ރާއްޖެއަށް ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ބަލައި، ރާއްޖެއަށް ދަތުރުކުރާ އެމެރިކާ ރައްޔިތުން އިތުރަށް ސަމާލުވުމަށް އަންގައި އެމެރިކާ އެމްބަސީން އެޑްވައިޒަރީއެއް ނެރެފިއެވެ.
ކޮޅުނބުގައި ހުންނަ އެމެރިކާ އެމްބަސީން ނެރުނު އެޑްވައިޒަރީގައި ބުނެފައިވަނީ، ކުރިން އިންޒާރުދީ ނުވަތަ އިންޒާރު ދިނުމަކާ ނުލައިވެސް ޓެރަރިސްޓް ގްރޫޕްތަކުން ހަމަލާ ދީފާނެ ކަމަށެވެ. އެގޮތުން، ފަތުރުވެރިން އާންމުކޮށް ޒިޔާރަތްކޮށްއުޅޭ ތަންތަނަށާއި، ދަތުރުފަތުރުގެ ނިޒާމަށާއި، މާރުކޭޓްތައް ނުވަތަ ޝޮޕިން މޯލްތަކަށް ނުވަތަ ސަރުކާރުގެ އޮފީސްތަކަށްވެސް ހަމަލާތައް ދީފާނެ ކަމަށް އެމްބަސީން ނެރުނު އެޑްވައިޒަރީގައި ބަޔާންކޮށްފައި ވެއެވެ.
ހަމަ އެއާއެކު، އަތޮޅު ތެރޭގެ ރަށްތަކަށްވެސް ހަމަލާތައް އަމާޒުވެދާނެ ކަމަށާއި، އެފަދަ ހާލަތެއްގައި ކަމާބެހޭ ފަރާތްތަކަށް އެކަމާ ގުޅިގެން ފިޔަވަޅެއް އެޅޭނީވެސް ލަހުންކަން އެޑްވައިޒަރީގައި ފާހަގަކޮށްފައި ވެއެވެ.
މީގެއިތުރުން، އެމެރިކާ ރައްޔިތުން ދިވެހިރާއްޖެއަށް ދަތުރުކުރާނަމަ ވިސްނަންވީ ނުކުތާތައްވެސް އެމްބަސީން ހާމަކޮށްފައި ވެއެވެ.
އެގޮތުން، މީހުން ގިނައިން އެއްވެ އުޅޭތަންތަނަށް ނުދިއުމަށާއި، ރާއްޖޭގެ މީޑިއާއިން ހާމަކުރާ ކުއްލި ކަންކަން ބެލުމަށާއި، ދަތުރު ޕްލޭން ކުއްލިއަކަށް ބަދަލުކުރަން ތައްޔާރުވެ ތިބުމަށާއި، ތިމާގެ ވަށައިގެން ހިނގާ ކަންކަމަށް ސަމާލުވުމަށާއި، ހުޅަނގުގެ ގައުމުތަކުގެ މީހުން އުޅޭ ސަރަހައްދެއްގައި އުޅޭނަމަ ސަމާލުވެ ތިބުމަށްވެސް ނަސޭހަތްތެރި ވެފައި ވެއެވެ.
އަދި ހަމައެއާއެކު، ކުއްލި ހާލަތެއްގައި އެމީހަކު ހުރިތަން ދެނެގަތުމަށާއި، ކުއްލި އިންޒާރުގެ މެސެޖް ލިބުމަށްޓަކައި "ސްޓެޕް" ނަމަކަށްކިޔާ އޮންލައިން ޕްރޮގްރާމެއްގައި ބައިވެރިވުމަށާއި، އެމެރިކާގެ ޚާރިޖިއްޔާގެ ފޭސްބުކް އަދި ޓްވިޓަރ ފޮލޯކުރުމަށާއި، އެމެރިކާއިން ނެރެފައިވާ ރާއްޖޭގެ ކްރައިމް އެންޑް ސޭފްޓީ ރެޕޯޓް ކިއުމަށްވެސް އެމެބްސީން އެދިފައި ވެއެވެ.
ކޮޅުނބުގައި ހުންނަ އެމެރިކާ އެމްބަސީން މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެމެރިކާގެ ޚާރިޖިއްޔާއިން ނެރޭ ޓްރެވަލް އެޑްވައިޒަރީ ލެވެލްގައި ރާއްޖެ އޮތީ ލެވެލް 2 ގައި ކަމަށާއި، އެ ލެވެލްއަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އެއީ "އިތުރަށް ސަމާލުވެވެގެން" އުޅުމުގެ ލެވެލްއެވެ.
ރާއްޖޭގައި ކުއްލި ހާލަތު އިޢްލާން ކޮށްފައިވާ ކަމަށް ބުނެ އެމްބަސީން ކުރިން ނެރުނު އެޑްވައިޒަރީ އިސްލާހް ކުރުމަށްފަހު، އެމްބަސީން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ، ގައުމުތަކަށް އެމެރިކާއިން ނެރޭ ޓްރެވަލް އެޑްވައިޒަރީ މުރާޖައާ ކުރުމަކީ އެމެރިކާއިން ޚާރިޖިއްޔާއިން ދޭތެރެ ދޭތެރެއިން ކުރަމުންދާ ކަމެއް ކަމަށެވެ.
އެގޮތުން، ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމަށް އައި ހެޔޮ ބަދަލުތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރު ނެރެފައިވާ އެޑްވައިޒަރީ އަލުން އިސްލާހްކޮށް އޭގެ ބަސްމަގު ބަދަލުކުރީ ކަމަށް އެމްބަސީން ބުނެފައި ވެއެވެ. ރާއްޖޭގައި އުޅޭ އެމެރިކާ ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ދިވެހި ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްބަސީން ކޮށްފައިވާ ޓްވީޓްގައި ބުނެފައި ވެއެވެ.
އެކަމަކު، އަލުން އިސްލާހްކޮށް ނެރުނު އެޑްވައިޒަރީގައި ޓެރަރިސްޓް ގްރޫޕްތަކުން ރާއްޖެއަށް ހަމަލާތައް ދީފާނެ ކަމަށް ބުނެފައިވަނީ ކީއްވެގެން ކަމެއް ސާފުކޮށް ދީފައެއް ނުވެއެވެ.
އަދި އެފަދަ ހަމަލާއެއް ދޭން އުޅޭކަމުގެ ޖާސޫސީ މައުލޫމާތެއް ލިބިފައިވާ ކަމެއް ނުވަތަ ނޫންކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ. ނުވަތަ ހަމަލާއެއް ދީފާނެކަމުގެ ޖާސޫސީ މައުލޫމާތު ލިބިގެން ދިވެހި ސަރުކާރާ އެފަދަ މައުލޫމާތެއް ހިއްސާކޮށްފައިވާ ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖެއަށް ހަމަލާދީފާނެ ކަމަށް ބަލައި އެމެރިކާ ރައްޔިތުން އިތުރަށް ސަމާލުވުމަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ