ޖަލުތަކާއި ރިސޯޓްތަކުގެ އޮބްޒާވަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބު އޮބްޒާވު ކުރުމަށާއި މޮނިޓާ ކުރުމަށް އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ޖަލުތަކާއި ރިސޯޓުތަކާއި ސިނާއީ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެތަންތަނުގައި އޮބްޒާވްކޮށް އަދި މޮނީޓާ ކުރުމަށް ނަގަން ޖެހޭ ހުއްދަށް ނެގުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
އެތަންތަނުގައި ހަރަކާތްތެރިވާއިރު ހުއްދަ ނަގަން ޖެހޭތީ އީސީން ބުނީ، ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުން އަދި މޮނީޓަރުން ގޮތުގައި ޖަލުތަކުގައާއި، ރިސޯޓް އަދި ސިނާއި ސަރަހައްދު ތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތު ހިމެނޭ ސިޓީއެއް މިމަހު 31 ގެ ކުރިން އީސީއަށް ހުށަހަޅަން ޖެހޭ ކަމަށެވެ.
އޭގެ އިތުރުން ސިޓީ ނުފޮނުވައިފިނަމަ މަޖިލިސް އިންތިހާބު އޮބްޒާވް ކުރުމަށާއި މޮނިޓާ ކުރުމަށް އަދި ކެންޑިޑޭޓެއްގެ މަންދޫބެއްގެ ގޮތުގައި ވެސް ހަރަކާތްތެރި ނުވެވޭނެ ކަމަށް އީސީން ބުނެއެވެ.
އީސީން އޮބްޒާވަރުންނާއި މޮނީޓަރުން ހޯދުމަށް އެންމެ ފުރަތަމަ އިއުލާނުކުރީ ސިޔާސީ ޕާޓީތަކާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމްއިއްޔާ ޖަމާއަތްތަކާއި އަދި އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކުގެ އިތުރުން އިންތިހާބު އޮބްޒާވް ކުރަން ބޭނުންވާ މީޑިއާތަކަށާއި ބައިނަލްއަގްވާމީ ފަރާތްތަކަށެވެ.
ކުރިއަށް އޮތް އިންތިހާބުގައި 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބެނީ 264،589 މީހަކަށެވެ. އެ އިންތިހާބަށް ދެ ބިލިއަން ރުފިޔާ ހަރަދުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ