ކުޑަހުވަދޫ ކަރަންޓު މައްސަލައަށް އަދިވެސް ހައްލެއް ނުލިބޭ، ރޯދަމަހު ވެސް ދާއިމީ ހައްލެއްގެ އުއްމީދެއް ނެތް

ދ. ކުޑަހުވަދުއަށް ދިމާވެެފައިވާ ކަރަަންޓުގެ މައްސަލައަށް އަދިވެސް ހައްލެއް ނުލިބޭ ކަމަށާއި މި ހަފުތާ ތެރޭ ވަގުތީ ހައްލެއް ލިބޭނެ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ކުޑަހުވަދުއަށް ކަރަންޓުގެ މައްސަލަ ދިމާވެގެން އުޅޭތާ މިހާރު ވަނީ މަހަކާ ގާތްވެފަ އެވެ.
''ވަން އޮންލައިން''އަށް މައުލޫމާތު ދެއްވަމުން ކުޑަހުވަދޫ ކައުންސިލް މެންބަރު އަހުމަދު މައުރޫފް މިއަދު ވިދާޅުވީ އެރަށަށް ކަރަންޓުގެ މައްސަލަތަކާ ދިމާވީ ކަރަންޓު ދިނުމަށް ބޭނުންކުރަމުން އައި ޖަނަރޭޓަރުގެ ޑައިނަމޯގައި މައްސަ ޖެހުމުގެ ސަބަބުން ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭ އާ ޑައިނަމޯއެއް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އާ ޑައިނަމޯ ގެނެސް ޖެނެރޭޓަރުގައި ހަރު ކުރެވުމުން މިހާރު ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ލިބިގެން ދާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ މިހާރުވެސް އެކި ވަގުތުތަކުގައި ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދާ ކަމަށެވެ. މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކުޑަހުވަދުއަށް އާ ޖެނެރޭޓަރެއް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޖެނެރޭޓަރެއްގެ އަގު ހޯދުމަށް އިއުލާނުކޮށްފައިވާނެ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ. އަދި އާ ޖެނެރޭޓަރުން ރޯދަ މަހު ފަހުކޮޅު ޚިދުމަތް ދޭން ފެށޭވަރު ވާނެ ކަމަށާއި އޭރުން މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާ ޖަނަރޭޓަރު ބެހެއްޓުމަށް ބޭނުންވާ ފައުންޑޭޝަނުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފަށާނެ. ދާއިމީ ހައްލެއް ލިބޭނީ އެޖަނަރޭޓަރު ބެހެއްޓި ޚިދުމަތް ދޭން ފެށުމުން." މައުރޫފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ