އަންނަ މަހުގެ ކަރަންޓް ބިލު ބޮޑުވާނެ: ފެނަކަ/ސްޓެލްކޯ

އަންނަ މަހުގެ ކަރަންޓް ބިލު ބޮޑުވެދާނެކަމަށް ފެނަކައާއި ސްޓެލްކޯއިން ބުނެފި އެވެ.
އިއްޔެ އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު ނަޖާހު ވިދާޅުވީ ކަރަންޓް ބިލް ބޮޑުވަނީ އަޅުގަނޑުމެން ކަރަންޓަށް ދޭން ޖެހޭ ސަމާލުކަން ނުދެވިގެން ކަމަށެވެ. އޭނާ އަދި ވިދާޅުވީ ކޮންމެ އަހަރަކުވެސް ކަރަންޓް ބިލް ބޮޑުވެގެން ޝަކުވާ އަންނަނީ މާޗް، އޭޕްރީލް އަދި މޭ މަހު ކަމަށެވެ.
“އާދަޔާ ހިލާފަށް މާޗް/އޭޕްރީލް/ މޭ މަހަކީ ހޫނު ގަދަ މޫސުމަކަށް ވީމައި އެ މޫސުމަގައި ވާގޮތަކީ އައިސްއަލަމާރި ފަދަ އެއްޗެތި އޭގެ ކޮމްޕްރެސަރު ޖެހިފައި ހުންނަލެއް ގިނަވަނީ. ފިނިކޮށް ހުންނަ ކަމުގައިވާ ނަމަ، ވިއްސާރަވެއްޖިއްޔާމު އޭގެ ކޮމްޕްރެސާ ޖެހިފައި ހުންނަލެއް މަދުވެއްޖިއްޔާމު [ކަރަންޓް] ނަގާ ނިސްބަތް ކުޑައެބަވޭ. އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ހުރިހާ އަހަރެއްގައިވެސް އެ ޝަކުވާ އެބައާދޭ. އެކަމަކު މިފަހަރު 2020 ވަނަ އަހަރު އެ ޝަކުވާ އަޅުގަނޑުމެންނަކަށްނައި. އެ ޝަކުވާނައީ އޭޕްރީލް މޭ ޖޫން މަހަށް ސަރުކާރުން ވަނީ 40 ޕަސެންޓްގެ ޑިސްކައުންޓެއް ދީފަ،” ނަޖާހު ވިދާޅުވި އެވެ.
ކަރަންޓް ބިލުން މަތިވަމުން އަންނަ އަދަދަކުން ޑިސްކައުންޓެއް ލިބުނީމަ ޝަކުވާއެއް ނާދެ. އެކަމަކު ބޭނުންކުރި އަދަދު ހަމަ ބޮޑު،”
ފެނަކައިގެ ތަންތަނުން ކަރަންޓް ބޭނުންކުރި މިންވަރު:
ޖެނުއަރީ – 15.7 މިލިއަން ޔުނިޓް
ފެބްރުއަރީ – 16.6 މިލިއަން ޔުނިޓް
މާޗް- 17.3 މިލިއަނ ޔުނިޓް
އޭޕްރީލް- 21.1 މިލިއަން ޔުނިޓް
މޭ- 20.2 މިލިއަން ޔުނިޓް
ޖޫން- 19.5 މިލިއަން ޔުނިޓް
އިއްޔެގެ ބައްދަލުވުމުގައި ހަމަ މިމޭރުމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސެން ފަހުމީވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
އޭނާ ވިދާޅުވީ ކަރަންޓް ބިލްތައް ބޮޑުވުމާ ގުޅިގެން މާލޭގެ 700 އެއްހާ ގޭބިސީތަކަށާއި ވިޔަފާރިތަކަށް ޒިޔާރަތްކޮށް ހާލަތު ބަލައި ސާވޭތަކެއް ހެދި ކަމަށެވެ.
“އެ ބެލި ބެލުމުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނު ކަމަކީ މޭ ޖޫންގެ ޕެޓާން އަދިވެސް މިހުރީ އެނގޭތޯ. އޭގެ މާނައަކީ އަންދާޒާ ކުރެވެނީ ޖުލައިމަހު ލިބޭ ބިލްވެސް ބޮޑުވާނެކަމަށް. އެއީ ސަބަބަކީ ހަމަ އަޅުގަނޑުމެންގެ ކޮންސަމްޕްޝަން ޕެޓާންއަކަށް ނެތް މާބޮޑު ބަދަލެއް އައިސްފައެއް،” ފަހުމީ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ދުވާލަކު ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް ފަސޭހައިން ކަސްޓަމަރުންނަށް ބަލާލެވޭނެ ކަމަށާއި ކަރަންޓް ބޭނުން ކުރުމުގައި ސަމާލުވާން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ