މައްޗަންގޮޅީ އުތުރުގެ ދާއިރާއަށް ޕީޕީއެމް ޓިކެޓް ލިބިއްޖެނަމަ އެމްޑީޕީގެ ކެނޑިޑޭޓް މާރިޔާ އަހުމަދު ދީދީއަށް ވުރެ ގިނަ ވޯޓް ހޯދައި އެ ގޮނޑި ޕީޕީއެމަށް ކާމިޔާބުކޮށްދޭނެ ކަމަށް މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަން އަދި މަޝްހޫރު ފިލްމީ ޑައިރެކްޓަރު ފާތުމަތު ނަހުލާ ބުނެފި އެވެ.
ނަހުލާ މިއަދު "ސަން" އަށް ބުނީ އޭނާ ޕީޕީއެމްގެ ޕުރައިމަރީގައި ވާދަކުރަނީ އެ ދާއިރާގެ ގިނަ ރައްޔިތުންނާއި ޕީޕީއެމްގެ އިސްފަރާތްތަކުގެ އެދުމުގެ މަތިން ކަމަށާއި އޭނާއަށް ޕީޕީއެމް ޕްރައިމަރީގައި ކާމިޔާބް ވެއްޖެނަމަ އެދާއިރާގެ ގޮނޑި ޕީޕީއެމަށް ކާމިޔާބުކޮށްދޭނެ ކަމަށެވެ.
"މި ދާއިރާއަކީ އެމްޑީޕީ ގަދަ ދާއިރާއެއް، އަޅުގަނޑު ޔަގީންކަން އަރުވަން އަޅުގަނޑަށް ޓިކެޓް ދީފިނަމަ އިރާދަކުރެއްވިއްޔާ މި ދާއިރާގެ ގޮނޑި ޕީޕީއެމްއިން ކާމިޔާބް ކުރާނެ ކަމުގެ،" މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ވިދާޅުވި އެވެ.
ނަހުލާ ބުނީ ޕުރައިމައިމަރީ ކާމިޔާބު ނުވިޔަސް އަދި ކާމިޔާބް ވިޔަސް އޭނާ ސިޔާސީ ދާއިރާއިންނާއި ފިލްމީ ދާއިރާއިން ވެސް ފެނިގެންދާނެ ކަމަށެވެ.
ޕީޕީއެމްގެ ޕުރައިމަރީޒްގައި ނަހުލާއާއި ވާދަކުރައްވަނީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އުމަރެވެ.
ނަހުލާ ސިޔާސީ ދާއިރާއިން ފެނިގެންގޮސްފައި ވަނީ 2008 ވަނަ އަހަރުގެ ތެރޭގަ އެވެ. އެގޮތުން އެ އަހައަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މައުމޫންއަށް ތާއީދު ހޯދެއްވުމަށް ޑީއާރްޕީގެ ޕޯޑިއަމްތަކުން ނަހުލާ ފެނިގެންދިޔައެވެ.
ކައުންސިލްތަކުގެ ބަލަދުވެރި ފަރާތް، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް މަދަނީ ޖަމިއްޔާތަކުގެ ފަރާތުން ނަހުލާ ވާދަ ކުރެއްވި އެވެ. މަޖިލީހުގެ ކޮމެޓީން އިންޓަވިއު ކުރެއްވުމަށްފަހު އެންމެ މަތިން މާކްސް ލިބުނު ހަތަރު މީހުންގެ ތެރޭގައި ނަހުލާގެ ނަން ހިމެނިގެން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އޭނާގެ ނަމެއް މަޖިލީހުން ފާހެއް ނުކުރި އެވެ.
ފިލްމް ޑައިރެކްޓް ކުރުމާއި ވާހަކަ ލިޔުމުގެ އިތުރުން ޖަމާލުއްދީން ސުކޫލުގައި ޕުރައިމަރީ ޓީޗަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ނަހުލާ ހިދުމަތް ކުރައްވާފައިވެ އެވެ.
ޕީޕީއެމް ޓިކެޓް ލިބިއްޖެނަމަ މާރިޔާ ބަލިކޮށް ދާއިރާގެ ގޮނޑި ހޯދާނަން: ނަހުލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ