ސިނަމާލެ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުން ވިދާޅުވި ވާހަކަތަކަކީ ދޮގުވާހަކަތަކެއްކަމަށާ ހައުސިންގް މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު އެވާހަކަ މީޑިއާގައި ހިއްސާ ކުރެއްވީތީ އޭނާއަށް ދަޢުވާ ކުރާނެކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސިފާ ވިދާޅުވީ އެވާހަކަތަކަކީ އެވާހަކަތައް މުޢިއްޒު މީޑިއާތަކާ ހިއްސާ ކުރެއްވީ ސިޓީ ކައުންސިލް ބަދުނާމުކުރުމުގެ ނިޔަތުގައިކަމަށެވެ. ސިފާ މިފަދައިން ވިދާޅުވިއިރު ޑރ. މުޢިއްޒު މީޑިއާގައި ވިދާޅުވީ ރައީސް ޔާމީންގެ ދޮރުން ދޮރަށް ކެމްޕެއިން "ގޯއްޗަށް" ގައި ސިނަމާލެ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ އަރިހަށް ވަޑައިގެންނެވުމުން އެތަނާމެދު އިހުމާލުވެފައިވާ މިންވަރު ކިޔާދީފައިވާކަމަށެވެ.
ސިނަމާލެ ފްލެޓުތައް މަރާމާތުކުރުމަށް ސިޓީ ކައުންސިލަށް ފައިސާ ދީފައިވާނެކަމަށް މުޢިއްޒު ވިދާޅުވީ އިތުރުފުޅު ހައްދަވަމުންކަމަށް ސިފާ މިއަދު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ފްލެޓުގެ މަރާމާތަށް ބޭނުންވާ ފައިސާ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާނެކަމަށެވެ.
ސިފާ މިއަދު ވިދާޅުވީ މިނިސްޓަރުގެ ވާހަކަތަކާ ގުޅިގެން ދައުވާ ކުރުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިދީފައި އޮތް ނަމަ ދައުވާ ކުރައްވާނެ ކަމަށެވެ. އަދި ދައުވާ ކުރެވޭނެ ގޮތެއް ހޯދުމަށް ބަންޑާރަ ނައިބާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ އަތުން ސިޓީ ކައުންސިލުން ޤަވާއިދުން ފައިސާ ނަގަމުން ނުދިއުމަށްފަހު އެއްފަހަރާ ހުރިހާ ފައިސާއެއް ދެއްކުމަށް އެންގުމުން ދަތިތަކެއް ކުރިމަތިވެފައިވާކަމަށްވެސް ސިނަމާލޭގައި ދިރިއުޅޭ ރައްޔިތުން މިނިސްޓަރު އަރިހުގައި ދެންނެވިއެވެ.
އެވާހަކަތައް އަޑުއެއްސެވުމަށްފަހު ކެބިނެޓު ބައްދަލުވުމުގައި ރައީސް ޔާމީންގެ އަރިހު ސިނަމާލެ ފްލެޓު ހައުސިންގް މިނިސްޓްރީގެ ބާރުގެ ދަށަށް ގެންނެވުމަށް އެދިވަޑައިގެންނެވުމުން ޖެހިގެން އައި ދުވަހު އެގޮތަށް ރައީސް ވަނީ ޢަމަލުކުރައްވާފައެވެ.
މާލޭ ސިޓީ ކައުންސިލުން ނިމިދިޔަ ދެ ދައުރުގައިވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ މަންފާއަށް އެއްވެސްކަމެއް ކޮށްދީފައި ނުވާ ވާހަކައަކީ ރައްޔިތުން ވޭތުވެދިޔަ އަހަރުތަކުގައި ދައްކަމުން ގޮސްފައިވާ ވާހަކައެކެވެ.
އިދިކޮޅު މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލުން މިފަހަކަށް އައިސް ހަމައެކަނި ކުރަމުން ގޮސްފައިވަނީ ސިޔާސީ މަސައްކަތްތަކެވެ.
ރައްޔިތުން ހަދަނީ ދޮގު، މުޢިއްޒުއަށް ދަޢުވާ ކުރާނަން - ސިފާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ