މެމްބަރު ޖާބިރު ޑީއާރުޕީއާ ގުޅިވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ޑީއާރުޕީއާ ގުޅިވަޑައިގަންނަވަން ނިންމަވައިފި އެވެ.
އަމިއްލަ ގޮތުން ވާދަކުރައްވައި ހޮވިވަޑައިގެންނެވި ޖާބިރު "މިހާރު" އަށް ވިދާޅުވީ ޑީއާރުޕީއާ ގުޅެން ނިންމެވީ ސިޔާސީގޮތުން ކުރިއަރައި ދިއުމަށް ކަމަށެވެ. އެހެންވެ އެމްޑީޕީ ދޫކުރައްވައި، މި މަހުގެ 26 ވަނަ ދުވަހު އޭނާ ޑީއާރުޕީއާ ގުޅިވަޑައިގަންނަވާނެ އެވެ. އެއީ ޑީއާރުޕީގެ 14 ވަނަ އަހަރީ ދުވަހެވެ.
ކާށިދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި ޖާބިރު ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ. ނަމަވެސް ފަހުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން، ޕްރައިމަރީން ބަލިވާ މީހުންނަށް ވެސް ވާދަކުރެވޭނެ ކަމަށް އެންމެ މަތީ ކޯޓުން ނިންމުމުން ކާށިދޫ ދާއިރާއަށް ވާދަކުރައްވައި އޭނާ ވަނީ ގޮނޑި ކާމިޔާބުކުރައްވައިފަ އެވެ.
ޖާބިރު ވިދާޅުވީ އެމްޑީޕީގެ މެމްބަރަކަށް ވިއަސް ޕާޓީގެ ޕާލިމަންޓް ގްރޫޕު (ޕީޖީ) އިން އޭނާއަށް ފުރުސަތު ނުދޭ ކަމަށެވެ.
ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ ޖާބިރާއެކު މަޖިލީހުގެ އިތުރު ދެ މެމްބަރަކު ވެސް އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެ މެމްބަރުންނާ ގުޅޭ ތަފްސީލެއް ނުދެއްވި އެވެ.
"އެމަނިކުފާނު [ޖާބިރު] ދެން ޕާޓީ ލީޑުކުރައްވާނީ. ސިޔާސީ ބުރަދަނެއް ހުރި ބޭފުޅަކު ނޫންތޯ، މަޖިލީހުގައި ތަމްސީލުކުރައްވާ ބޭފުޅަކު ނޫންތޯ ޕާޓީ ހިންގަވަން ވާނީ،" ކާނަލް ވިދާޅުވި އެވެ.
މިއީ 19 ވަނަ މަޖިލީހުގެ މެމްބަރުންގެ ތެރެއިން، މެންބަރަކު ޕާޓީ ބަދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ