މުސްތަފާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ނިންމައިފި

ތ. ތިމަރަފުށީ ވޯޓު ކެންސަލްކޮށް އަލުން ވޯޓު ނެގުމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް އެދި ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު މުސްތަފާ ހުށަހެޅުއްވި މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ރޭ ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ނިންމާފައި ވަނީ އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. މައްސަލަ އިސްތިއުނާފު ނުކުރެވޭނެ ކަމަށް ފެނިވަޑައިގަތީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު މުޖުތާޒު ފަހުމީ އަދި ފަނޑިޔާރު ޔޫސުފް ހުސެއިން އަށެވެ. މައްސަލަ އިސްތިއުނާފު ކުރެވޭނެ ކަމަށް ފެނިވަޑައިގަތީ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން އަށެވެ.
އެ ކޯޓުގެ ނިންމުން އިއުލާން ކުރައްވަމުން އުއްތަމަ ފަނޑިޔާރު ސައީދު ވިދާޅުވީ އިންތިހާބީ ޝަކުވާގެ މައްސަލަތައް ހައި ކޯޓަށް ހުށަހެޅިދާނެ ކަމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ހައި ކޯޓުން 30 ދުވަހުގެ ތެރޭގައި ނިންމަންވާނެ ކަމަށާއި އެފަދަ މައްސަލައެއްގައި ސަރަހައްދެއްގެ ވޯޓު ބާތިލް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި ނަމަ އެސަރަހައްދެއްގައި އަލުން ވޯޓު ލާން ޖެހޭނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 172 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންތިހާބީ ޝަކުވާތަކާ މެދު އަމަލު ކުރާނޭ ގޮތް އިންތިހާބާ ބެހޭ ގާނޫނުގައި ކަނޑައަޅަން ލާޒިމް ކޮށްފައި އޮންނަ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"... އެގޮތުން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ މި ދުސްތޫރީ ބާރުގެ ދަށުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 65 ވަނަ މާއްދާގެ ހ. ގައި ހައި ކޯޓުގެ ޝަރީއަތުން ނިންމާ ގޮތާ އެއްގޮތަށް އަމަލު ކުރުން ލާޒިމް ކޮށްފައިވާކަން އެނގެން އޮވޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގާނޫނު އަސާސީގެ 56 ވަނަ މާއްދާ އިން ޖިނާއީ މައްސަލަތަކާއި މަދަނީ މައްސަލަތައް އިސްތިއުނާފް ކުރުމުގެ ހައްގު މައްސަލައާ ގުޅުން ހުރި ކޮންމެ ފަރާތަކަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީގެ 72 ވަނަ މާއްދާ އިން އިންތިހާބާ ބެހޭ މައްސަލަތައް ބެލުމުގެ ހާއްސަ އިހްތިސާސް ހައި ކޯޓަށް ދީފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ގާނޫނު އަސާސީގެ 72 ވަނަ މާއްދާގެ ށ. އިން ލިބިދޭ ބާރުގެ ދަށުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 65 ވަނަ މާއްދާގައި އިންތިހާބީ ޝަކުވާއާ މެދު ހައި ކޯޓުގެ ޝަރީއަތުން ނިންމާ ނިންމުމަކީ ފަހު ނިންމުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެފަދަ މައްސަލަތަކުގައި ހައި ކޯޓަށް ފަހު ބަސް ބުނުމަށް ދީފައިވާ ބާރު ގާނޫނު އަސާސީގެ 72 ވަނަ މާއްދާ އިން ބާތިލް ނުވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މިނިވަން ޑިމޮކްރެޓިކް، ގާނޫނުގެ ވެރިކަން ހިންގާ ގިނަ ގައުމުތަކުގައި ވެސް އިންތިހާބީ ޝަކުވާގެ މައްސަލަތައް ބެލުމަށް ވަކި ކޯޓެއް ނުވަތަ ވަކި މުއައްސަސާއެއް ކަނޑައަޅާފައި އޮންނަ ކަމަށާއި އެފަދަ ކޯޓެއްގެ ނުވަތަ މުއައްސަސާއެއްގެ ނިންމުމަކީ ފަހު ނިންމުންކަން އެފަދަ ގައުމުތަކުގައި ކަނޑައަޅާފައި އޮންނަ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ކަމާ ބެހޭ ކޯޓުން އިންތިހާބެއް ހިނގައިދޔަ ގޮތާ މެދު ގޮތެއް ކަނޑައަޅާނީ އެ އިންތިހާބެއްގެ އިދާރީ ނިންމުން ނިންމާ މުއައްސަސާއެއްގެ ނިންމުންތަކަށާއި އެ ފަރާތުގެ ރިޕޯޓަށާއި އޮބްޒާވަރުންނާއި މޮނީޓާ ކުރާ މީހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން ފަދަ ޖަމާއަތްތަކުން އެކުލަވާލާފައިވާ ރިޕޯޓާއި ބަޔާންތަކާއި އެ ނޫން ހެކިތަކަށް ބަލައިގެން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެފަދަ ހެކިތަކެއްގެ މައްޗަށް ޝަރީއަތުން ކޮށްފައިވާ ފައިސަލާއެއް އިސްތިއުނާފުކޮށް އިތުރު މަރުހަލާތަކެއްގައި ޝަރީއަތް ކުރި ނަމަވެސް ސިޔާސީ ޕާޓީތަކާއި މުޖުތަމައު ގަބޫލްކުރާ ފެންވަރަށް އެ އިންތިހާބެއްގެ އިންޓެގްރިޓީ އޮތްކަން ދެއްކުމަކީ އެކަށީގެންވާ ކަމެއް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މިފަދަ މައްސަލައެއްގައި ހިމެނޭ ފަރާތްތަކަށާއި މުޖުތަމައު އަށް އެންމެ އަދުލުވެރި އެންމެ ދެމެހެއްޓެނިވި އެންމެ މެދުމިން ހައްލަކީ ގާނޫނުގައި ޝަކުވާއާ މެދު ނިންމަން ކަނޑައަޅާ ގޮތާ އެއްގޮތަށް އަމަލު ކުރުން ކަމަށް އެނގެން އޮންނަ ކަމަށެވެ.
"... ދެން ފަހެ އިސްވެ ދިޔަ ސަބަބުތައް އެގޮތަށް ހުރުމުން ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު 01/އެސްއެޗް/އައި-އެޗްސީ/ 2009 ގަޒިއްޔާ އިން ބަލައި ނިންމާފައިވާ އިންތިހާބީ ޝަކުވާގެ މައްސަލަ އަކީ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ދަށުން އިލްތިމާސް ކުރުމުގެ ހުއްދަ ދެވެން އޮތް މައްސަލައެއް ނޫން ކަމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކަނޑައަޅައިފިން،" ސުޕްރީމް ކޯޓުގެ ނިންމުން އިއުލާން ކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ