ޕީޕީއެމް ބަދުނާމުކުރާ ކަމަށްބުނެ މެމްބަރު މުސްތަފާ ސުލޫކީ ކޮމިޓީއަށް

ޕީޕީއެމްގެ ލީޑާޝިޕް ބަދުނާމު ކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު މުސްތަފާގެ މައްސަލަ އެ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅައިފި އެވެ. ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕާޓީގެ ލީޑާޝިޕް ބަދުނާމުވާ ގޮތަށް އެއްވެސް ވާހަކައެއް ނުދެއްކުމަށް މި މަހުގެ ތިންވަނަ ދުވަހު ނަސޭހަތްތެރިވެފައި ވަނިކޮށް ޕާޓީ ބަދުނާމުވާ ގޮތަށް މުސްތަފާ ވާހަކަދައްކާފައިވާ ކަމަށެވެ. އެގޮތުން އޮންލައިން ނޫހަކަށް މުސްތަފާ ދެއްވާފައިވާ އިންޓާވިއުއެއްގައި ޕާޓީގެ ރައީސާއި ޕާލިމެންޓްރީ ގްރޫޕުގެ ބައެއް މެންބަރުންގެ ގަދަރު ކުޑަ ވާގޮތަށް ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ. މުސްތަފާގެ އިތުރުން އެ ޕާޓީގެ އާންމު މެންބަރު ޒައިދުލް އަމީނުގެ މައްސަލަ ވެސް ވަނީ ސުލޫކީ ކޮމިޓީއަށް ހުށަހަޅާފަ އެވެ. ޒައިދުލް އަމީންގެ މައްސަލަ ހުށަހަޅާފައި ވަނީ ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އަބުރުފުޅަށް ހުތުރުވާގޮތަށް ފޭސްބުކް ޕޭޖެއްގައި ވާހަދައްކާފައިވާތީ ކަމަށް ޕީޕީއެމްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެކަންކަމުގެ ސަބަބުން ޕާޓީގެ އެއްބައިވަންތަކަމާއި ހަމަޖެހުމަށް އަސަރުފޯރާ ކަމަށް ބުނެ ޕާޓީގެ މެމްބަރުން ޝަކުވާކޮށްފައިވާ ކަމަށް ވެސް ޕީޕީއެމުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ