އެއާޕޯޓުގެ މަސައްކަތް ނުފަށައި ސަރުކާރުގެ ވަފުދެއް ކެމްޕޭނުކުރަން ރަށައް އަރައިގެން ނުވާނެ: ކުޅުދުއްފުށީ ރައްޔިތުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހދ. ކުޅުދުއްފުށީގައި ތަރައްގީ ކުރަން ފެށި އެއާޕޯޓުގެ މަސައްކަތް އަލުން ފަށާނެ ދުވަހެއް ނާންގައި ސަރުކާރުން އަލުން އެރަށަށް އަރައިގެން ނުވާނެކަމަށް ބުނެ ބަޔަކު އެރަށުގައި މުޒާހަރާކޮށްފިއެވެ.
އެއާޕޯޓްގެ މަސައްކަތް އަލުން ފަށައި ވީހާވެސް އަވަހަކަށް ހިދުމަތް ދިނުމަށް އިހުތިޖާޖުގެ ބައިވެރިން ވަނީ ގޮވާލާފައެވެ. ދެ ޖިންސުގެ މީހުންވެސް ބައިވެރިވި އެ އިހްތިޖާޖުގެ ބައިވެރިން ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމެޕެއިންނަށް ސަރުކާރުގެ ވަފުދުތައް އެރަށަށް ދާންވާނީ އެއާޕޯޓުގެ މަސައްކަތް އަލުން ފަށާނެ ތާރީހެއް އިއުލާނުނުކުމަށް ފަހު ނުވަތަ މަސައްކަތް އަލުން ފެށުމަށްފަހު ކަމަށް އެރަށުގައި ހިންގަމުން އަންނަ ކުޅުދުއްފުށީ އޮންލައިނުން ބުނެއެވެ.
އިއްޔެ ކުޅުދުއްފުށީގައި ކުރި މުޒާހަރަގެ ތެރެއިން: ފޮޓޯ ކުޅުދުއްފުށީ އޮންލައިން
ސީއެންއެމްއާ ވާހަކަ ދައްކަމުން އެރަށު ކައުންސިލުގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ، ކުޅުދުއްފުށީގައި އެއާޕޯޓު ޓާމިނަލްގެ މަސައްކަތް އެޅުމުގެ މަސައްކަތް އެންމެ ފަހުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 23 ގައި ކަމަށެވެ. އަދި އޭގެ ފަހުން ޓާމިނަލުގެ މަސައްކަތް އެއްކޮށް ހުއްޓިފައިވާއިރު ދައުލަތުގެ ބަޖެޓުން އެހާ ބޮޑު ހަރަދެއްކޮށް ތަރައްގީ ކުރަން ފެށި އެ އެއާޕޯޓުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމަކީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމަށް ލަތީފް ވިދާޅުވިއެވެ.
ލަތީފް އިތުރަށް ވިދާޅުވީ، ކުޅުދުއްފުށީ ރައްޔިތުން ތިބީ އެއާޕޯޓު އަޅާ ނިންމާއި ހިދުމަތް ދޭން ފަށާނެ ދުވަހަކަށް ކެތްމަދުވެފައި ކަމަށެވެ.
ކުޅުދުއްފުށީ ކުޅީގެ ބޮޑު ބައެއް ހިއްކާ އަޅަން ފެށި އެއާޕޯޓުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައިދިނުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ކަމާއި ބެހޭ އިދާރާތަކުގައި މިއަހަރުގެ ޖެނުއަރީގައި އެދިފައިވާނެކަމަށް ލަތީފް ވިދާޅުވިއެވެ.
ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތުގެ ތެރެއިން ރަންވޭގެ މަސައްކަތް އެކަނި ނިންމާއި އެތަން ކުރީގެ ރައީސް ޔާމީން ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއަކީ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނިންމުމަށް 2013 ވަނަ އަހަރު ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދެކެވެ.
ކުޅީގެ ބޮޑު ބައެއް ހިއްކައިގެން އެރަށުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރިއިރު ތިމާވެއްޓާއި ގުޅުން ހުރި ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ކުޅި ހިއްކައިގެން އެއާޕޯޓު އެޅުމާއި ދެކޮޅަށް ތެދުވެފައެވެ. އެކަމަކު، އޭރުގެ ސަރުކާރުން ވަނީ އެކަމަށް ބީރުކަންފަތެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ