ޓެކްސް ފައިސާ ބެހެން ޖެހޭނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް: ޔާސިރު

ރައްޔިތުން ދައްކާ ޓެކްސް ފައިސާ ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ބެހެން ޖެހޭ ކަމަށާއި ޓެކްސް ފައިސާއިން ހިންގާ މަޝްރޫއުތަކުގައި ރައްޔިތުންނަށް އެއްހަމައަކުން އަމަލު ކުރެވެން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާގައި ގުޅީފަޅުގެ މަޝްރޫއުގެ ރިޕޯޓާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ މި މަޝްރޫއަކީ މުހިއްމު އަދި ހިންގަން ޖެހޭ މަޝްރޫއެއް ކަމަށެވެ. ޔާސިރު ވިދާޅުވީ މިދިޔަ ސަރުކާރުގެ ތަރައްގީގެ ގޮތުގައި މާލޭގައި 25 ބުރީގެ އިމާރާތަކާއި ބުރިޖެއް އަޅާ ފެނުނީ މިއީ ތަރައްގީކަމަށް ބުނެ އެ ފޮޓޯ މުޅި ރާއްޖޭގައި ބޭނުން ކުރަމުންދިޔަތަން ކަމަށާއި ނަމަވެސް އެކަމަކުން ރާއްޖެތެރޭގައި ތިބި ރައްޔިތުންނަށް ފައިދާ އެއް ނުވިކަމަށެވެ.
ދާދި ފަހުން ޕީޕީއެމްގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެބޭފުޅުންގެ ވައުދެއްކަމަށް ބުނެ ވިދާޅުވެ ގުޅީފަޅު ހިއްކުމަށް ފަހު ރާއްޖޭގެ 18 އަހަރުން ދަށުގެ ހުރިހާ އެންމެންނަށް ބިން ދޭން ދެއްކެވި ވާހަކައަށް އަލިއަޅުއްވާ ޔާސިރު ވިދާޅުވީ މިއީ އަނެއްކާވެސް މާލެ ސަރަހައްދަށް ތޮއްޖެއްސުމުގެ ސިޔާސަތު ކަމަށެވެ.
"މިއީ ސީދާ އަޅުގަނޑު ދެކޮޅުކަމެއް. އަޅުގަނޑުމެން އަބަދުވެސް މި ވަކާލާތު ކުރަނީ ދިވެހި ރާއްޖެ ހިނގަން ޖެހޭނީ ލާމަރުކަޒީ ނިޒާމަށޭ. އަނެއްކާ އަޅުގަނޑުމެން ބޭނުމެއް ނޫން ރާއްޖޭގެ ހުރިހާ 18 އަހަރުވާ ޒުވާނުންނަށް އަނެއްކާވެސް މާލެ ސަރަހައްދުގައި މި ތޮއްޖެހުމުގެ ދިރިއުޅުމުގައި އުޅޭކަށެއް" ޔާސިރު ވިދާޅުވި އެވެ.
ޔާސިރު ދެން އަލިއަޅުއްވާލީ ހއ އަތޮޅުގައި ޓްރާންޝިޕްމެންޓް ޕޯޓެއް މުހިއްމު ކަމަށް މީގެ އަހަރުތަކެއް ކުރިން ދެއްކެވި ވާހަކައިގެ މައްޗަށެވެ.
ޔާސިރު ވިދާޅުވީ ރާއްޖޭގެ އުތުރަކީ އެތައް ބޯޓެއް ދަތުރުކުރާ ސަރަހައްދެއް ކަމަށާއި ނަމަވެސް މިއަދާ ހިސާބަށް އައިއިރު ފޯޓާ ބެހޭ އެއްވެސް ކަމެއް ހިނގާފަ ނުވާކަމަށެވެ.
"އަޅުގަނޑުމެން އެންމެނަށްވެސް އެނގޭ ދިވެހި ރާއްޖޭގެ އުތުރަކީ އެތަށް ބޯޓެއް ދަތުރުކުރާ ސަރަހައްދެއްކަން، މިއަދާ ހިސާބަށް އައިއިރު އެއްވެސް ކަމެއް އެކަމުގައި ހިނގާފައެއް ނުވޭ. އަޅުގަނޑު ފާހަގަ ކޮށްލަން ދާދި ފަހުން އަޅުގަނޑުމެން މިނިސްޓަރާއި ބައްދަލުވެ އެކަމުގެ އިންޓްރެސްޓާއި އެކަން ކުރިއަށް ދާނެގޮތުގެ ތަފްސީލް ދެއްވާފަވޭ. އެހެން ނަމަވެސް މި ހުރިހާ ދުވަސްވީ އިރުވެސް އެކަން ނުވެ އޮތީ އަޅުގަނޑުމެންގެ ތެރޭގައި ޕޮލިޓިކަލް ވިލް އެއް ނެތީމަ، އެކަން ކުރަން ބޭނުން ނެތީމަ" ޔާސިރު ވިދާޅުވި އެވެ.
މިއާއިއެކު ކުޅުދުއްފުށީގައި ރައީސް ނަޝީދުގެ ވެރިކަމުގައި އަޅަން ފަށާފައިވާ ފްލެޓްތަކުގެ ތެރެއިން އަދިވެސް 108 ފްލެޓްގެ މަސައްކަތް 8 އަހަރު ވެގެން ދިޔައިރު ނުނިމޭކަން ފާހަގަކުރައްވާ ވިދާޅުވީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ނުލިބި ގުޅީފަޅު ހިއްކުމަށް 1.8 ބިލިއަން ރުފިޔާ ހޭދަކުރުމަކީ ގަބޫލް ކުރާނެ އުޒުރެއް ނޫންކަމަށެވެ.
ގޯތި ގެދޮރުގެ ދަތިކަން ރާއްޖޭގައި މާލެއަށް ވުރެ ބޮޑަށް ފޯރާފައިވާ ސަރަހައްދެއް ނެތްކަމަށާއި އެކަން އެހެން ވެފައިއޮތީ ރާއްޖޭގެ ވެރިކަން ކުރި ވެރިން އެކަން އެގޮތައް ބައްޓަން ކުރަމުން އައިސްފައި އޮތީމަކަމަށް ޔާސިރު ވިދާޅުވި އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ