ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކަށް ދިވެހިން އިތުރުނުވާނަމަ ރާއްޖެއަށް ލިބޭނެ ފައިދާއެއް ނެތް: ނަކާއޯ

ދޮޅު މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރާއިރު ދިވެހިންނަށް ވަޒީފާތައް އިތުރުނުވާނަމަ އެ ސިނާއަތުން ލިބެންޖެހޭ ހަގީގީ ފައިދާ ރާއްޖެއަށް ނުކުރާނެކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ރައީސް ޓަކިހީކޯ ނަކާއޯ ވިދާޅުވެއްޖެ އެވެ.
އޭޑީބީގެ ރައީސް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ ފަތުރުވެރިކަމުގެ ފައިދާ ރާއްޖެއަށް ކުރާނީ އެ ސިނާއަތުގައި ގިނަ ދިވެހިންގެ ބައިވެރިވުން އޮވެގެން ކަމަށެވެ. އަދި ރިސޯޓުތަކުން ލިބޭ ފައިދާ ވީހާވެސް ބޮޑަށް ދިވެހި އާއިލާތަކަށް ލިބުމަކީ ރާއްޖޭގެ ޖީޑީޕީއަށް ރަނގަޅު އަސަރެއް ކުރާނެ ކަމެއްކަން ވެސް ނަކާއޯ ފާހަގަކުރެއްވި އެވެ.
ނަކާއޯ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ ފައިދާ ރާއްޖެއަށް މިހާރަށް ވުރެ ބޮޑަށް ކުރާނީ އެސިނާއަތުން ތިމާވެއްޓަށް ކުރާ އަސަރު ވެސް ކުޑަކޮށްގެން ކަމަށެވެ. ފަތުރުވެރިކަމުގެ ނަފާ މިހާރަށް ވުރެ ބޮޑަށް ހޯދޭނެ ގޮތްތަކާ ގުޅޭ ބައެއް މައުލޫމާތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ ހިއްސާ ކުރައްވާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ފަތުރުވެރިކަމުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖެއަށް އާމްދަނީ ލިބޭނެ ސިނާއަތެއްކަން ފާހަގަކުރައްވާ ނަކާއޯ ވިދާޅުވީ އެދާއިރާއަކީ ވަޒީފާގެ ފުރުސަތުތައްވެސް ހުރި ދާއިރާއެއް ކަމަށެވެ. މަސްވެރިކަމުގެ ދާއިރާ އަކީ މިހާރަށް ވުރެ ބޮޑަށް ރާއްޖެއަށް އާމްދަނީ ލިބޭ ސިނާއަތަކަށް ހެދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ދިވެހި ސަރުކާރުގެ ކަމާ ގުޅުންހުރި ބޭފުޅުންނާ މަޝްވަރާކުރައްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން 'ފިޝްފާމިން' ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މީގެއިތުރުން ކުނިމެނޭޖު ކުރުމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތައް ކުޑަކުރުމަށް އޭޑީބީން ދަނީ ރާއްޖެއަށް އެހީ ދެމުންނެވެ. ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އޭޑީބީ އާއެކު ސަރުކާރުން މަޝްވަރާކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ.
ރާއްޖޭގެ ޖީޑީޕީ އާއި އަޅާބަލާއިރު ރާއްޖޭގެ ދަރަނި ބޮޑުކަން ފާހަގަކުރައްވާ އޭޑީބީގެ ރައީސް ނަކާއޯ ވިދާޅުވީ ވިޔަފާރީގެ ބޭނުންތަކަށް ސަރުކާރުން ގެރެންޓީ ދީފައިހުރި ލޯނުތަކާ އެކު ދަރަނި މިހާރު ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން ފިޒިކަލް ޑެފިސިޓް ކުޑަކުރުމަށް ދިވެހި ސަރުކާރާ އެކު މަޝްވަރާކުރެވިފައިވާ ކަމުގައިވެސް ނަކާއޯ ވަނީ މައުލޫމާތު ދެއްވާފަ އެވެ.
އޭޑީބީން ލަފާކުރާ ގޮތުގައި 2019-2020 އަށް ރާއްޖޭގެ ޖީޑީޕީ ހުންނާނީ 6.4 އިންސައްތައިގަ އެވެ.
އޭޑީބީން ރާއްޖެއަށް ކުރިއަށް އޮތް ތަނުގައި ގިނަ އެހީތަކެއް ދޭން ނިންމާފައި ވަނީ ރިނިއަބަލް އެނާޖީ އަދި ވޭސްޓް މެނޭޖުމަންޓުގެ ދާއިރާއިންނާއި އެސްއެމްއީ ވިޔަފާރިތައް ކުރިއެރުވުމަށް ކަމަށް އޭޑީބީގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.
ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި އޭޑީބީން މިހާތަނަށް 277 މިލިއަން ޑޮލަރު ވަނީ ރާއްޖެއަށް ދީފަ އެވެ. ނަކާއޯ ވިދާޅުވީ ހިލޭ އެހީގެ ބަދަލުގައި ކުރިއަށް އޮތް ތަނުގައި ކޮންސެޝަނަލް ލޯނު ދޭ މިންވަރު އިތުރުކުރާނެ ކަމަށެވެ.
އޭޑީބީއަކީ ރާއްޖޭގެ ތަރައްގީގެ މަސައްކަތުގައި މުހިއްމު ބައިވެރިއެކެވެ. ތަރައްގީގެ އެކިއެކި މަޝްރޫއުތައް ހިންގުމަށް އޭޑީބީން ދަނީ ރާއްޖެއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ