ގާނޫނަކުން ދީފައިވާ ބާރެއް، ގާނޫނަކުން ބަދަލު ގެނެސް އެހެން ގޮތަކަށް ތަރުތީބުކުރުމަކީ ގާނޫނު އަސާސީއާ ހިލާފުކަމެއް ނޫން: މެމްބަރު ނަޝީދ

ގާނޫނަކުން ދީފައިވާ ބާރެއް، އެ ގާނޫނުގައި ތަރުތީބުކޮށްފައިވާ ގޮތަށް، ގާނޫނަކުން ބަދަލު ގެނެސް އެހެން ގޮތަކަށް އެ ބާރު ތަރުތީބުކުރުމަކީ، ގާނޫނު އަސާސީއާ ހިލާފު އަމަލަކަށް ބެލެވޭނެ ގޮތެއް ވިސްނި ވަޑައިނުގަންނަވާ ކަމަށް ސިފައިންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސިފައިންގެ އެންމެ އިސް މަގާމު ކަމަށްވާ ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އައްޔަންކުރެއްވުމާއި ވަކިކުރެއްވުމުގައި މަޖިލީހުގެ ދައުރެއް ބޭއްވުމަށް ސިފައިންގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހާ ބެހޭ ގޮތުން ނަޝީދުގެ އަމިއްލަ ބްލޮގްގައި އިއްޔެ ލިޔުއްވާފައިވަނީ ގާނޫނު އަސާސީގެ 106 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަކީ ދިވެހި ދައުލަތާއި ދިވެހި ސަރުކާރާއި ސިފައިންގެ އެންމެ މަތީ ވެރިޔާކަމަށްވީ ނަމަވެސް، ގާނޫނު އަސާސީގެ އެއްވެސް މާއްދާއަކުން ސިފައިންގެ އެއްވެސް މަގާމަކަށް މީހުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިނުވާ ކަމަށެވެ. އެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވަނީ ނަޝީދު ވިދާޅުވި ގޮތުގައި ސިފައިންގެ ގާނޫނުންނެވެ.
"ސިފައިންގެ ގާނޫނަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެކެވެ. މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށުމުގެ އަށް މަސްދުވަސް ކުރިން މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެކެވެ. އެ ގާނޫނުގެ 11 ވަނަ މާއްދާ ބުނާ ގޮތުން ޗީފް އޮފް ޑިފެންސް ފޯސް އައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި އެ ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް އައްޔަންކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދެ އެވެ،" ނަޝީދުގެ އަމިއްލަ ބްލޮގް، އެމްނަޝީދުޑޮޓްކޮމްގައި އޭނާ ލިޔުއްވާފައިވެ އެވެ. "އެހެންކަމުން ގާނޫނަކުން ދީފައިވާ ބާރެއް، އެ ގާނޫނުގައި ތަރުތީބުކޮށްދީފައިވާ ގޮތަށް، ހަމަ ގާނޫނަކުން ބަދަލު ގެނެސް އެހެން ގޮތަކަށް އެ ބާރު ތަރުތީބުކުރުމަކީ، ގާނޫނު އަސާސީއާ ހިލާފު އަމަލަކަށް ބެލެވޭނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނެ އެވެ."
އޭނާ ވިދާޅުވީ މަޖިލީހުން ބޭނުން ކަމަށްވާ ނަމަ، އެ މަޖިލީހަށް ފެންނަ ކޮންމެ ގޮތަކަށް ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އައްޔަންކުރެއްވުމާއި ވަކިކުރެއްވުމުގެ ކަންތައް ހަމަޖެއްސިދާނެ ކަމަށެވެ. އެއީ ސިފައިންގެ ގާނޫނުން މިހާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރަށް ބަދަލު ގެނެސް އެހެން ފޯމިއުލާއެއްގެ ދަށުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ޗީފާއި ވައިސް ޗީފް އައްޔަންކުރާނީ، ސިފައިންގެ އެންމެ އިސް އޮފިސަރުންގެ ތެރޭގައި ބޭއްވޭ އިންތިހާބެއްގެ ވޯޓަށް ބަލައިގެން ކަމަށް ވެސް ކަނޑައެޅިދާނެ އެވެ. އެންމެ އިސް އޮފިސަރުންގެ މެދުގައި ދައުރުވާ ގޮތަށް ކަމަށް ވެސް ކަނޑައެޅިދާނެ އެވެ. ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް އެއްބަސްވެވޭ މީހެއްކަމުގައި ވެސް ކަނޑައެޅިދާނެ އެވެ. އެންމެ އުމުރުން ދޮށީ ނުވަތަ އެންމެ ހިދުމަތުގެ ދައުރު ދިގު މީހާ ކަމުގައި ވެސް ކަނޑައެޅިދާނެ އެވެ. އަދި އެކަންކުރާނީ ސިފައިންގެ ސްޓާފް ބޯޑުން ކަމަށް ވެސް ހަމަޖެއްސިދާނެ އެވެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމާއި ވަކިކުރެއްވުމުގެ ވާހަކަ އޮންނަނީ ގާނޫނު އަސާސީގެ ބަދަލުގައި ސިފައިންގެ ގާނޫނުގައި ކަމަށްވާއިރު ސިފައިންގެ ގާނޫނަށް މަޖިލީހުން ބަދަލު ގެނައުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމަކަށް ވެގެން އުޅެންޖެހޭ ސަބަބެއް ވެސް ވިސްނި ވަޑައިނުގަންނަވާ ކަމަށެވެ.
"ގާނޫނު ހެދުމުގެ ބާރަކީ ރައްޔިތުންގެ މަޖިލީހަށް ހާއްސަވެގެންވާ ބާރެކެވެ. ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ ދެ ވަނަ ނަމްބަރު ވަރަށް ރަނގަޅަށް ބައްލަވާށެވެ. ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭ ގޮތުން އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވެ ގާނޫނު ހެދުމާއި ގާނޫނަށް ބަދަލު ގެނައުމާއި ގާނޫނު ބާތިލުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ގާނޫނު އަސާސީން އެ ވަނީ ދީފަ އެވެ،" ނަޝީދު ވިދާޅުވި އެވެ.
ސިފައިންގެ ގާނޫނަށް ބަދަލު ގެނެސްފިނަމަ، ދިވެހިންގެ ސަލާމަތަށާއި ތަރައްގީ އާއި ހަމަޖެހުމަށް ހުރަސްއެޅިގެން ހިނގައިދާނެ ކަމަށް މިދިޔަ ހުކުރު ދުވަހުގެ ރޭޑިޔޯ ތަގުރީރުގައި ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެ އަށް ރައްދުދެއްވަމުން މެމްބަރު ނަޝީދު ވިދާޅުވީ އެކަމާ ސިފައިންގެ ގާނޫނަށް ބަދަލުގެނައުމާ ހުރީ ކޮން ގުޅުމެއްކަން ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
"ސިފައިންގެ ހިދުމަތްތައް ތަރުތީބުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަކަށް ބަދަލު ގެންނާކަށް ބަޔަކު ނޫޅެ އެވެ. ސިފައިންނަށް އަމުރުތައް ކުރުމަށް ރައީސަށް އޮތް ބާރަކަށް ބަދަލު ގެންނާކަށް ބަޔަކު ނޫޅެ އެވެ. ސިފައިންގެ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ނޫން ކަމަށް ދައްކާކަށް ބަޔަކު ނޫޅެ އެވެ،" ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ހުށަހެޅި ބިލުގައި މި ބުނާ ހަމައެކަނި ވާހަކަ އަކީ އެންމެ އިސް ދެ އޮފިސަރުން އައްޔަންކުރުމާއި ވަކިކުރުމުގައި މަޖިލީހުގެ ރުހުން ހޯއްދަވާށެވެ. އެ ނޫން އެއްވެސް ކަމަކަށް ބަދަލެއް ގެންނަނީކީ ނޫނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އެހާ ހާސްވެ ވަޑައިގަންނަވަންޖެހޭ ކަމެއް ކަމަކަށް މީގެ ކުރިއަކު އަޅުގަނޑަކަށް ވިސްނިފައެއް ނެތެވެ."
ނަޝީދު އަދި ވިދާޅުވީ ގާނޫނު އަސާސީގެ ،239 241 އަދި 242 ވަނަ މާއްދާ އަށް ބަލާއިރު ވެސް ސިފައިންނާއި ފުލުހުންގެ ހިދުމަތުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިންގޭނެކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
ސިފައިންގެ އެންމެ އިސް ދެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމާއި ވަކިކުރެއްވުމުގައި މަޖިލީހުގެ ދައުރެއް އޮތުމާ ގުޅޭ ގޮތުން ހުކުރު ދުވަހުގެ ރޭޑިޔޯ ތަގުރީރުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެ ގޮތަށް މަޖިލީހުން ނިންމުމަކީ އަޅުގަނޑުމެންގެ ސަލާމަތާއި ތަރައްގީ އަދި ރާއްޖޭގެ ހަމަޖެހުމަށް ވެސް އެޅިގެންދާ ވަރަށް ބޮޑު ހުރަހަކަށް ވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ އެ މަނިކުފާނަކީ ސިފައިންގެ އެންމެ މަތީ ވެރިޔާ ކަމަށާއި ސިފައިންގެ ކަންކަން ދޯދިޔާ ގޮތަކަށް ނުވަތަ ޔަގީންކަން ނެތް ގޮތަކަށް ކުރިއަށް ގެންދެވެން ނޯންނާނެ ކަމަށެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު މަޖިލީހުން ފާސްކޮށްފައިވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މީހަކު އައްޔަންކުރާނީ، އެ މަގާމަށް އައްޔަންކުރަން ރައީސް ބޭނުންފުޅުވާ މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ ނަން މަޖިލީހުގެ ކޮމިޓީއަކުން ދިރާސާކޮށް މަޖިލީހުގެ ޖަލްސާއެއްގައި އެ ނަމަށް ވޯޓަށް އަހައިގެން އެ ނަމެއް އަޣުބަލިއްޔަތުން ފާސްވުމުން ކަމަށެވެ. އަދި މަޖިލީހުން ފާސްނުވާ ނަމެއް ދެ ވަނަ ފަހަރަށް މަޖިލީހަށް ފޮނުވައިގެން ނުވާނެ ކަމަށާއި ޗީފް އޮފް ޑިފެންސް ފޯސް އެ މަގާމުން ވަކިކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އެކަން މަޖިލީހަށް ހުށަހެޅުއްވުމުން އެ މައްސަލައެއް މަޖިލީހުގެ ކޮމިޓީއަކުން ދިރާސާކޮށް ހުށަހަޅާ ރިޕޯޓަށް ބިނާކޮށް މަޖިލީހުގައި ނަގާ ވޯޓުން އެ ކަމަށް އަޣުލަބިއްޔަތު ލިބުމުން ކަމަށެވެ. އަދި މަޖިލީހުން ފާސްނުވި ނަމަ އެ މީހަކު އެ މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
މި އިސްލާހާ މެދު މަޖިލީހުގެ މެމްބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ. މި އިސްލާހު ފާސްކުރަން ފެނޭތޯ ނެގި ވޯޓުގައި ދެ ކޮޅަށް ހަމައަށް 35- 35 ވޯޓު ލިބުމާ ގުޅިގެން، އެ އިސްލާހު ފާސްވީ، ރިއާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެ އިސްލާހު ފާސްކުރަން ވޯޓު ދެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ