ރިޔާސީ ޕްރައިމަރީ އަށް ތާއީދު ނުކުރެއްވީ ޑީއާރުޕީ ބައިބައިވިޔަ ނުދިނުމަށް ކަމަށް މައުމޫން ވިދާޅުވެއްޖެ

ޑީއާރުޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލައްވާ ކެންޑިޑޭޓް ރިޔާސީ ޕްރައިމަރީއެއް ބާއްވައިގެން އިންތިހާބު ކުރުމަށް ތާއީދު ނުކުރެއްވީ މިވަގުތު އެ ޕާޓީ ބައިބައިވިޔަ ނުދެއްވުމަށްޓަކައި ކަމަށް ޑީއާރުޕީގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިދިޔަ އަންގާރަ އާއި ބުދަ ދުވަހު ބޭއްވި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގައުމީ ޖަލްސާ ނުވަތަ ކޮންގްރެސްއާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޒައީމް މައުމޫން ވިދާޅުވީ ޑީއާރުޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލާނެ މީހަކު ހޮވުމަށް ރިޔާސީ ޕްރައިމަރީ ބޭއްވުމަކީ ވަރަށް ވާދަވެރި، ވަރަށް ހޫނު އިންތިހާބަކަށް ވެގެންދާނެ ކަމަށެވެ.
"އެކަހަލަ ކަމަކަށް އަޅުގަނޑުމެން ކުރިމަތިލައިފިއްޔާ ޕާޓީގައި މި އޮންނަ އެއްބައިވަންތަ ކަމަށް ބުރޫ އަރާނެ. އެހެންވީމަ އަޅުގަނޑަށް ހަމަ ބުރަވެވުނީ މިފަހަރު އެކަމަށް އެއްގޮތަކަށް ވެސް ބަދަލެއް ނުގެނެސް އެއޮތް ގޮތަށް އޮތީމަ ކަމަށް އަޅުގަނޑުމެންގެ ޕާޓީ ވަރުގަދަ ވާނީ. އަދި އަޅުގަނޑުމެންގެ ޕާޓީ ކުރިމަތިލާންޖެހޭ އިންތިހާބެއްގައި ކާމިޔާބު ކުރެވޭނީ،" ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް ރިޔާސީ ޕްރައިމަރީއަކުން ހޮވުމާ މެދު ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވި އެވެ.
ރިޔާސީ ޕްރައިމަރީއެއް އަދި ފަހުން ބާއްވަން ޑީއާރުޕީން ނިންމަފާނެތޯ ދެންނެވުމުން މައުމޫން ވިދާޅުވީ ފަހުން ވާނެ އެއްޗެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ހިޔާލަކީ ފަހުން ބަދަލު ވެސް ވެދާނެ އެއްޗެއް ކަމަށެވެ. ރިޔާސީ ޕްރައިމަރީގެ ބަހުސް އެންމެ ހޫނުވި ވަގުތު އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވެ ހުންނެވި މައުމޫން ވިދާޅުވީ ކަންތައްތައް ބަދަލުވާ ގޮތުން ފަހުން އެހެން ގޮތަކަށް ވެސް ޑީއާރުޕީން ވިސްނަފާނެ ކަމަށެވެ.
"އެއީ މުސްތަގުބަލުގައި އޮތް ކަމެއް. އެކަމާ ދޭތެރޭގައި އަޅުގަނޑަށް ވަކި އެއްޗެއް ދަންނަވާކަށް ނޭނގޭ،" ޑީއާރުޕީ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މައުމޫން ވިދާޅުވި އެވެ.
ޑީއާރުޕީން ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރާނީ ކުރިން ވެސް އޮތް ގޮތަށް ޕާޓީގެ ލީޑަރު ކަމަށް ކޮންގްރެސްގައި ފާސްވި ނަމަވެސް ރިޔާސީ ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓް ހޮވުމަކީ އެންމެ ޑިމޮކްރެޓިކް އުސޫލު ކަމަށް ގަބޫލުފުޅު ނުކުރައްވަންތޯ ހަވީރުން ދެންނެވުމުން މައުމޫން ވިދާޅުވީ ޑިމޮކްރެސީ އަކީ "ވަރަށް ފުޅާ ނަން ބޯޑެއް" ކަމަށާއި ޑިމޮކްރެސީގެ ނަމުގައި ތަފާތު ގައުމުގައި ތަފާތު ގޮތްގޮތަށް ކަންތައް ކުރަމުންދާ ކަމަށެވެ. އަދި މައުމޫން ވިދާޅުވީ ރިޔާސީ ނިޒާމް އޮންނަ ހުރިހާ ގައުމެއްގައި ރިޔާސީ ޕްރައިމަރީއެއް ނޯންނަ ކަމަށެވެ.
"އެހެންވީމަ [ރިޔާސީ ޕްރައިމަރީ] ނުބާއްވާ ތަންތަނަކީ ޑިމޮކްރެޓިކް ތަންތަނެއް ނޫނޭ އެއްވެސް މީހަކު ނުބުނޭ،" މައުމޫން ވިދާޅުވި އެވެ. "ޑިމޮކްރެސީގެ ތަފާތު ބައިތައް ގައުމަކަށް ތައާރަފު ކުރާއިރު އެބަ ވިސްނަންޖެހޭ އެ ގައުމުގެ ހާލަތަށް. އެ ގައުމުގެ ހާލަތު ތަންދޭ ކަމެއްތޯ ނުވަތަ ހާލަތު ތަންދޭ ކަމެއް ނޫންތޯ؟ އެހެންވީމަ އެގޮތަކަށް ގެންނަ ހުރިހާ ކަމެއް ވެސް އެއީކީ ވަކި ފޮތެއްގައި ލިޔެވިގެން އަލިފުން ޔާ އަށް ކުރަންޖެހޭ ކަންތައްތަކެއް ނޫން. އޭގެ ތެރޭގައި ހުރި ކަންތައްތަކުގެ ތެރެއިން އެ ގައުމެއްގެ ހާލަތަކާ އެ ވަގުތާ އެންމެ މުނާސިބު، އެންމެ ފައިދާ ހުރި ގޮތަކަށް އެކަންތައްތައް ތައާރަފު ކުރަމުން ގެންދަނީ. އެގޮތަށް ގެންދާއިރު މުސްތަގުބަލުގައި އަދި އެ ނޫން ގޮތަކަށް ވެސް ހިނގައިދާނެ."
ޑީއާރުޕީގެ އެންމެ ޝަރަފުވެރި މަގާމުގައި ހުންނެވި މައުމޫން ވިދާޅުވީ ރިޔާސީ ޕްރައިމަރީ ބޭއްވުމަކީ ޑިމޮކްރެޓިކް އުސޫލެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު އޭގެ ތެރޭގައި ހިމެނޭ ކޮންމެ ކަމެއް އެއްފަހަރާ އަމަލު ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ވިސްނަން އެބަޖެހޭ އެކަމެއް އަޅުގަނޑުމެން ތައާރަފު ކުރުމުން އެ ވަގުތު ވާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ؟ އޭގެ ދެ ފަރާތް ވަރަށް ރަނގަޅަށް ވަޒަން ކުރަން އެބަޖެހޭ. ވަޒަން ކޮށްފައި ނިންމާއިރު ނިންމަން މި ޖެހެނީ. އަޅުގަނޑުމެންނަށް އަދި ޑިމޮކްރެސީގެ އެންމެ ފަހު މަރުހަލާއާ ހަމައަށް ދެވުނީކީ ނޫން. އަދި ފަށައިގަނެގެން މި އުޅެނީ. ކޮންމެވެސް ދުވަހަކުން މިއަށް ވުރެ ކުރިއަށް ވެސް ދެވޭނެ. އެކަމަކު މިވަގުތު ރާއްޖޭގެ ހާލަތަށް ބަލާއިރު އަދި ޑީއާރުޕީގެ ހާލަތަށް ބަލާއިރު އަޅުގަނޑަކަށް ނުފެނޭ މި ޕްރައިމަރީސް ބޭއްވުމަކީ އަޅުގަނޑުމެންނަށް އޭގެ ސަބަބުން އިތުރު ފައިދާއެއް ކުރާނެ ކަމެއް ކަމަކަށް،" މައުމޫން ވިދާޅުވި އެވެ.
ކޮންގްރެސް އަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާއެކު މައުމޫން ބޭއްވި މި ބައްދަލު ކުރެއްވުމުގައި ޑީއާރުޕީގެ އާ ލީޑަރު އަހުމަދު ތަސްމީން އަލީ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންނަށްޓަކައި މިވަގުތު އެންމެ އިސްކަންދޭންޖެހޭ ކަމަކީ ޑީއާރުޕީ އަނބުރާ ސަރުކާރަށް އައުން ކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.
ތަސްމީން ވިދާޅުވީ އޭގެ އިތުރުން މިވަގުތު އެންމެ އިސްކަންދޭންޖެހޭ އަނެއް ކަމަކީ އަތޮޅުތަކުގައި ތިބި ޑީއާރުޕީގެ މެމްބަރުންގެ ގުޅުން ހަރުދަނާ ކުރުމާއި ޕާޓީގެ ގޮފިތައް ހަރުދަނާ ކުރުން ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތް ރާވައި ކުރިއަށް އޮތް ތަނުގައި ތަންފީޒު ކުރެވޭނެ ގޮތަށް މަސައްކަތްތައް ބައްޓަން ކޮށްގެން ދިއުން. ﷲގެ އިރާދަފުޅާ އެކީގައި އަޅުގަނޑުމެން އަބަދުވެސް ގެންދާނީ އެ މަސައްކަތްތައް ކުރަމުން. އަދި މިހާރު އަލަށް އިންތިހާބުވެ ވަޑައިގެންފައިވާ ކައުންސިލް ހަވާލުވީމަ އެ ކައުންސިލްގެ ލަފާގެ މަތިން އަދި މިހާރުން މިހާރަށް އޮތް ކައުންސިލްގައި ވެސް އެ މަސައްކަތް ކުރަމުންދަނީ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑަށް މި މަސައްކަތުގައި އެންމެ ބޮޑު ހިތްވަރެއް ލިބިގެންދާ ކަމަކީ މިވަގުތު ހުންނެވި އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތު، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންގެ ތާރީހު ވެސް ދުށް އެންމެ ވަރުގަދަ ސިޔާސީ ލީޑަރުގެ ލަފަޔާ އިރުޝާދު ލިބޭނެ ގޮތަށް އަޅުގަނޑުމެންގެ ތެރޭގައި ހުންނަވާކަން. އެއީ އަޅުގަނޑުމެން ފަދަ ތަޖުރިބާ އާއި ހިކުމަތްތެރިކަން ނެތް މީހުންނަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް."
މައުމޫން ވިދާޅުވީ ޑީއާރުޕީގެ ސިޔާސީ މަގާމުން ދުރަށް ވަޑައިގެންނެވި ނަމަވެސް އެ ޕާޓީއަށްޓަކައި ކޮށްދެއްވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށާއި އަބަދުވެސް ހުންނަވާނީ އެ ޕާޓީގައި ކަމަށެވެ. އަދި ޑީއާރުޕީ އަނބުރާ ސަރުކާރަށް ގެނައުމުގައި ވެސް އެހީތެރިކަން ތަސްމީނަށް ދެއްވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ