ކޮންމެ އަގެއް ދައްކައިގެން ވެސް އިންޑިއާ ސިފައިން ބާލާނަން: އުމަރު

ކޮންމެ އަގެއް ދައްކައިގެން ވެސް ރާއްޖެ އިންޑިއާ ސިފައިން ބާލާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިއަދު އޭނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައްކަން ޖެހުނު ކޮންމެ އަގެއް ދައްކައިގެން ވެސް ދިވެހި ފަސްގަނޑުން އިންޑިއާ ސިފައިން ބާލާނެ ކަމަށާއި މި ފަސްގަނޑު މިނިވަންކަން މަތީ މިއަދު އޮތީ ދިވެހިންގެ ފުރާނައިން އަގު ދައްކައިގެން ކަމަށެވެ.
އެގޮތުން ނޮވެމްބަރު ތިނެއްގެ ހާދިސާ އާއި އެ ނޫންވެސް ތާރީހީ ހާދިސާތަކުން ކަށަވަރުވާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އިންޑިއާ އަކީ ދިވެހިންގެ އެންމެ އެކުވެރި ގައުމު ކަމަށާއި ނަމަވެސް އެގައުމުގެ ސިފައިން ޖެހޭނީ ރާއްޖެ އިން ފައިބަން ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގައުމީ ހަރަކާތެއް ފެށުމަށް އުމަރު ތައްޔާރުވަމުން އަންނައިރު ސަރުކާރާ އިދިކޮޅު ފަރާތްތަކުން މިހާރު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދަނީ ގިނަ ދުވަސްތަކެއް ވީއިރުވެސް އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދީފައިވާ ދެ ހެލިކޮޕްޓަރު ދުއްވަން ދިވެހިން ތަމްރީނު ނުކޮށް އިންޑިއާ ސިފައިން އެކަމުގައި އުޅޭތީއެވެ. އަދި ހެލިކޮޕްޓަރުތައް ރާއްޖެއިން ފޮނުވާލުމަށް ވެސް އެކި ފަރާތްތަކުން ދަނީ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން އިންޑިއާގެ ސްޓްރެޓީޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ހެލިކޮޕްޓަރ އޮޕަރޭޓު ކުރުމުގައި އިންޑިއާ ސިފައިން ތިބި ނަމަވެސް އޮޕަރޭޝަންތައް ކުރިއަށްދަނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށް ވިދާޅުވެފައެވެ.
އަދި އެކަމުގައި މައްސަލައެއްް ހުރިކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ހެލިކޮޕްޓަރ އޮޕަރޭޓު ކުރުމަށް ދިވެހި ޕައިލެޓުން ތަމްރީނު ކުރުމަށް އިންޑިއާއިން އެހީވެދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ޝަމާލު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ