ބިލެތްދޫ ރައްޔިތުން މިއަދު އެދުނުގޮތަށް އެރަށުގައި މާދަމާ ފުލުހުންގެ ހިދުމަތް ފަށާނެ: ރައީސް

ފ. ބިލެތްދޫ ރައްޔިތުން މިއަދު އެމަނިކުފާނުގެ އަރުގައި އެދުނު ގޮތަށް މާދަމާ އިން ފެށިގެން އެރަށުގައި ފުލުންގެ ހިދުމަތް ފެށޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ފ. އަތޮޅާއި ދ. އަތޮޅަށް އެމަނިކުފާނު މިއަދު ފެއްޓެވި މަޖިލިސް ކެމްޕެއިން ދަތުރު ފުޅުގައި ބިލެތްދޫއަށް ވަޑައިގެން ދެންމެ އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެމަނިކުފާނު އެރަށަށް ވަޑައިގެންނެވުމުން ރައްޔިތުންގެ ކަންބޮޑުވުމާއި އިހްސާސްތައް އެމަނިކުފާނުގެ ކުރިފުޅު މައްޗަށް އޮއްސާލި ކަމަށެވެ.
"މިރަށަށް އަޅުގަނޑު އައުމުން ރައްޔިތުންގެ ކަންބޮޑުވުމާއި، އިހުސާސްތައް ތިބޭފުޅުން، އަޅުގަނޑުގެ ކުރިމައްޗަށް އޮއްސާލައިފި. ބޭނުންވެފައިވާ ތަރައްގީ އާއި ބޭނުންވެފައިވާ ހިދުމަތްތައް ތިބޭފުޅުން އަޅުގަނޑާ ހިސާބަށް ގެނަސްދެއްވައިފި. އަޅުގަނޑު އެވާހަކަތައް ކަނުލައި އަޑުއަހައިފިން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ތެރެއިން އެންމެ ބޮޑަށް އަޑުއިވިވަޑައިގެންނެވީ، ރަށުގައި އޮތް ޑްރަގްގެ ވަބާ އިން ސަލާމަތް ވުމަށްޓަކައި ފުލުހުންގެ ހިދުމަތް ބޭނުންވާ ކަމުގެ ވާހަކަކަމަށެވެ.
އެހެންކަމުން މާދަމާ އެރަށުގައި ފުލުހުންގެ ހިދުމަތް ފައްޓަވައި، އެމަނިކުފާނަށް ހުށަހެޅި ރައްޔިތުންގެ ކަންބޮޑުވުންތައް ކަމުގައިވާ މަސްތުވާތެކީގެ ވަބާއިން އެރަށް ސަލާމަތް ކޮޮށް، އެ ރަށުގައި އަމަން އަމާންކަން ގާއިމް ކުރާނެ ކަމަށް ވިދާޅުވިއެވެ.
"ޕޮލިސް ސްޓޭޝަން ރައްޔިތުންގެ މަސައްކަތާއެކު އެހެރީ ނިންމައިފަ. ބޭނުންވަނީ ފުލުހުންގެ ހިދުމަތް އެތަނަށް ލިބޭނެގޮތެއްހެދުން .އެތަނަށް ބޭނުންވާނެ ފުލުހުން ހޯދުމަށްޓަކައި އިއުލާން ކުރެވިއްޖެ. މިއަތޮޅުގެ ދެކުއްޖަކު ވަނީ އެ ސްޓޭޝަންގައި މަސައްކަތްކުރަން ހުށަހަޅައިފަ. އެއީ އަކީ އަދި ފުދޭ އަދަދެއްނޫން. އެއަށްވުރެ ގިނައިން އަޅުގަނޑުމެން އެ ސްޓޭޝަންގައި ފުލުހުން ބައިތިއްބަން ބޭނުންވޭ. އަދި އެތަނަށް ބޭނުންވާ ބައެއް އިކުއިޕްމެންޓް އަދި ބޭނުން. އެހެން ނަމަވެސް ތިބޭފުޅުންގެ ތި އެދުމާ އެއްގޮތަށް އިރާދަ ކުރެއްވިއްޔާ މާދަމާއިން ފެށިގެން އެތަނުގައި ޕޮލިސް ސްޓޭޝަންގެ ހިދުމަތް ދޭން ފެށޭނެ.
ކަންބޮޑުވެ ވަޑައި ނުގަންނަވާތި. ތިބޭފުޅުން ތި އެދިވަޑައިގަންނަވާގޮތަށް އަމާން އަމަންކަން ގާއިމްކޮށް ޑްރަގްގެ ވަބާއިން ސަލާމަތް ކުރުމުގެ މަސައްކަތް މާދަމާ ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ