ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމް ޑޮކްޓަރަށް ދައްކަން މާލެ ގެނެސްފި

އުމުރު ދުވަހުގ ޖަލުހުކުމެއް ތަންފީޒުކުރަމުންދާ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ އަހުމަދު ނާޒިމު ޑޮކްޓަރަށް ދެއްކުމަށް މިރޭ މާލެ ގެނެސްފި އެވެ. ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ރަމީޒު "ސަން" އަށް މިރޭ ވިދާޅުވީ، ނާޒިމު ޑޮކްޓަރަށް ދެއްކުމަށް މިރޭ 7:00 ކަންހާއިރު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި އޭނާ އަށް ފަރުވާދެއްވާފައި ވަނީ އޭޑީކޭ ހޮސްޕިޓަލުން ކަމަށް ރަމީޒު ވިދާޅުވި އެވެ. ނާޒިމް ވަނީ އިއްޔެ ވެސް ޑޮކްޓަރަށް ދެއްކުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފައެވެ. ނާޒިމް އިއްޔެ މާލެ ގެނައީ ނާރުގެ ޑޮކްޓަރަކަށް ދެއްކުމަށެވެ. ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު ރަމީޒު ވިދާޅުވީ، ނާޒިމް މިރޭ މާލެ ގެނެސްފައި ވަނީ އެމްއާރުއައި ޓެސްޓެއް ހެދުމަށް ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ނާޒިމް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ