އަދީބު މިހާރު ކުރައްވާ މަސައްކަތަކީ ގައުމީ މަސައްކަތެއް: އަހުމަދު ހަލީމް
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައަށް އިއުތިރާފުވެ 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލޭ) ވިދާޅުވެއްޖެ އެވެ. ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ އިބްތިދާއީ ބަހުސް މަރުހަލާގައި މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން އަހުމަދު ހަލީމް ވިދާޅުވީ އެމްއެމްޕީއާރުސީ ވައްކަމުގެ މައްސަލަތައް ނުބެލޭ ކަމަށް ބަޔަކު ކިޔަމުން ދިޔަ ނަމަވެސް މި ސަރުކާރުން އެމައްސަލަ ބަލައި ކާމިޔާބު ކޮށްފި ކަމަށެވެ. އަހުމަދު ހަލީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލަށް ލާފައިވާ ކަމަށާއި ކުރީގެ ނައިބު ރައީސްވެސް ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ކަމަށެވެ. "މިއަދު އަހުމަދު އަދީބު އެކުރައްވާ ކަމަކީ. އެމަނިކުފާނު އެކުރައްވާ ކަމަކީ ގައުމީ މަސައްކަތެއް. މިއަދު އަދީބު ގޭގައި ބަހައްޓައިގެން އަދީބަށް ބޭސްކޮށްދީގެންވެސް އަދީބުގެ ފުރާނަ ސަލާމަތްކޮށްގެން އަދީބު ލައްވާ އަޅުގަނޑުމެން ހުރިހާ އެއްޗެއް ނެރުވަން ޖެހޭ. އެމަނިކުފާނު ހުރީ މި ރާއްޖެއަށްޓަކައި ހުރިހާ ވާހަކައެއް ދައްކަން. އަދީބު އަމިއްޔަށް އަދީބަށް ކުރެވުނު ކުށަށް މާފަށް އެދި އެދަނީ ހުރިހާ ވާހަކައެއް ކިޔައިދެމުން." މެމްބަރު އަހުމަދު ހަލީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން އެމްއެމްޕީއާރުސީ މައްސަލާގައި ކާމިޔާބު ހޯދިކަން އެނގެނީ އެ ހިޔާނާތުގެ އެންމެ ބޮޑު އާރުކާޓީ އަހުމަދު އަދީބާއި ރައީސް ޔާމީން ޖަލުގައި ތިއްބެވުމުން ކަމަށެވެ. އެމްއެމްޕީއާރުސީގެ މައްސަލާގައި ހޯދި ކާމިޔާބީއަށްޓަކައި މަޖިލީހުގެ ރައީސް އާއި ރައީސުލްޖުމްހޫރިއްޔާ އަދި ކޯޓުތަކަށް ޝުކުރު އަދާކުރާ ކަމަށް އަހުމަދު ހަލީމް ވިދާޅުވި އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ އިއުތިރާފުވެވަޑައިގަތުމުން އޭނާ 20 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. ނަމަވެސް ބަލި ހާލަތު ހުރިގޮތުން އަދީބު ވަނީ ޖަލުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. ދައުވާތަކާއި އަދަބުތައް: ހިޔާނާތްތެރިވުމުގައި ބައިވެރިވުން: 4 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ހިޔާނާތްތެރިވުމުގައި ބައިވެރިވުން: 2 އަހަރާއި 4 މަހާއި 24 ދުވަސް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުން: 6 މަސް ދުވަސް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުން: 1 މަހާއި 15 ދުވަސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުުން: 3 މަސް ދުވަސް މަނީ ލޯންޑަރިން: 5 އަހަރާއި 11 މަހާއި 21 ދުވަހަށް ޖަލަށް ލުމާއެކު 1،000،000 ރުފިޔާއިން ޖޫރިމާނާ މަނީ ލޯންޑަރިން: ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް ޖަލަށް ލުމާއެކު 1،000،000 ރުފިޔާއިން ޖޫރިމާނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ