ގާސިމް އިބްރާހީމްގެ ނަމޫނާ ދެއްކެވުމުން ފިލާވަޅެއް 1

އެއްގަމުގޭ އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ ބޮޑުވަޒީރުކަން ނިމި ވެލާނާގޭ އިބްރާހިމް ނާސިރުގެ ދައުރު ފެށުމާއެކު ދިވެހީންގެ ޒަމާންވީ އާދަޔެއް ހިލިގެންފިއެވެ. އެއީ ވެއްޓުނު ކަތީބަށް ލައުނަތްދީ އައުގުރާނަ ގޮވުމާއި ނަގައިގަތް ކަތީބަށް ޚުޝާމަދުކޮށް ސަނާކިޔުމެވެ. އެއްދުވަހަކު ކޮންމެވެސް ބަންޑާރަ މަސައްކަތެއްކުރާން ޖަމާއަތެއްގެ ބަޔަކު އެއްވެގެން އުޅުނުތާކަށް ނާސިރު ވަޑައިގެން އުޅުއްވަނިކޮށް ވަރަށް ހުތުރުކޮށް ފާމުލަދޭރިކިލެގެފާނަށް މަލާމާތްކޮށް ފުރައްސާރަކުރުމުގެ އަންބާއެއް މީހަކު ކިޔައިފިއެވެ. އެމީހާގެ ނިޔަތަކީ ނާސިރުގެ ރުހުން ހޯދުންކަމަށް ވެދާނެއެވެ. އެކަމަކު ނާސިރު އިސްކުރެއްވީ ކޯފާއެވެ. އެމީހާޔަށް އަދަބު ދެއްވިއެވެ. ފާމުލަދޭރިކިލެގެފާނުގެ ޒާތާއިބެހި އާއިލާޔާބެހި އަޚުލާގީ އިމުންބޭރުވާ ހަމަކޮންމެ މީހަކަށް ހަރުކަށި އަދަބު ދެއްވާނެކަންވެސް އިއުލާންކުރެއްވިއެވެ. މިގޮތަށް އަމަލުކުރެއްވުމުން އެވަގުތަކަށް މީސްތަކުން މައިތިރިވެއްޖެއެވެ.
ރާއްޖޭގެ ނިސްބަތުން ނުހަނު އޮމާންމަގަކުން ނުހަނު ޗާލުކޮށް އިބްރާހިމް ނާސިރު ވެރިކަމުން ވަކިވެވަޑައިގެން މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަން ފެށިއްޖެއެވެ. މާލޭގައި ދުވަސްކޮޅަކު ހުންނަވާފައި ބޭސްފަރުވާޔަކަށް ގާދޫކޮލުން ނާސިރު ބޭރުވެވަޑައިގެން ސިންގަޕޫރުގައި އަދި ހެޔޮކޮށް ގަރާރުވެސް ނުވަނީސް އެއްކަލަ ބަލިގަޑު މާލެޔާއި އަތޮޅުތަކުގައި ފެށިއްޖެއެވެ. ނާސިރާއި އެމަނިކުފާނުގެ އާއިލާޔާއި ބެހި ހުތުރުވެގެންވާހައި އައުގުރާނަ ގޮވައި ކާޓޫނު ކުރަހައި ނުވިތާކަށް މަދަރުސާކުދީން މަގުމައްޗަށް ނެރެގެން މުޒާހަރާކުރުމުގެ ނަމުގައި އަޚުލާގީ އިންތައް މުގުރައި ކުދިކުދިކޮށްފިއެވެ. މިކަން ހުއްޓުވާން އުޅުމުގެ ބަދަލުގައި ސަރުކާރުންވެސް ދިނީ ހިތްވަރެވެ. ދެންވީގޮތަކީ އައުސަރުކާރަށް އިޚުލާސްތެރިވެވެނީ މިސަކަރާތް ޖެހިވަރަކުންކަމަށް ހީވެ އެންމެ ތަހުޒީބުގޮތަކީވެސް މިއީކަމަށް ގަބޫލުކުރެވުމެވެ. މަގާމުތަކާއި ރޯއްޖާއި މީހުންނާދޭތެރޭ އޮތް ފާލަމަކީވެސް މިއީކަމަށް ގަބޫލުކުރެވުމެވެ.
މައުމޫނު އަބްދުލްގައްޔޫމާ ދޭތެރޭވެސް ކަންހިނގީ ހަމަ މިމަގުންނެވެ. އެމަނިކުފާނުގެ ވެރިކަން ގާނޫނީގޮތުން އަދި މުޅިން ނުނިމެނީސް އައުގުރާނައިގެ އޮއިވަރު ފެށިއްޖެއެވެ. އައުލާދުންނާބެހި ހުތުރުވެގެންވާހައި އަންބާތައް ފެށިއްޖެއެވެ. ވެރިކަމުން ފައިބާވަޑައިގަތީމާ އިހުނަށްވުރެވެސް މިއޮއިވަރު ގަދަވިއެވެ. އެމަނިކުފާނުގެ ވެރިކަމުގައި ކުރެއްވި ކަންކަމާއި ނުކޮށްދޫކޮށްލެވި ކަންކަމަށް ފާޑުކިޔުމުގެ ވާހަކައެއް ނޫނެވެ. ކާބަފައިންނާއި އަނބިދަރީންގެ ޒާތާއި ބެހުމުގެ ވާހަކައެވެ. މިގޮތަށް ބެހެމުންބެހެމުންގޮސް ޒެންޒިބާރުން މިރާއްޖެއަށް އައި ކޮންމެވެސް ބަބުރު ސާލިމަކާވެސް ބެހުނެވެ. އެއީ ގައްޔޫމުސީދީގެ މަތިފުށުގެ ކޮންމެވެސް ދުރު ހިސާބަކުން ގުޅޭ މީހެކެވެ. އޭރު އެންމެ ގަދަޔަށް އިދިކޮޅު ލީޑަރުން ބޭނުންކުރި އެއްހަތިޔާރަކީވެސް ލެއްގިބަބުރު، ލެއްގިބަބުރު މިހެން ކިޔުމެވެ. ބަބުރު ސާލިމަށް ނިސްބަތްކޮށްފައި އަޑަށް އެންމެ ބާރުލައިފައި ލެއްގިބަބުރޭ ގޮވި މާލޭގެ ސިޔާސީ ގިނަ ލީޑަރުންވެސް ސީދާގޮތެއްގައި ހަމަ އެބަބުރު ސާލިމާ ގުޅެއެވެ. އެކަމަކު ރޭކާލުމެއް ނެތެވެ. ދެން އެނގޭ މީހުން ބިނދިބިނދިފައި ހޭނެތާއެވެ.
ސިޔާސީ މީހުންގެ ސިޔާސީ ކަންކަމުގެ ވާހަކަ މީސްތަކުން ދައްކާނެއެވެ. އެކަމަކު އަނބިދަރިންނާއި މައިންބަފައިންނާއި ބެހި ލަދުހުތުރު ދޮގުވާހަކަ ދެއްކުމާއި ލިޔުމަކީ ސިޔާސީ ވާހަކަތަކެއް ނޫނެވެ. އެފަދަ ވާހަކަ ދެއްކުމާއި ހިތްވަރުދިނުމަކީ އަޚުލާގީ ފޭރާން ދެރަވަރުކަމުގެ ދަލީލެކެވެ. ދާދިފަހުން ކޮންމެވެސް ރަށެއްގައި ބަޔަކު އީދުކުޅިވަރުގެ ނަމުގައި މޫނުމަތި އަޅައިގެންތިބެ އެޖެހި ސަކަރާތަކީވެސް އަދި އެކަމަށް ދިން ހިތްވަރަކީވެސް މިޒާތުގެ ބަލިކަށިކަމެއްގެ އަސަރެވެ. މިއީ މިގައުމުން ފޮހެލާންޖެހިފައިވާ ވަރަށްވެސް ހުތުރުކަންބޮޑު ބައްޔެކެވެ. ސިޔާސީ ލީޑަރުންވެސް މިކަމުގައި ނަމޫނާ ދައްކަވައި ހެޔޮމަގުން ހިނގާން ސަޕޯޓަރުންނަށް ބާރުއެޅުއްވުމަކީ މުހިއްމުވެފައިވާ ކަމެކެވެ. މިހާރުވެސް ބައެއް ލީޑަރުންގެ ފަރާތްޕުޅުން ހެޔޮމަގުގައި ނަމޫނާ ދެއްކެވުން އެބަފެނެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ހުންނެވި ތަނެއްގައި އަޅުގަޑުވެސް އެމަނިކުފާނާ ދާދިގާތުގައި ހުއްޓައި ކޮންމެވެސް މީހަކު ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ޖުޑިޝަލް ސާރވިސް ކޮމިޝަނުގެ ކޮންމެވެސް މެންބަރަކާ ގުޅުވައިގެން ސޯޝަލް މީޑިއާގައި އެނބުރެމުންދާ ކޮންމެވެސް ވާހަކައެއް ތިލަކޮށްފިއެވެ. މިކަމާ ވަރަށްބޮޑަށް ނުރުއްސަވައި ގާސިމް ވިދާޅުވިއެވެ. ތިޔަކަން ހުއްޓައިލާށެވެ. ތިޔައީ ވަރަށް ދެރަކަމެކެވެ. އެހާމެ ވިޔާނުދާކަމެކެވެ. ދުނިޔޭގެ އުސޫލުތަކާއި މާތްވެގެންވާ ދީންވެސް ހުއްދަނުކުރާ ކަމެކެވެ. އެއީ ސިޔާސީ ބޭފުޅުންނެވެ. މަގްބޫލު ބޭފުޅުންނެވެ. އެފަދަ ބޭފުޅުންނަށް ހަސަދަލައިގެން ތިބެ ބަޔަކު ބާޒާރުމަތީގައި އުފައްދާ ހަގީގަތާ ޚިލާފު އަލިފާން އުފުލާ ބަޔަކަށް އަޅުގަޑުމެން ވެގެންނުވާނެއެވެ. އަޅުގަޑުމެން ވާންޖެހޭނީ އެޔަށްވުރެ ތަހުޒީބު އެޔަށްވުރެ ފުދިގެން ތިބޭ ބަޔަކަށެވެ.
އެހެންވީމާ ޖުމްހޫރީ ޕާޓީއަށް ތާއީދުކުރާ މީހަކުވެސް އަދި އެމަނިކުފާނަށް ތާއީދުކޮށް އެމަނިކުފާނުގެ ބަސް ގަބޫލުކުރާ މީހަކުވެސް ސޯޝަލް މީޑިއާގައި އެނބުރޭ ހަސަދައިގެ އަލިފާން ނޫފުލުމަށް ގާސިމް އެދިވަޑައިގެން އެކަމަށް އިލްތިމާސް ކުރެއްވިއެވެ. ސިޔާސީ ވާހަކައެއް ދެއްކިޔަސް އަދި އެނޫންވާހަކައެއް ދެއްކިޔަސް އަޚުލާގީ އިޖުތިމާއީ މިންތަކާއި އިންތައް ފަހަނަޅައި ނުދިޔުމަށް އެދިވަޑައިގެންނެވިއެވެ.
މިއަޑުއަހާން ދާދިގާތުގައި ހުރެވުނުކަމުން އަޅުގަޑުގެ ހިތުގައި ޖެހުނެވެ. ގާސިމް އިބްރާހީމްގެ ޕާޓީއަށާއި އެމަނިކުފާނަށް ތާއީދު ކުރާ އެންމެނަށް ގާސިމް އެކުރެއްވި އިލްތިމާސް މިރާއްޖޭގެ ހުރިހާ ޕާޓީތަކެއްގެ ވެރީންވެސް އެއުރެންގެ ސަޕޯޓަރުންނަށް ކުރައްވައިފިނަމަ މިބަލިމަޑުކަމުން ސަލާމަތްވުމުގެ ބާރަކަށްވާނެތާއެވެ. ވެލާނާގޭ އިބްރާހިމް ނާސިރު ނެރެދެއްވި ނަތީޖާ މިހާރުވެސް ނެރެން ދައްޗެއްނުވާނެތާއެވެ. އެހެނީ ކުދިސޯބުތައް މިއެނބުރެނީ މައިސޯބު އެނބުރޭގޮތަށް ވިއްޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ