އަބްދުﷲ މުހައްމަދާ މެދު އަމަލުކުރި ގޮތް ޕީޖީއަކަށް އޭޖީއަކަށް އަދި ފުލުހުންނަކަށް ވެސް ނޭނގެ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރޭގެ ވަގުތެއްގައި ސިފައިން ހައްޔަރު ކޮށްފައިވާ ކަމުގެ މައުލޫމާތު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އާއި ބަންޑާރަ ނައިބު އަދި ފުލުހުންނަށް ވެސް ނޭނގޭ ކަމަށް އެ ފަރާތްތަކުން ހައި ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މިއަދު ބުނެފި އެވެ.
އަބްދުﷲ ގާޒީ ފުލުސް އޮފީހަށް ހާޒިރުވުމަށް ފޮނުވާފައިވާ ޗިޓު ބާތިލް ކުރުމަށް އޭނާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލާގައި ބޭއްވި ޝަރީއަތަށް އަބްދުﷲ ގާޒީ ހާޒިރުކުރުމަށް ސިފައިންނާއި ފުލުހުންނަށް ހައި ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. ނަމަވެސް އޭނާ މިއަދު ޝަރީއަތަށް ހާޒިރެއް ނުކުރެ އެވެ. ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި އަބްދުﷲ ގާޒީ ނެތް ކަމަށެވެ. ސިފައިންގެއިން ވަކި ޖަވާބެއް ނުދެ އެވެ.
އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކޮށްދީފައި ނުވާތީ، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ދަށުން އެމްއެންޑީއެފްއަށް ވަގުތުން ފިޔަވަޅު އެޅުމަށް އިސް ގާޒީގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު އެދިވަޑައިގެންނެވި އެވެ. އަދި ވިދާޅުވީ ކޯޓުގެ އަމުރަށް ކަނޑައެޅިގެން ނުކިޔަމަންތެރިވާ ހާލު އެއްވެސް ފިޔަވަޅެއް ނާޅައި ޝަރީއަތް ކުރިއަށް ގެންދިއުމަކީ "އިންސާފަށް ހުތުރު" ކަމެއް ކަމަށެވެ.
ހައި ކޯޓުގެ ބެންޗުން އިސް ފަނޑިޔާރު އަހުމަދު ޝަރީފް ވިދާޅުވީ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނާ މައްސަލައެއް ވެސް އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ފިޔަވަޅު އެޅުމުގެ ވާހަކަ އެ ޝަރީއަތުގައި ދެއްކެވުމަށް އިސް ފަނޑިޔާރު އެންގެވި އެވެ.
ޗިޓު ބާތިލު ކުރުމުގެ މައްސަލަ ހުށަހެޅުއްވުމަށްފަހު އަބްދުﷲ ގާޒީގެ ވަކީލު ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވިދާޅުވީ އިސް ގާޒީ ވީތަނެއް، ހުންނެވި ހާލެއް ވެސް ނޭނގޭ ކަމަށެވެ. އަދި ރޭ މެންދަމު ދޭއް ޖަހަންދެން ސިފައިންގެ ދޮރުމަތީގައި ހުންނެވި ކަމަށާއި ނަމަވެސް ޖަވާބެއް ދިނުމަށް ސިފައިން ވަނީ އިންކާރު ކޮށްފައި ކަމަށް ރިޒާ ވިދާޅުވި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ހާޒިރުވެ ހުންނެވި ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އަބްދުﷲ ގާޒީ ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓެއް ފޮނުވާފައި ވަނީ ކޮރަޕްޝަންގެ މައްސަލައެއްގައި ކަމަށް ފުލުހުންގެ ފަރާތުން އެނގިވަޑައިގެންފައިވާ ކަމަށެވެ.
ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަކީލު ވިދާޅުވީ އަބްދުﷲ ގާޒީއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިގެންފައިނުވާ ކަމަށާއި އޭނާ ހައްޔަރު ކޮށްފައިވާކަން ނުވަތަ ނޫންކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އަބްދުﷲ ގާޒީއާ ގުޅޭ ގޮތުން ހަމައެކަނި އެނގިވަޑައިގަންނަވަނީ ނޫސްތަކުން ލިބޭ މައުލޫމާތުތައް ކަމަށެވެ.
ޕީޖީ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ މަހާޒް އަލީ ޒާހިރު ވިދާޅުވީ ޗިޓުތަކުގެ މައްސަލަތަކުގައި ނުވަތަ އެބާވަތުގެ މައްސަލަތަކުގައި އާންމުކޮށް އެ އޮފީހުން ކޯޓަށް ޖަވާބުދާރީ ވަނީ ފުލުހުންނާއެކު މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އެކަމަކު މި މައްސަލައިގައި ރަސްމީކޮށް ނުވަތަ ނުރަސްމީކޮށް ނަމަވެސް ފުލުހުންނާއެކު އެއްވެސް ވަރަކަށް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި މައްސަލައިގެ މައުލޫމާތު ލިބެނީ ހަމައެކަނި މީޑިއާއިން ކަމަށް ފާހަގަކުރައްވަމުން މަހާޒް ވިދާޅުވީ މައްސަލައިގެ ތަފްސީލު ނޭނގޭތީ އިތުރަށް ޕީޖީ އޮފީހުން އެ މައްސަލައިގައި ވާހަކަ ދެކެވެން ނެތް ކަމަށެވެ.
ފުލުހުންގެ ފަރާތުން އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަފީގް ވިދާޅުވީ އަބްދުﷲ ގާޒީ ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައި ވާނީ އެއްވެސް ހާލެއްގައި ހައްޔަރު ކުރުމަށް ނޫން ކަމަށެވެ. އިސް ގާޒީ ހާޒިރު ކުރުމަށް ނިންމީ ރައީސް އޮފީހުން ހުށަހަޅާފައިވާ މައްސަލައެއްގެ ތަހުގީގަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އިސް ގާޒީގެ ހައްޔަރުގައި ފުލުހުންގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ.
މިއަދުގެ ޝަރީއަތުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ބަންޑާރަ ނައިބުގެ އޮފީހާއި ފުލުހުންނަށް ވަރަށް ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފަ އެވެ. އެގޮތުން ފަނޑިޔާރަކު ހައްޔަރު ކުރުމުގެ އަމަލު ކުރަންޖެހޭ އިޖުރާއަތުތަކަކީ ކޮބައިތޯ އާއި އިސް ގާޒީ ހައްޔަރު ކުރިއިރު އެ ކަންތައްތަކައް އަމަލު ކޮށްފައިވޭތޯ ސުވާލު ކުރެއްވި އެވެ. އަދި އިސް ގާޒީ ހައްޔަރު ކުރި މަންޒަރުގެ ވީޑިއޯއިން ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެންނަ ކަމަށާއި އޭނާގެ ހައްޔަރުގައި ފުލުހުންގެ ދައުރެއް ނެތް ނަމަ އެތަނުގައި ހަރަކާތްތެރިވީ ކީއްވެތޯ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ފުލުހުން ބުނީ އެ ތަނުގައި މީހުން ގިނަވުމުން ހަމަނުޖެހުމެއް ހިނގައިފާނެތީ ފުލުހުން ހަރަކާތްތެރިވީ ކަމަށް ވުން އެކަށީގެންވާ ކަމަށެވެ.
އޭގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް ވަކި ހާއްސަ މުސްތަގިއްލު ކޮމިޝަނެއް ގާއިމްކޮށްފައިވާއިރު އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ފުލުހުންނަށް ލިބޭތޯ އާއި އާންމު އުސޫލުން ފަނޑިޔާރަކާމެދު ތަހުގީގު ކުރުމަށް އެންގުމުގެ ބާރު ރައީސަށް ލިބިގެންވޭތޯ އާއި އިސް ގާޒީއަށް ފޮނުވި ޗިޓަށް އޭނާ ފުލުސް އޮފީހަށް ހާޒިރުވުމުން ހައްޔަރު ނުކުރާނެ ކަމުގެ ޔަގީންކަން ޗިޓުން ނުވަތަ ޗިޓުގައި ލިޔެފައިވާ އެއްޗަކުން ލިބޭނެތޯ ވެސް ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރި އެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރުގައި ސޮއި ކޮށްފައި ވަނީ ކާކުތޯ ވެސް ބެންޗުން ސުވާލު ކުރުމުން ފުލުހުން ބުނީ "ބެލެވެނީ ކޮމިޝަނަރުގެ ސޮއި" ކަމަށެވެ.
އިންސްޕެކްޓަރު ޝަފީގް ވިދާޅުވީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ގާނޫނު އަސާސީ އާއި ފުލުހުންގެ ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދޭ ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ(ގެ ފަރާތުން ތަހުގީގު ކުރާ މައްސަލައެއް ފުލުހުން ތަހުގީގު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އުޝާމް ވިދާޅުވީ ފަނޑިޔާރަކު ހައްޔަރުކުރާ ނަމަ ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޕްރޮސީޖާތަކަށް އަމަލު ކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް އަބްދުﷲ ގާޒީގެ މައްސަލައިގައި ކަންތައްވެފައިވާ ގޮތް އެނގިވަޑައިނުގަންނަވާ ކަމަށާއި އޭނާ ހައްޔަރު ކޮށްފައިވާކަން ނުވަތަ ނޫންކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އުޝާމް ވިދާޅުވި އެވެ. އެކަމަކު ތަހުގީގަށް ފަނޑިޔާރަކު ހާޒިރު ކުރާއިރު އެ އުސޫލުތައް އެޕްލައިނުވާނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
އެ މައްސަލައިގެ އަޑުއެހުން މިއަދު ހައި ކޯޓުން ނިންމާލެއްވީ މައްސަލަ ދިރާސާ ކުރެއްވުމުގެ ތެރޭގައި އިތުރު ކަމެއް ސާފު ކުރަން ނުޖެހިއްޖެ ނަމަ ދެން މައްސަލަ ބާއްވާނީ ހުކުމް ކުރެއްވުމަށް ކަމަށް އިއުލާންކޮށްފަ އެވެ.
އެ މައްސަލަ ބައްލަވަނީ އިސް ފަނޑިޔާރު ޝަރީފްގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އައްބާސް ޝަރީފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ