ޓެކުހަށް ނުވާ ފައިސާ ވެސް މީރާއިން ބަލައިގަންނަ ގޮތަށް މާލިއްޔަތު ގަވާއިދަށް އިސްލާހު ގެނެސްފި

ދައުލަތަށް ލިބޭ ޓެކުހަށް ނުވާ ފައިސާ ވެސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަލައިގަންނަ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
ދައުލަތަށް ލިބޭ ޓެކުހަށް ނުވާ ފައިސާ ކުރިންވެސް ބަލައިގަންނަމުން އައީ މީރާ އިންނެވެ. ނަމަވެސް އެއީ އެ ފައިސާއެއް ދައްކަން ޖެހޭ އިދާރާތަކާއި މީރާއާ ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ނަމަވެސް ސުޕްރީމް ކޯޓުން މިދިޔަ މަހު ކުރި ހުކުމެއްގައި ބުނެފައިވަނީ، މީރާ އަށް ދައުވާކުރެވޭނީ ޓެކްސްގެ ފައިސާ ހޯދަން އެކަނި ކަމަށާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި ބަޔާންކުރާ ފައިސާ ފިޔަވައި އެހެން ފައިސާއެއް މީރާއަށް ބަލައިގަނެ އެ ހޯދަން ދައުވާކުރެވޭނީ ގާނޫނަށް އިސްލަހު ގެނެސްގެން ނުވަތަ އެހެން ގާނޫނަކުން ބާރު ލިބިގެން ކަމަށެވެ.
އެހެންކަމުން ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ފަސް ވަނަ ބާބު (ދައުލަތުގެ ފައިސާ އާއި ފައިސާ ހޯދުމާއި ބަލައިގަތުމާއި އަދި ބެލެހެއްޓުން)ގެ ދަށުން އަންނަ 5.36 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކޮށްފައެވެ.
އިތުރުކުރި 5.37 ވަނަ މާއްދާގައި ބުނެފައިވަނީ، ދައުލަތަށް ލިބޭ ޓެކުހަށް ނުވާ ފައިސާގެ ތެރޭގައި ހިމެނޭ އެންމެހައި ފައިސާ ދައުލަތުގެ ނަމުގައި ބަލައިގަންނާނީ މީރާއިން ކަމަށެވެ. އަދި މީރާގެ އޮފީހެއް ނުހުންނަ ރަށެއްގައި ނަމަ، މީރާއިން ކަނޑައަޅާ ފަރާތަކުން ކަމަށެވެ. އޭގެ އިތުރުން އެ މާއްދާގެ ދަށުން ފައިސާ ބަލައިގަތުމުގައި އެ ފައިސާއާ ގުޅޭގޮތުން ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ ބަލައިގަތުން ވެސް ހިމެނޭ ކަމަށް މިގެނައި އިސްލާހުގައި ބުނެފައި ވެއެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދަށް މިގެނައި އިސްލާހާ އެކު ކޮވިޑްގެ ތެރޭގައި ފުލުހުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޖޫރިމަނާތައް ވެސް ދެން ބަލައިގަންނާނީ މީރާ އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ