އެމް.ޑީ.އެން އާއި އުތެމައިން ނެރެފައިވާ ރިޕޯޓުތަކުގެ މައްސަލައިގައި އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރާއި ބައްދަލުކުރުމަށް، ރައްޔިތުންގެ އިއްތިޙާދުން ދެ ފަހަރުމަތިން އެދުމުން ވެސް އިޖާބަ ދީފައިނުވާކަމަށް ރައްޔިތުންގެ އިއްތިޙާދުން ބުނެފިއެވެ.
އެއިއްތިޙާދުން މިހެން ބުނެފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރަށް މިއަދު ފޮނުވާފައިވާ ސިޓީއެއްގައެވެ. އެސިޓީގައި ބަޔާންކޮށްފައިވާ ގޮތުން އިއްތިޙާދުންވަނީ ދެ ފަހަރެއްގެ މަތިން އެމް.ޑީ.އެން އަދި އުތެމައިގެ މައްސަލައިގައި ޑރ. އަޙްމަދު ޒާހިދާ ބައްދަލުކުރުމަށް އެދި މީގެ ކުރިންވެސް ސިޓީ ފޮނުވާފައެވެ. ނަމަވެސް އޭގެން އެއްވެސް ސިޓީއަކަށް އެދެވޭ ޖަވާބެއް ދީފައި ނުވާކަމަށް ވަނީ ބުނެފައެވެ.
އަދި މި ސިޓީގައި ވަނީީ ބޭރު ޤައުމަކަމަށް ފިލައިގެން ގޮސް ހުރެ އިސްލާމްދީނާ ޚިލާފަށް މީސްމީޑީއާގައި އަންހެނަކު ވާހަކަ ދައްކަމުން ދާދިއުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީއިން އެއްވެސް މަސައްކަތެއް ކުރަމުން ދޭތޯވެސް ސުވާލުކޮށްފައިވެއެވެ.
މީގެއިތުރުން 2019 ވަނަ އަހަރުގައި ވެސް އެ އަންހެންމޯހާ ރާއްޖޭގައި ހުރެގެން އެފަދަ ވާހަކަތަކެއް ދެއްކި އިރުވެސް ޤާނޫނީ އެއްވެސް ފިޔަވަޅެއް އަޅާފައިވާތަން އިސްލާމިކް މިނިސްޓްރީގެ ކިބައިން ފެންނަން ނެތްކަމުގައިވެސް އިއްތިޙާދުން ބުނެފައިވެއެވެ.
ޤާނޫނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި މިސަރުކާރުން ސިއްރުސިއްރުން އެމީހާ ރާއްޖެއިން ބޭރަށް ފުރުވާލިކަމަށް ވެސް ސިޓީގައި ތުހުމަތު އުފުލާފައިވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ އިއްތިޙާދުން ވަނީ ޑރ. އަޙްމަދު ޒާހިރަށް އިސްލާމިކް މިނިސްޓަރުގެ މަސްއޫލިއްޔަތުގެ މަތިން ހަނދާންކޮށްދީ، އެއާއި މެދު ފަރުވާކުޑަ ކުރައްވާނަމަ އެމަނިކުފާނުވެސް އެދަނީ ޤާނޫނީ ކުށެއްގެ މަޅީގައި ބެދެމުން ކަމަށާއި އެއީ ދެކެން ބޭނުންވާ މަންޒަރެއް ނޫންކަމުގައި ބުނެފައިވެއެވެ.
ސިޓީ ނިންމާލަމުން ރައްޔިތުންގެ އިއްތިޙާދުން އިސްލާމިކް މިނިސްޓަރަށް ނަޞޭޙަތްދީފައިވަނީ، ސަރުކާރުގެ ހަރުދަނާ އަދި މުރާލި އެހެން ބައެއް މުއައްސަސާތަކެކޭ އެއްފަދައިން، އެމަނިކުފާނުގެ ދަށުގައިވާ މިނިސްޓްރީގެ ކަންކަން ވެސް އިންތިޒާމްކުރައްވައި އިއްތިޙާދާ ބައްދަލުކުރެވޭނެ ގޮތް ވަގުތުން ވަގުތަށް ހަމަޖައްސަވައިދެއްވުމަށް އެދިފައެވެ.
އެމްޑީއެންއާއި އުތެމައިގެ މައްސަލަައިގައި އިސްލާމިކް މިނިސްޓަރާއި ބައްދަލެއް ނުކުރެވުނު: ރައްޔިތުންގެ އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ