ޣައިރު ހާޒިރުގައި މައްސަލަ ނިންމައިދިނުމަށް ރައީސް މައުމޫން އެދިވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ޓެރަރިޒަމުގެ ދައުވާ އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންގޮސް ދެއްވުމަށް ރައީސް މައުމޫން އެދިވަޑައިގެންފި އެވެ.
ރައީސް މައުމޫން މިކަމަށް އެދިވަޑައިގެންނެވީ މިދިޔަ ހަފްތާގައި އެމަނިކުފާނު ކްރިމިނަލް ކޯޓަށް ފޮނުއްވި ސިޓީއެއްގަ އެވެ.
ރައީސް މައުމޫންގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލް ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް މައުމޫން ބަންދުކުރުމުގެ ކުރިން ބެއްލެވި ޑޮކްޓަރުންނާއި އަދި އެމަނިކުފާނަށް ޖަލަށް ބަދަލުކުރި ފަހުން ބައްލަވަމުން ގެންދަވާ ހުރިހާ ޑޮކްޓަރުން ވެސް އެމަނިކުފާނަކީ ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ ނުވަތަ އަނބުރާ ގޮތްވުމުގެ ބަލި ތަހައްމަލް ކުރަންޖެހިފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެ ލިޔުން ދެއްވާފައިވާ ކަމަށެވެ.
ޑޮކްޓަރުންގެ ލިޔުމުގެ ރައީސް މައުމޫންގެ އުމުރުފުޅު ދޮށި ކަމުން މިބަލީގެ ނުރައްކާ ބޮޑު ކަން ފާހަގަކޮށްފައިވާ ކަމަށާއި އެމަނިކުފާނު ގޭގައި ބަހައްޓަން ނުވަަތަ އެމަނިކުފާނަށް އަބަދުވެސް ސިއްހީ އެހީތެރިކަން ލިބޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައި ބަހައްޓަން ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން މާފުށި ޖަލުގައި ޑޮކްޓަރަކު ނެތި ދިޔަކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ މިދިޔަ ބުދަ ދުވަހު ރައީސް މައުމޫން ބެއްލެވި ޑޮކްޓަރުވެސް އެމަނިކުފާނު ބަލިހާލަތު ބެއްލެވުމަށްފަހު ދަތުރުކުރުން ވީހާވެސް މަދުކުރުމަށްވެސް ލަފާ ދެއްވާފައިވާ ކަމަށެވެ.
ފައިސަލް ވިދާޅުވީ ރައީސް މައުމޫންގެ ޣައިރު ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންގޮސްދެއްވުމަށް އެމަނިކުފާނު ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންނެވީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުންނާއި ދަތުރުފަތުރުކުރުން މަދުކުރުމަށް ޑޮކްޓަރުން ލަފާ ދެއްވުމުންނާއި، ދަތުރުމަތީގައި އާއި ކޯޓުގައި ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭތީއާއި އަދި ބައެއް ދުވަސްތަކުގައި މޫސުން ވެސް ގޯސް ކަމުން ކަަމަށެވެ.
"ރައީސް މައުމޫންގެ ސިޓީގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ހާޒިރުގައި ޝަރީއަތް ކުރުމަކީ ގާނޫނުއަސާސީން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ހައްގެކޭ. އެކަމަކު އެ ހައްގު އެމަނިކުފާނު ދޫކޮށްލެއްވީ މިދެންނެވި ސަބަބުތައް ހުރުމުން. އެމަނިކުފާނު ވިދާޅުވަނީ ޑޮކްޓަރުން ދެއްވާ އިރުޝާދުތަކަށް ބައްލަވަންޖެހޭ ކަމަށް އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން. އަދި އެމަނިކުފާނުގެ ފަރާތްޕުޅުން ކޯޓުގައި ވާހަކަ ދައްކަވާނީ އެމަނިކުފާނުގެ ވަކީލުން ކަމަށް. އެހެންވެ ވަކީލުންގެ ހާޒިރުގައި ކުރިއަށް ގެންދަން މިވަނީ އެދިވަޑައިގެންފައި،" ފައިސަލް ވިދާޅުވި އެވެ.
ރައީސް މައުމޫން ބަންދުކޮށްފައި ހުންނެވީ މާފުށި ޖަލުގައި ކަން ފާހަގަކުރައްވަމުން ފައިސަލް އިތުރަށް ވިދާޅުވީ ރައީސް މައުމޫން ގޭބަންދަށް ނުވަތަ ދޫނިދޫ ޖަލަށް ބަދަލުކޮށްފި ނަމަ އެމަނިކުފާނު ހުންނެވީ ކޯޓަށް ވަޑައިގަންނަވާ ގޮތަށް ކަމަށެވެ.
ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.
ރައީސް މައުމޫން މިހާރުވެސް ގެންދަވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ރައީސް މައުމޫންގެ މައްޗަށް މިހުކުމް ކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ އެމަނިކުފާނު ހައްޔަރުކުރުމަށްފަހު ފުލުހުންގެ ތަހުގީގަށް ފޯނު ދެއްވަން އިންކާރު ކުރެއްވި ކަމަށް ބުނެ އުފުލި ދައުވާ ސާބިތުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ