ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ ކޯސްތަކެއް ހިންގާނެ އިންސްޓިޓިއުޓްތައް ހޯދަން އިއުލާނުކޮށްފި

ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ 12 ކޯހެއް ހިންގާނެ އިންސްޓިޓިއުޓްތައް ހޯދަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
"ސްކިލްސް ފޯ އަ ރެޒިލިއެންޓް ވޯކްފޯސް"ގެ ދަށުން ޕްރޮގްރާމްތައް ހިންގަން ޝައުގުވެރިވާ ތަންތަނުން، މިމަހުގެ ދިހަވަނަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލްކުރަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފައެވެ.
މިނިސްޓްރީން ބުނީ އެ ޕްރޮގްރާމުތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ހިންގާ، މއ. ފެންބިލްޑިންގުގެ ދެވަނަ ފަންގިފިލާއަށް މިމަހުގެ 23 ވަނަ ދުވަހު ބީލަން ހުށަހެޅުމަށް އެދޭ ކަމަށެވެ.
ވޯލްޑް ބޭންކުގެ އެހީއާއެކުގައި ކުރިއަށްގެންދަން ނިންމާފައިވާ އެ ޕްރޮގްރާމުގެ މަގުސަދަކީ ކޮވިޑް 19ގެ ސަބަބުން ވިޔަފާރިތަކާއި މުއައްސަސާތަކަށް ދިމާވި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދީ، ތަފާތު ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނުކޮށް މަސައްކަތުގެ މާހައުލަށް ނެރުމެވެ.
އެއް އަހަރު ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ އެ ޕްރޮގްރާމުގެ ކޯސްތައް ކުރިއަށްދާނީ އަހަރުގެ އެކި މަސްމަހުގައެވެ.
މިފަހަރު ގެންދަނީ ސެޓްފިކެޓް ލެވެލް ތިނެއްގެ 12 ކޯހެކެވެ. އެއީ ހައުސްކީޕިން، ލޯންޑްރީ އޮޕަރޭޝަންސް، ޓިކެޓިން އެންޑް ރިޒަވޭޝަން، ވޯޓަ ސްޕޯޓްސް، އިންވެންޓްރީ މެނޭޖްމަންޓް، ފިޓްނަސް އިންސްޓްރަކްޝަން، ޖުވެލަރީ ޑިޒައިން އެންޑް މެނުފެކްޗަރިން، ސާފް ގައިޑް، ސްނޯކަލިން ގައިޑް، ބޯޓް އޮޕަރޭޝަންސް، ލައިފް ގާޑް އަދި ސްޕޯޓްސް ފިޝިން ގައިޑެވެ.
މިނިސްޓްރީން ބުނީ އެކޯސްތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ކިބައިގައި ވޮކޭޝަނަލް އެޑިއުކޭޝަނަލް ކޯސް ހިންގުމުގައި މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބުމާއި ދަރިވަރުން ތަނަށް ހާޒިރުކޮށްގެންނާއި ވާޗުއަލްކޮށް ކޯސް ހިންގޭނެ ވަސީލަތްތަކާއި ކަމުގެ ގާބިލުކަން ހުންނަން ޖެހޭނެ ކަމަށެވެ. އަދި ޕްރެކްޓިކަލް ސެޝަންތަކާއި ވޯކްޝޮޕްތައް ހިންގުމަށް ބޭނުންވާ ތަކެއްޗާއި ކޯސް މެޓީރިއަލްވެސް އެފަރާތެއް އަތުގައި ހުންނަންވާނެ ކަމަށް ބުންޏެވެ.
ސްކިލްސް ފޯ އަ ރެޒިލިއެންޓް ވޯކްފޯސް ޕްރޮގްރާމް އިފްތިތާހުކުރީ މިއަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ