ކުރީގެ ރައީސް މައުމޫން އުފައްދަވާފައިވާ މައުމޫން ފައުންޑޭޝަނުން މި ރޯދަމަހު ކުރިއަށް ގެންދާ އިހުޔާ ޕްރޮގްރާމްގެ ދެވަނަ ޖަލްސާ މިރޭ ބޭއްވުމަށް ކުރިން ހަމަޖެހިފައިވީނަަމަވެސް، މިރޭގެ އިހުޔާ ޖަލްސާ ކެންސަލްކޮށްފައިވާކަމަށް އެ ފައުންޑޭޝަނުން ބުނެފިއެވެ.
މައުމޫން ފައުންޑޭޝަނުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރަަމަޟާންމަހުގެ ރޭތައް އިހުޔާކުރުމުގެ ގޮތުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ކެންސަލްކޮށްފައިވާކަމަށެވެ.
ކުއްލިގޮތަކަށް ރައީސް މައުމޫންގެ އިހުޔާ ޖަލްސާ ޖަލްސާ ކެންސަލްކުރި ސަބަބެއް އެ ފައުންޑޭޝަނުން ހާމަކޮށްފައެއް ނުވެއެވެ. ކުރިން ހަމަޖެހިފައިވާގޮތުން މިރޭގެ އިހުޔާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ނާއިބް ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގަންނަވާގޮތަށް އޮތީ ހަމަޖެހިފައެވެ.
މައުމޫން ފައުންޑޭޝަނުން ބުނީ އެ ފައުންޑޭޝަންގެ އިހުޔާ ޖަލްސާއެއް އޮންނާނީ މިމަހުގެ 28ވާ އަންގާރަ ދުވަހުގެ ރޭ 10:00ގައިކަމަށެވެ.
މައުމޫން ފައުންޑޭޝަނުން މި ރޯދަމަހު ކުރިއަށް ގެންދާ އިހުޔާ ޕްރޮގްރާމްގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރެއެވެ. އެެ ޖަލްސާގައި ރައީސް މައުމޫން ވަނީ އިސްލާމްދީނާއި ޖިހާދު މިމައުޟޫއަށް ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް މައުމޫން އެރޭ ވިދާޅުވީ ކޮންމެ ބަޔަކަށްވެސް ޖިހާދު ކުރެވޭނީ އެބައެއްގެ އަމިއްލަ ގައުމުގައި ތިބެގެން ކަމަށާއި، ބޭރުގެ އެހެން ގައުމުތަކަށް ގޮސް ދިވެހިން ބައިވެރިވެ ހަނގުރާމަ ކުރުމަކީ ޖިހާދުކުރުމެއް ނޫންކަމަށެވެ. ޖިހާދު ކުރުމުގެ ނަމުގައި ދިވެހި ޒުވާނުންނަށް ބައެއް ފަރާާތްތަކުން އޮޅުވާލަމުން ގެންދާ ކަމަށާއި މައިން ބަފައިންނާއި ބެލެނިވެރިން އެކަން ދަންނަން ޖެހޭނެ ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން މި ޖަލްސާގައި "ހެޔޮކަމާއި ތަޤުވާގެ މައްސަރު" މިނަމުގައި ރައީސް މައުމޫނު ލިޔުއްވާފައިވާ ފޮތްވެސް ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ.
މައުމޫން ފައުންޑޭޝަނުގެ މިރޭގެ އިހުޔާ ޖަލްސާ ކެންސަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ