މަޖިލީހުގެ މެމްބަރު އަލްހާނާއި ގަފޫރު އެމްޑީޕީ އަށް

ރައްޔިތުންގެ މަޖިލީހުގެ ސ. ފޭދޫ ދާއިރާގެ މެމްބަރު އަހްލާން ފަހްމީ އާއި ހދ. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ، ވެރިކަންކުރާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ރޭ ސޮއިކުރައްވައިފި އެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުގައި އެމްޑީޕީން ރޭ ބޭއްވި ރަސްމިއްޔާތުގައި އަލްހާނާއި ގަފޫރުގެ އިތުރުން، ކުރީގެ ސަރުކާރުގެ މިނިސްޓަރުކަން ކުރެއްވި އަދި އުވި ދިޔަ ރައްޔިތުންގެ މަޖިލީހުގެ ހދ. މެމްބަރުކަން ކުރައްވާފައިވާ އަހްމަދު އަބްދުﷲ އާއި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވެސް އެމްޑީޕީ އަށް ސޮއިކުރެއްވި އެވެ. ކުރިން ޑރ. ހުސައިން ހުންނެވީ ޖުމްހޫރީ ޕާޓީގަ އެވެ.
މި ރަސްމިއްޔާތުގައި އަލްހާނާއި ޣަފޫރު އަދި އަހްމަދު އަބްދުﷲ އަށް އެމްޑީޕީގެ ސަޕޯޓަރުން ވަރަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ. ޣަފޫރަކީ ކުރިން މިނިވަން މެމްބަރެކެވެ. އަދި އަލްހާން ޑީއާރުޕީން ވަކިކުރީ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދުގެ އިތުބާރު ނެތް ކަމަށް މިދިޔަ އަހަރު ނެގި ވޯޓުގައި ޕާޓީގެ ނިންމުމާ އެއްގޮތަށް އެކަމަށް ވޯޓު ނުދެއްވުމުންނެވެ.
ވެހެމުން ދިޔަ ވާރޭ ތެރޭގައި ބޭއްވި ރޭގެ ރަސްމިއްޔާތުގައި އެމްޑީޕީ އަށް ސޮއިކުރެއްވުމަށް ފަހު، ޣަފޫރު ވިދާޅުވީ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ އެ މަނިކުފާނުގެ ދާއިރާ އަށް އެންމެ ފުރިހަމަ އަށް ކަންތައް ކޮށްދެއްވޭނީ ވެރިކަންކުރާ ޕާޓީގައި ހުރެގެން ކަމަށްވާތީ ކަމަށެވެ.
"އަޅުގަނޑު އެމްޑީޕީ އަށް ވަންކަމުގައި ވިޔަސް ސަރުކާރުން ކުރާ ހުރިހާ ކަމަކަށް ޕާލިމެންޓަރީ ގްރޫޕުން މަރުހަބާއެއް ނުކިޔާނެ. އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނީ ދިވެހި ގައުމުގެ ލާބަ އާއި މަންފާ އަށް،" ޣަފޫރު ވިދާޅުވި އެވެ.
އަލްހާން ވިދާޅުވީ ފޮރިން މިނިސްޓަރު ޑރ. ޝަހީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ނެގި ވޯޓާ ގުޅޭ ގޮތުން ވަރަށް ގިނަ ފިއްތުންތައް ކުރިމަތިވެވަޑައިގެންނެވި ނަމަވެސް އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ ދިވެހި ގައުމަށްޓަކައި ކަމަށެވެ.
"އެކަމާ ގުޅިގެން ޑީއާރުޕީން ވަކިވާންޖެހުމުން ހިތާމައެއް ނުކުރަން،" އަލްހާން ވިދާޅުވި އެވެ. "އަޅުގަނޑުގެ ޒަމީރު ގަބޫލެއްނުކުރި ޒާތީ ހަސަދައަށްޓަކައި ރާއްޖޭގެ ހާރިޖިއްޔާގެ އަގުވައްޓާލުމަށް. އަޅުގަނޑަކަށް ގަބޫލެއްނުކުރެވުނު މިއަދުގެ މި އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި ތިއްބާ ބައިނަލްއަގުވާމީ މުޖުތަމައު ދިވެހިރާއްޖެއާ ދޭތެރޭގައި ދެކެމުން އަންނަ ގޮތް ބަދަލުކޮށް ދިވެހިރާއްޖޭގައި އޮތް ގާނޫނީ ސަރުކާރުގެ އިތުބާރު ގެއްލުވާލުމަކަށް. އެ ދުވަހު އެކަން ކުރިނަމަ [ޑރ. ޝަހީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރިނަމަ] ގިނަގުނަ ދަތިތަކާ ކުރިމަތިވެގެން ދިޔައީސް. އޭގެ ހިތި ނަތީޖާ އާއި އުނދަގޫތައް ތަހައްމަލުކުރަންޖެހޭނީ ދިވެހި ރައްޔިތުން."
އަލްހާން ވިދާޅުވީ "ސަރުކާރުން ކުރާ ކަންކަން ބެލުމަކީ ކަނޑައެޅިގެން އެ ކަންކަމަށް ހުރަސްއެޅުމެއް ނޫން" ކަމަށާއި ޑީއާރުޕީގައި ހުންނެވި އިރު، އެކަށީގެންވާ މިންވަރަށް މަސައްކަތްކުރެވިފައި ނެތް ކަމަށެވެ. އަދި ޑީއާރުޕީގެ ލީޑަޝިޕުން ވެސް ސަރުކާރު ޒިންމާދާރުކުރުމަށް އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމައެކަނި ޒާތީ ހަސަދައިގައި ސަރުކާރުން ކުރާ ކޮންމެ ކަމެއް ހުއްޓުވުމަކީ ސަރުކާރު ޒިންމާދާރުކުރުވުން ކަމަށް ގަބޫލެއް ނުކުރަން،" އަލްހާން ވިދާޅުވި އެވެ.
އަލްހާން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ އަނެއް ދިވެހިރާއްޖޭގެ ތަސައްވުރު ރަނގަޅުކަމަށާއި އޭގައި ހުރި ކަންކަން ހާސިލުކުރެވިއްޖެ ނަމަ މިއަދަށްވުރެ ފާގަތި ދިރިއުޅުމަކަށް ބަދަލުވެގެންދާނެ ކަމަށެވެ. އެ ވައުދުތައް ފުއްދާދެއްވައި، ކުރިއަށް އޮތް ދައުރަށް ވެސް ރައީސް ނަޝީދު ކުރިމަތިލައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލްހާން ވިދާޅުވީ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ އެ ޕާޓީއަކީ އެންމެ ކާމިޔާބު އަދި ރައްޔިތުންގެ އުއްމީދުތައް ގުޅިފައިވާ ޕާޓީއަށްވުމާއި އެތެރޭގެ ޑިމޮކްރަސީ ހަރުދަނާވެފައި އޮތުމުން ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ ޕޯޑިއަމުން ބޭރުވާން ޖެހިވަޑައިގެންނެވި ނަމަވެސް، މަސައްކަތްކުރައްވާނީ ގައުމީ މަސްލަހަތަށް ކަމަށް ވިދާޅުވި އެވެ.
އަލްހާންގެ ވާހަކަ އަށް ޖަވާބު ދެއްވަމުން، ރޭގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ އެމްޑީޕީއަކީ ގައުމީ މަސްލަހަތަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށާއި އެ ގޮތަށް މަސައްކަތްކުރާ މެމްބަރެއް ގައި ކޮޅުފައިން ނުޖަހާނެ ކަމަށެވެ.
އެމްޑީޕީއާ އަލަށް ގުޅިވަޑައިގެންނެވި ކުރީގެ މިނިސްޓަރު އަހްމަދު ވިދާޅުވީ "ރާއްޖެ އަށް ޑިމޮކްރަސީ ތައާރަފުކުރުމުގެ ޗެމްޕިއަންއަކީ އެމްޑީޕީ" ކަމަށެވެ. އަދި "ރައްޔިތުންގެ ހައްގުތައް ހޯދައިދީ ރާއްޖެ އަށް ހެޔޮ ވެރިކަމެއް ގެނައި ޕާޓީއަކީ ވެސް އެމްޑީޕީ" ކަމަށެވެ. އެމްޑީޕީއާ ގުޅިވަޑައިގެންނެވި ސަބަބުތަކަކީ އެއީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ކުރީގެ ސަރުކާރުން އިސްތިއުފާ ދެއްވުމަށް ފަހު އަހްމަދު ގުޅިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ