ކުރީގެ ރައީސް އަދި ޑީއާރްޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ ބޭފުޅެއް ކަމަށާއި ބޭނުންވާ ކޮންމެ ތަނަކަށް ގޮސް އައިސް އުޅުމުގެ ފުރިހަމަ އިޚްތިޔާރު ލިބިގެންވާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
މައުމޫން އަލުން ސިޔާސީ މައިދާނަށް ނުކުންނެވި ކަމަށް ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، އެ މަނިކުފާނަކީ ގަދަވެ ސަލާމަތުން ހުންނެވި ފުރިހަމަ މިނިވަނެއް ކަމަށެވެ. އަދި މީގެ ކުރިން ބޭނުން އިރަކު ބޭނުން ތަނަކަށް ވަޑައިގެން އުޅުއްވި ފަދައިން މިހާރު ވެސް އެ ގޮތަށް އެކަން ކުރައްވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ދެން ބައެއް ބޭފުޅުން ވިދާޅުވޭ އަޅުގަނޑު ނުކުތިއްޔޭ. އަޅުގަނޑުގެ ވާހަކައަކީ އަޅުގަނޑު މި ހުރީ ބަންދުވެފައިތޯއޭ؟ ކޮން ތާކަށް ނުކުތް ވާހަކައެއްބާއޭ މި ދައްކަނީ. މާތް ﷲގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑު މިހިރީ ގަދަވެ ސަލާމަތުން އަދި ފުރިހަމަ މިނިވަންކަމާ އެކީގައި. އެހެންވީމާ އަޅުގަނޑު ގެއަށް ވަނުމާއި ގެއިން ނުކުތުމާ ބޭނުންވާ ތަންތަނަށް ދިއުމާއި މިއީ އަޅުގަނޑު ކުރަމުން އައި ކަމެއް. އަދި މިހާރު ވެސް ކުރާނެ ކަމެއް އަދި މުސްތަގުބަލުގައި ވެސް އިރާދަކުރެއްވިއްޔާ ކުރަމުން ގެންދާނެ ކަމެއް،" އެންމެ އުތުރުގެ ރަށްތަކުން ޑީއާރްޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން، ހޮނިހިރު ވިލޭރޭ ދެއްކެވި ވާހަކަފުޅުގައި މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދުމަށް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ބައިވެރިވާން ބޭނުންވާ އެންމެންނަށް ވާނީ ދައުވަތު އަރުވާފައި ކަމަށާއި އެ ވާހަކަ ޑީއާރްޕީގެ ލީޑަޝިޕަށް ވެސް ވާނީ ދަންނަވާފައި ކަމަށެވެ. އެހެން ނަމަވެސް ލީޑަޝިޕްގެ ބައެއް ބޭފުޅުންނަށް އެ ދަތުރުތަކުގައި ބައިވެރިވެވަޑައިނުގެންނެވުމަކީ މައްސަލައެއް ނޫން ކަމަށާއި މިހާރު ވެސް ބައެއް އަތޮޅުތަކުގައި ޑީއާރްޕީގެ ޓީމްތައް ދަތުރުކުރަމުންދާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި ޕާޓީގެ އެކި ޓީމްތައް އެއް ވަގުތެއްގައި އެކި ރަށްރަށުގައި ކެމްޕޭންކުރުމަށް ކުރާ މަސައްކަތަކީ އެންމެން ގުޅިގެން ކުރާ މަސައްކަތެއް ކަމުގައި ދެންނެވިދާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޑިއާރްޕީގެ ތެރޭގައި ހިޔާލު ތަފާތުވުން ހުރި ކަމުގައި ވިޔަސް، އެއީ ޕާޓީ ބައިބައިވާންވީ ކަމެއްކަމުގައި ހަދައިގެންނުވާނެ ކަމަށެވެ.
"ޕާޓީ އޮންނާނީ އެއް ޕާޓީއެއްގެ ގޮތުގައި. މަސައްކަތްކުރާނީ އެއް އަޒްމެއްގައި. އެއް ރޫހެއްގައި. ހާސިލްކުރާނީ އެއް އުންމީދުތަކެއް. އެއީ ދިވެހި ރައްޔިތުންގެ އުންމީދުތައް،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޑީއާރްޕީގެ ތެރޭގައި ހުރި ހިޔާލު ތަފާތުވުންތައް ނައްތާލަދިނުމަށް އެދި ވަރަށް ގިނަ މީހުން އެ މަނިކުފާނަށް އެކި ގޮތްގޮތުން އިލްތިމާސްކުރައްވާ ކަމަށާއި އެ ކަމަށް އެދެނީ ހަމައެކަނި ޑީއާރްޕީގެ މެމްބަރުން ނޫން ކަމަށެވެ.
މައުމޫން ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކުރިއެރުމާއި ތަރައްގީ ހާސިލުކުރެވޭނީ ޑީއާރްޕީގެ ކެންޑިޑޭޓުންނަށް ލޯކަލް އިންތިހާބުގައި ކާމިޔާބު ލިބިގެންނެވެ. އަދި ރައްޔިތުން އެދޭ ކަންތައް ހާސިލުކުރުމަށްޓަކައި ޑީއާރްޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ވެސް އެ މަނިކުފާނު އެދިވަޑައިގަތެވެ. އަދި ޑީއާރްޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންވީ ހަމައެކަނި ޑީއާރްޕީގެ މެމްބަރުން ނޫން ކަމަށާއި އެހެން ރައްޔިތުން ވެސް ޑީއާރްޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގަތެވެ.
ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމުގައި މައުމޫންގެ އަރިހުގައި ބައިވެރިވެވަޑައިގަތީ، ޕާޓީގެ ޑެޕިއުޓީ ލީޑަރު ގަމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފާއި ވިލިމާފަންނު ދާއިރާގެ އަހްމަދު ނިހާން ހުސައިން މަނިކާއި ވައިކަރަދޫ ދާއިރާގެ އަލީ އާރިފްގެ އިތުރުން ޕާޓީން ވަކިކޮށްފައިވާ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރެވެ.
އަޅުގަނޑަކީ ފުރިހަމަ މިނިވަނެއް، ބޭނުން އިރަކު ބޭނުން ތަނަކަށް ގޮސް އުޅެވޭނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ