ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިހާރުން މިހާރަށް ވަކިކުރަންޖެހޭ - އަސްލަމް

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން މިހާރުން މިހާރަށް ވަކިކުރަންޖެހޭ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާއި ހިލާފަށް އެއްވެސް މުއައްސަސާ އަކަށް އެއްވެސް ނިންމުމެއް ނުނިންމޭނެ ކަމަށް އެކޯޓުން ކޮށްފައިވާ އަމުރާއި ދެކޮޅު ހެދުމަށް މަޖިލީހުގައި މިއަދު ކުރިއަށް ގެންދާ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަޖިލީހުގެ އެންމެ ސީނިއާ އެއް މެންބަރު ކަމަށްވާ އަސްލަމް ވިދާޅުވީ މަޖިލީހުގެ ބާރުތަކާއި ގާނޫނު އަސާސީ ސުޕްރީމް ކޯޓުން ފުނޑާލީ އެއްފަހަރަކު ދެފަހަރަކު ނޫން ކަމަށާއި އެ ކޯޓުގެ ފަނޑިޔާރުން މިހާރުން މިހާރަށް ވަކިކުރަންޖެހޭ ކަމަށެވެ.
މިނިވަން މުސްތަގިއްލު އަދުލުވެރި ފަނޑިޔާރުގެއެއް ބިނާ ކުރުމަކީ ރައްޔިތުން އެތައް ދުވަހެއް ވަންދެން ކުރަމުން އައި އުއްމީދެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. "ފެހި ޤާނޫނު އަސާސީ ލިބުމާއި އެކީ މިފަދަ ފަނޑިޔާރު ގެއެއް ބިނާ ކުރެވޭނެ ކަމަށް އުއްމީދު ކުރެވުނު. ނަމަވެސް ސުޕްރީމް ކޯޓު ފުރަތަމަ އުފެއްދި ދުވަހު ވެސް ސުޕްރީމް ކޯޓަށް ލެވުނީ ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ޝަރުތުތައް ފުރިހަމަ ފަނޑިޔާރުންތޯ ސުވާލު އުފެދޭ." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ސުޕްރީމް ކޯޓަކީ ގާނޫނު އަސާސީގެ ބެލެނިވެރިޔާއޭ ސުޕްރީމް ކޯޓުން ބައެއް ފަހަރު ވިދާޅުވާ ކަމަށެވެ. "ކާކު ކޮންތާކުން ކޮން މާއްދާއަކުން ކިހިނެތް ލިބުނު ބެލެނިވެރިކަމެއް ކަމަށް ސާފެއް ނުވޭ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ، ފަނޑިޔާރުކަން ކުރެއްވުމުގެ ވިލާއަތާއި އަހްލީއްޔަތާ ޝަރުއީއަތު މިހާރު މިވަނީ ގެއްލިފައޭ. އެ ފަސް ފަނޑިޔާރުން މިހާރުން މިހާރަށް ވަކިކުރާށޭ" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވަނީ މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ބައެއް ޙުކުމްތަަކަށް ވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މަގާމުން ދުރުކުރަން މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބަދަލު ކުރުމާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅިގެން ސުޕްރީމް ކޯޓުން ކުރި ޙުކުމާއި މަޖިލީހުގެ 12 މެންބަރުންގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް އަސްލަމް ފާޑުވިދާޅުވިއެވެ.
"2013 ވަނަ އަހަރު ރިޔާސީ އިންތިޚާބާއި ގުޅުވައިގެން ގައިޑްލައިނެއްގެ ނަމުގައި ޤާނޫނެއް އުފަން ކުރުވި. އެއީ ކުރެވޭނެ ކަމެއްތޯ؟ މުޅި އިންތިޚާބު ބަދަލުކޮށްލާ، ރައްޔިތުންގެ މެދުގައި އިންތިޚާބާއި ބެހޭ ގޮތުން ސުވާލު އުފެދޭ އެތައް ކަމެއް ދިމާވީ. 12 މެންބަރުންނަކީ މަޖިލީހުގެ މެންބަރުންކަން ނޭނގި އެތައް ދުވަހެއް ވަންދެން މަޖިލިސް ޖަލްސާތައް ހުއްޓިފައި އޮންނަން ޖެހުނީ ވެސް ސުޕްރީމް ކޯޓުގެ ސަބަބުން" އަސްލަމް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ޖޭއެސްސީ އިން ބެލުމަށް ފަހު އެކަން މަޖިލީހަށް ހުށަހެޅުމަށް ވެސް މިއަދު މަޖިލީހަށް ވަނީ ހުށަހެޅުމެއް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ