ރިޔާޒަށް ދޫކުރި 19 މިލިއަން ރުފިޔާގެ ތެލުގެ މައްސަލައިގެ ލިޔުންތައް ހޯދާ، ހައި ކޯޓާ ހަވާލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމް ކުންފުނިން ނެގި ކަމަށް ބުނާ 19 މިލިއަން ރުފިޔާގެ ތެލާ ގުޅޭ ލިޔެ ކިޔުންތައް ހޯދާ އެތަކެތި ހައި ކޯޓާ ހަވާލުކޮށްފި އެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމެޓީގެ ބައްދަލުވުމުގައި އިއްޔެ ވިދާޅުވީ ޕްރިންޓްކޮށްފައިވާ އެ ޑޮކިއުމެންޓްތައް ނެތަސް ކޮމްޕިއަޓަރުގައި އެ ލިޔުންތައް ހުރި ކަމަށެވެ.
''ޕްރިންޓުކޮށްފައި ހުރި ޑޮކިއުމެންޓްތަކެއް ގެއްލުނީ. އޭގެ އޮރިޖިނަލް އަކަށް ވާނީ އެ ކޮމްޕިއުޓަރުތާ، އެ ހާޑް ޑިސްކްތާ. އެ ފައިލްތާ، އެ އެއްޗެހި އެބަހުރި. ދެން އެ އެއްޗެހި ވަނީ މިހާރު ހައި ކޯޓުގައި،'' ޖަވާބު ދެއްވަމުން އަމްރު ވިދާޅުވި އެވެ.
އެ ޑޮކިއުމެންޓްތައް ގެއްލިފައި ވަނީ އޭނާ ފޮނަދޫގައި ހުއްޓާ ކަމަށާއި އޭރު އެތަނުގައި ސީސީޓީވީ ކެމެރާ އެއް ނެތް ކަމަށް އަމްރު ފާހަގަކުރެއްވި އެވެ.
އަމްރު ވިދާޅުވި ގޮތުގައި އެ މައްސަލަ މިހާރު ހުކުމް ކުރާ ހިސާބަށް ގޮސްފައި ވާތާ ގިނަ ދުވަސްވެފައިވުމުން އަވަސްކުރެވޭތޯ ބެލި ކަމަށާއި ނަމަވެސް އެ މައްސަލަ ކުރިއަށް ނުދާ ކަމަށެވެ.
އެ މައްސަލަ އާ ބެހޭ އިލެކްޓްރޯނިކް ޑޮކިއުމެންޓްތައް އިތުރަށް ތަހުގީގު ކުރަމަށްޓަކައި ފުލުހުންނަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އިން މެރީޑައިމުން ނެގި ތެލަށް 19.3 މިލިަން ރުފިޔާ ލިބެން ޖެހޭ ކަމަށް ބުނެ މާޗް 2010 ގެ ނިޔަލަށް އެކި ފަހަރު މަތިން ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު އެކަން ސާބިތު ނުވާތީ ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށް 2016 ވަނަ އަހަރު ޖޫން މަހު ސިވިލް ކޯޓުން އަންގާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ