއްހާ މީހުންނަށް ކަމަށް ހަފުތާގެ ރޭޑިޔޯ ތަގުރީރުގައި ރައީސް ނަޝީދު އިއްޔެ ވިދާޅުވި ނަމަވެސް މިހާރު ރާއްޖެއިން ބޭރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަށް ފުރާ ވަޑައިގެންނެވުމުގެ ކުރިން މި މަހުގެ 17 ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ މާލޭގައި ހުރީ 18،000 ކަރަންޓް މީޓަރު ކަމަށާއި އޭގެ ތެރެއިން 11،000 މީޓަރަކީ ނިކަމެތިންގެ މީޓަރު ކަމަށެވެ. ރައީސް ނަޝީދު މީގެ ހައެއްކަ ދުވަސްކުރިން ވިދާޅުވި ގޮތުން ނަމަ މާލޭގައި ކަރަންޓް ސަބްސިޑީޒް ދޭންޖެހެނީ 60 ޕަސެންޓް ކަރަންޓް މީޓަރަށެވެ. އެހެން ނަމަވެސް ހަ ދުވަސް ފަހުން ދެއްވި ރޭޑިޔޯ ތަގުރީރުގައި ރައީސް ނަޝީދު ހާމަކުރެއްވި ހިސާބުތަކަށް ބަލާއިރު މާލޭގައި ކަރަންޓް ސަބްސިޑީ ދޭން ޖެހެނީ 16.21 ޕަސެންޓް ކަރަންޓް މީޓަރަށެވެ.
އިއްޔެގެ ރޭޑިޔޯ ތަގުރީރުގައި ރައީސް ނަޝީދު ވިދާޅުވީ ކަރަންޓް ސަބްސިޑީޒް ހައްގުވާ ފަރާތްތަކަށް ސަރުކާރުން މިހާރަށް ވުރެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މިހާރު ނިމިފައިވާ ކަމަށެވެ.
"އެހެންވީމަ މިހާރު ވެސް ކަރަންޓް ބިލް ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް ސަރުކާރުން ސީދާ އެހީތެރިކަން އެ ފަރާތްތަކަށް، ރައްޔިތު މީހާއަށް ފޯރުކޮށްދޭނެ. އަދި އެކަމުގެ ދަތި ރައްޔިތުންނަށް ނުފޯރާ ގޮތަކަށް ސަރުކާރަށް މި ބަދަލު ގެނެވޭނެ،" ރައީސް ނަޝީދުގެ 32 ވަނަ ރޭޑިޔޯ ތަގުރީރުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކަރަންޓުގެ އަގު އެންމެ ފުރަތަމަ ބޮޑުވިއިރު އެކަމާ ގުޅޭ ކަންތައް ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވިފައި ނުވަނީ އޭގެ މައުލޫމާތުތައް ރައްޔިތުންނަށް ސާފުކޮށް ލިބިފައި ނެތުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ މައުލޫމާތުތައް ނުވަތަ ކަރަންޓް ސަބްސިޑީޒް ހޯދުމަށް ފޯމު ފުރާނެ ގޮތްތައް ހުރިހާ ފަރާތްތަކައް ސާފުވެފައިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އެހެންވީމަ ފޯމުތައް ފުރިގެން މިހާރު އެންސްޕާއަށް ލިބެމުން ދަނީ. އަދި އެންސްޕާގެ ފަރާތުން ވީހާ ވެސް ގިނަ ބަޔަކަށް އެހީތެރިވެ ދިނުމަކީ ސަރުކާރުގެ އަމާޒު. އާމްދަނީ މަދު މީހަކަށް ކަރަންޓް ބިލް ބޮޑުވެގެން އެ އޮންނަ ބުރަ އުފުލަން ނުޖެހޭ ގޮތަކަށް އިރާދަކުރެއްވިއްޔާ ސަރުކާރުން ހަމަޖައްސައިދޭނެ. އެއީ އަޅުގަނޑުމެން މިކަން ކުރިއަށް ގެންދާން ބޭނުންވާ ގޮތަކީ،" މިހާރު އިންޑިޔާ އަށް ކުރައްވާ ދަތުރުފުޅުގައި އިންޑިޔާގެ މެޑްރާހުގައި ހުންނަވައި ދެއްވި ރޭޑިޔޯ ތަގުރީރުގައި ރައީސް ވިދާޅުވި އެވެ.
ކަރަންޓު ސަބްސިޑީޒްގެ އިތުރުން ރައީސްގެ ރޭޑިޔޯ ތަގުރީރުގައި މަތީ ތައުލީމު ހާސިލު ކުރާ ދަރިވަރުންނަށް ލޯނު ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމުގެ މައްޗަށް ވެސް ބައްލަވާލެއްވި އެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އެ ލޯނު އަނބުރާ ދައްކަން ޖެހެނީ ކިޔަވައި ނިމި އަދި ދިގު މުއްދަތެއްގެ ތެރޭގައި ކަމަށެވެ.
"އެ މުއްދަތަކީ ދިހަ ވަރަކަށް އަހަރު ކަމަށް ވެސް ހެދުމަކީ ސަރުކާރަށް މަސައްކަތް ކުރެވެން އޮތް ކަމެއް. އެހެންވީމަ އެ މަގަށް އަޅުގަނޑުމެން މި ގެންދަނީ ވިސްނަމުން. އަޅުގަނޑުމެންގެ ބޭނުމަކީ ވީހާ ވެސް ގިނަ ޒުވާނުންނަކަށް މަތީ ތައުލީމުގެ ފުރުސަތު ލިބިގެން ދިއުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހާރު ރާއްޖެ އިން ބޭރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައްޗަށް އަލިއަޅުވާލައްވަމުން އެ މަނިކުފާނު ވިދާޅުވީ އަބޫދާބީ އާއި ބަހުރެއިން އަދި އިންޑިޔާއިން ރާއްޖެއަށް އެހީތައް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ރައީސްގެ ރޭޑިޔޯ ތަގުރީރުގައި ގައުމުގައި އޭރަކު ހިނގާ ބޮޑެތި މައްސަލަ އާންމުކޮށް އަލިއަޅުވާލައްވަމުން ގެންދެވި ނަމަވެސް މިހާރު ގިނަ ބައެއްގެ ކަންބޮޑުވުން އެކަމަކަށް ހުއްޓިފައިވާ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ މައްސަލައިގައި އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
މަދުވެގެން ތިންހާހެއްހާ މީހުންނަށް ކަރަންޓް ސަބްސިޑީޒް ދޭންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ