މިވަގުތު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހިނގަމުންދާ ގިނަ ޢަދަދެއްގެ ފައިސާއާ ގުޅުންހުރި މައްސަލައެއް އެފުށް މިފުށަށް ޖެހިދާ ފަދަ ލިޔުމެއް ފެންމަތިވެއްޖެއެވެ. މިމައްސަލައަކީ އެޕޯލޯ ހޯލްޑިންގްސްއާއި އެކުންފުންޏާ ގުޅުންހުރި ކުންފުނިތަކާ ގުޅޭ ކުންފުންޏެކެވެ. އެއީ އެކުންފުނިތަކަށް ގިނަ ޢަދަދެއްގެ މަޝްރޫޢުތައް ހޯދައިދިނުމަށް މަސައްކަތްކުރެއްވި ފަރާތަކަށް ލިބެންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ހޯދުމަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މިމައްސަލާގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރެއްވި ފަރާތުން ހޯއްދަވައިދެއްވާ އެންމެހައި ޕްރޮޖެކްޓުތަކަކުން ވަކި މިންވަރެއް އެފަރާތަށް ދިނުމަށް އެޕޯލޯ ހޯލްޑިންގްސް ދެ ހިއްސާދާރުން ސޮއިކުރައްވައި ލިޔުމެއް ދެއްވާފައިވެއެވެ. އަދި ފަހުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފޮނުއްވި ސިޓީއެއްގައި ކުންފުނީގެ 2 ހިއްސާދާރުން ފަރާތުން، އަމިއްލަ ހައިސިއްޔަތުން ބަދަލުދެއްވުމުގެ ޒިންމާ ނެންގެވުމުގެ ބަދަލުގައި އެކުންފުނިން އެޒިންމާ ނަގާ ގޮތަށް ހަމަޖެއްސުމަށް ހުށަހަޅާފައިވެއެވެ. އެހުށަހެޅުން ހުށަހެޅި ސިޓީއަކީ އެޕޯލޯ ހޯލްޑިންސް ކުންފުނީގެ ލެޓާ ހެޑުގައި ފޮނުވާފައިވާ ސިޓީއެކެވެ. އަދި އެސިޓީގައި އެޕޯލޯ ހޯލްޑިންސް ފަރާތުން ހުށަހަޅާފައިވަނީ ބަދަލު ދިނުމުގެ ޒިންމާ ކުންފުންޏަށް ބަދަލުކުރުމަށް ޚާއްޞަ އެއްބަސްވުމެއް އެކުލަވައިލުމަށެވެ. އަދި އެހުށަހެޅުމާ އެއްގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމުގައިވެސް އިސްތިއުނާފުކުރި ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ. އެއެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުޙައްމަދު ވަޙީދު (ދިނގަލި)އެވެ. މިމައްސަލާގައި ދަށު ކޯޓުން އަދި ހައިކޯޓުންވެސް މައްސަލަ ނިންމާފައިވަނީ އެލިޔެކިޔުންތައް ޞައްޙަ ނޫން ކަމުގައެވެ. ލިޔެކިޔުންތައް ޞައްޙަ ނޫން ކަމަށް ނިންމާފައިވަނީ އެލިޔެކިޔުންތަކުގައި ބޭނުންކޮށްފައިވާ ލެޓާހެޑަކީ ރަނގަޅު ލެޓާ ހެޑެއް ކަމުގައިނުވާތީ ކަމަށް ހައިކޯޓުގެ ޤަޟިއްޔާ ނިންމި ގޮތުގެ ރިޕޯޓުގައިވެސް ބުނެފައިވެއެވެ. މިމައްސަލާގައި ދަށު ކޯޓުގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު އެޕޯލޯއިން ބުނެފައިވަނީ، އެއްބަސްވުމުގައި ބޭނުންކޮށްފައިވާ ލެޓާހެޑަކީ ޞައްޙަ ލެޓާ ހެޑެއް ނޫން ކަމުގައެވެ. ނަމަވެސް ފަހުން ބުނެފައިވަނީ އެއްބަސްވުމުގެ އިތުރަށް ސިޓީގައި ބޭނުންކޮށްފައިވާ ލެޓާހެޑަކީވެސް ޞައްޙަ ލެޓާހެޑެއް ނޫން ކަމަށެވެ. އެޕޯލޯ ކުންފުނިން މިލެޓާހެޑާމެދު ޝައްކު އުފައްދާފައިވާ އަސާސުތަކުގެ ތެރެއިން އެއް ކަމަކީ ލެޓާހެޑުގައި ޖަހާފައިވާ އެޑުރެހެވެ. އެގޮތުން އެލެޓާ ހެޑުގައި އެޑުރެހެއްގެ ގޮތުގައި ޖަހާފައިވަނީ މ.މެރިންވިލާއެވެ. އެކުންފުނިން ހައިކޯޓުގައި ބުނެފައިވަނީ މ.މެރިންވިލާއަށް އެކުންފުނި ބަދަލުވީ 2010 ވަނަ އަހަރު ކަމަށެވެ. 2008 ވަނަ އަަހަރާ ހަމައަށް އެކުންފުނީގެ އޮފީސް ހިންގާފައިވަނީ އެސްޓީއޯ ޓްރޭޑު ސެންޓަރުގައި ކަމަށެވެ. ނަމަވެސް "ދިޔަރެސް" ނޫހަށް ލިބިފައިވާ އެޕޯލޯ ހޯލްޑިންސް ކުންފުނީގެ ފަރާތުން ހިންގާ އެޕޯލޯ ހާޑްވެއާ ސެންޓަރުގައި އެތެރެކޮށްފައިވާ މުދާ ވިއްކުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ދީފައިވާ ހުއްދައިގެ ކޮޕީގައި އޮންނަ ގޮތުން އެޕޯލޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުގެ އޮފީސް ހުރީ މ.މެރިންވިލާގެ 2 ވަނަ ފަންގިފިލާގައެވެ. އެކުންފުނިން ހައިކޯޓާއި، ސުޕްރީމް ކޯޓުގެ އިތުރަށް ދަށު ކޯޓުގައިވެސް ވަކާލާތުކޮށްފައިވާ ގޮތުން އެކުންފުނީގެ އޮފީސް މ.މެރިންވިލާއަށް ބަދަލުކުރީ 2010 ވަނަ އަހަރުއެވެ. ނަމަވެސް، މިލިޔުމަކީ 2008 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ދޫކޮށްފައިވާ ލިޔުމެއްކަމުން މިލިޔުމުން އެނގޭ ގޮތުގައި އެކުންފުނީގެ އޮފީސް 2010 ވަނަ އަހަރުގެ ކުރިންވެސް މ.މެރިންވިލާގައި ހުއްޓެވެ. ހަމައެހެންމެ މިމައްސަލާގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އެއްބަސްވުމަކީ 2008 ވަނަ އަހަރުގެ ނޮވެންބަރު މަހު އެކުލަވައިލެވި ސޮއިކުރެވިފައިވާ އެއްބަސްވުމެއް ކަމުން އެއެއްބަސްވުން އެކުލަވައިލިއިރު އެކުންފުނީގެ އޮފީސް ރަޖިސްޓާކުރެވިފައިވަނީ މ.މެރިންވިލާގައިކަންވެސް މިލިޔުމުން އެނގެއެވެ. އެޕޯލޯ ހޯލްޑިންސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވި އެކުންފުނީގެ މެނޭޖިން ޑިރެކްޓާ ދިނގަލި ވަޙީދުގެ ފަރާތުން ދަށު ކޯޓުގައާއި ހައިކޯޓުގައިވެސް ބުނެފައިވަނީ އޭނާ އެލިޔުމުގައި ސޮއިކުރެއްވީ ރަހީނުކޮށް ބިރުދައްކައިގެން ކަމަށެވެ. ނަމަވެސް އެކަން ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާ ކަމުގައި އިސްތިއުނާފުކުރި ފަރާތުގެ ވަކީލު ސުޕްރީމް ކޯޓުގައި އޮތް މިމައްސަލައިގެ އަޑުއެހުމުގައި ޖޫން މަހުގެ 9 ވަނަ ދުވަހު ފާހަގަކުރެއްވިއެވެ. މިމައްސަލައަކީ 22 މިލިއަން ރުފިޔާ ހޯދުމަށް އިސްތިއުނާފުކުރި ފަރާތުން ހުށަހަޅާފައިވާ މައްސަލައެއްކަމުން މިމައްސަލައިގެ ނިހާއީ ހުކުމާ ތިލަވެފައިވާ ލިޔުމާ ގުޅިފައިވާކަން ވަރަށް ބޮޑަށް ފާހަގަވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ސުޕްރީމް ކޯޓުގައި ކުރިއަށްދާ ބޮޑު ކޭހަކަށް އަސަރުކުރާ ލިޔުމެއް ފެންމަތިވެއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ