ތަކެތީގެ އަގުބޮޑުވެގެން އުޅެނީ އާންމު ރައްޔިތުން ކުރި ކަމަކުން ނޫން ކަމަށާއި އެއީ ސަރުކާރުގެ ދެކޮޅުނުޖެހޭ ސިޔާސަތުގެ ސަބަބުން ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީން ޖަރުމަންވިލާތުގެ ފްރެންކްފާޓުގައި ބޭއްވި ޚާއްސަ ރައްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަމީން ވިދާޅުވީ މިއަދުގެ ސަރުކާރުން އަނިޔާވެރިވަމުންދަނީ ސިޔާސީ ބޭފުޅުންނާއި އެބޭފުޅުންގެ އާއިލާއަށް އެކަނި ނޫން ކަމަށެވެ. އެންމެ އާދައިގެ މީހުންނަށް އަދި ނިކަމެތި އާއިލާތަކަށް ވެސް އަނިޔާވެރިވެ ފުރައްސާރަކޮށް އެތައް ގެއްލުމެއް ދެމުންދާ ކަމަށެވެ. ރޯދަމަހު ނޫސްތަކުގެ އެންމެ އާންމު ސުރުޚީއަކަށް ވެފައި އޮތީ ތަކެތީގެ އަގުބޮޑުވުމުގެ ވާހަކަ ކަމަށާއި މިއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
އަމީން ވިދާޅުވީ މިތަކުލީފު ރައްޔިތުންނަށް ޖެހުނީ ހަމައެކަނި ރޯދަމަހު ނޫން ކަމަށާއި އޭގެ މާކުރިއްސުރެ ފެށިގެން ރައްޔިތުން ދަނީ މިކަން ތަހައްމަލުކުރަމުން ކަމަށެވެ. ތަކެތީގެ އަގަށް ބޮޑެތި ބަދަލުތަކެއް އައީ އާންމު ރައްޔިތުން ކުރި ކަމަކުން ނޫން ކަމަށާއި އެއީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ނިންމެވި ނިންމެވުންތަކާއި ބައެއް ތަންތަނުން ނަގަމުންއައި ފީތައް ބޮޑުކުރުމުގެ ސަބަބުން ކަމަށް އަމީން ވިދާޅުވިއެވެ.
"2014 ގެ ކުރިން ބާސްމަތީ ހަނޑޫ ކިލޯއެއް 17 ވަރަކަށް ރުފިޔާއަށް ލިބުނު. މިއަދު އޭގެ އަގު 36 އަށް އަރައިގެން ހިނގައްޖެ. މެދު ސައިޒުގެ ހިކިކިރުދަޅެއް 148 ރުފިޔާއަށް އޭރު ލިބުނު. މިއަދު 198 އަށް އިތުރުވެގެން ހިނގައްޖެ. ވަރަށް އާދައިގެ އެއްޗެއް ސުޕާރީއަކީ. އޭރު އެއްރުފިޔާއަށް. މިއަދު 3 ރުފިޔާއަށް. މިއަގުތައް މިގޮތަށް އުފުލިގެން ދިޔައީމަ އެންމެ އާދައިގެ ރައްޔިތުމީހާ، ކުޑަކުޑަ އާމްދަނީއެއް ލިބޭ މީހާ ދެކޮޅުޖައްސާނީ ކިހިނަކުންތޯ. ސަލާންޖެހުން ނޫންގޮތެއް ނޯންނާނެ" އަމީން ވިދާޅުވިއެވެ.
ރައްޔިތުންނަށް ދެކޮޅުނުޖެއްސި ސަލާންޖަހަންޖެހޭ ހިސާބަށް ދިޔައީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ކަމަށް އަމީން ވިދާޅުވިއެވެ. އެއީ ތަކެއްޗާއި ޚިދުމަތުގެ އަގަށް ސަރުކާރުގެ ތެރެއިން ގެނައި ބަދަލުގެ ސަބަބުން ކަމަށާއި މިއީ ސަރުކާރުގައި ރަގަޅު، ހަރުދަނާ ސިޔާސަތެއް ނެތުމުގެ ނަތީޖާ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ރައްޔިތުންނަށް ތަރައްގީގެ ނަންބޯޑު ދައްކައިގެން ކުރަމުންދާ މަސައްކަތަކީ ރައްޔިތުން އަޅުދާސްތު ކުރުން ކަމަށެވެ. ރައްޔިތުން ނިކަމެތިކޮށް، މީހުންނަށް ސަލާންޖަހަން މަޖުބޫރު ކުރުވުން ކަމަށެވެ. ކިތަންމެ ވަރަކަށް ބޮޑެތި އިސްތިހާރުތައް ހަދައިގެން ތަންތަނުގައި ހިއްޕިޔަސް އަދި ބޮޑެތި އިމާރާތްތަކުގެ ކުރެހުންތައް ބަޔަކަށް ދެއްކިޔަސް، މިއަދުގެ ސަރުކާރަކީ ރައްޔިތުން ދެކެ ލޯބިވާ ރައްޔިތުންނަށް އިޚުލާސްތެރި ސަރުކާރެއް ނޫން ކަމަށް ވެސް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ވިދާޅުވިއެވެ.
ތަކެތީގެ އަގުބޮޑުވީ ރައްޔިތުން ކުރި ކަމަކުން ނޫން: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ