އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނު ހަމީހުން ޝަހީދު ކޮށްލައިފި

އިސްރާއީލު-ޣައްޒާ ގުޅޭ ސަރަހައްދީ އިމުގައި ފަލަސްތީނު ރައްޔިތުންނާއި އިސްރާއީލު ސިފައިންގެ ދެމެދުގައި ކުރިމަތިލުންތައް ހޫނުވެ، އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނު ހަމީހުން ޝަހީދު ކޮށްލައިފިއެވެ.
ޣައްޒާގައި ހަމާސްއިން ހިންގާ ހެލްތު މިނިސްޓްރީންވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.
އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން އެންމެފަހުން ޝަހީދުވެފައިވަނީ، އުމުރުން 33 އަހަރުގެ ޖިހާދު ފަރީނާ ނަމަކަށްކިޔާ މީހެކެވެ. ހަމަ އެފަދަ ހަމަލާއެއްގައި އޭގެކުރިން އުމުރުން 16 އަހަރުގެ އަހްމަދު އައުދާވެސް ޝަހީދު ކޮށްލާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްރާއީލާ ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ މީހުންގެ ތެރެއަށް ސިފައިން ބަޑިޖެހުމުގެ ސަބަބުން އިތުރު ތިންމީހަކު ޝަހީދުވެފައި ވާއިރު، އިސްރާއީލު ސިފައިން ފޮނުވާލި ބޮޑުބަޑީގެ އުންޑައެއް އަރައިގެން ފަލަސްތީނުގެ ދަނޑުވެރިޔަކުވެސް މިއަދު ޝަހީދުވެފައި ވާކަމަށް ފަލަސްތީނުން ބުނެއެވެ.
އިސްރާއީލުގައި ހުންނަ އެމެރިކާ އެމްބަސީ މިއަހަރުގެ މެއިމަހު ގުދުސްއަށް ބަދަލުކުރަން އުޅޭތީއާއި، އަދި އިސްރާއީލުގެ އުދުވާނުތަކާ ދެކޮޅަށް ޣައްޒާގެ ރައްޔިތުން މިއަދުވަނީ ދިގުދެމިގެންދާ މުޒާހަރާތަކެއް ފަށާފައެވެ.
މުޒާހަރާގެ ބައިވެރިން މިއަދު މައިގަނޑުގޮތެއްގައި ޖަމާވެފައިވަނީ އިސްރާއީލު-ޣައްޒާ ވަކިކުރާ އިމުގެ ސަރަހައްދަށެވެ. އެގޮތުން އެތައްހާސް ބަޔަކު މިއަދު ސަރަހައްދީ އިމަށް ޖަމާވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި މުޒާހަރާތަކަކީ ސުލްހަވެރި މުޒާހަރާތަކެއް ކަމަށް، އެކަން އިންތިޒާމުކުރާ ފަރާތުން ބުނެފައިވީނަމަވެސް، އިސްރާއީލުގެ އުދުވާނީ ބާރުތަކުން ގެންދަނީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް މީހުން ޝަހީދު ކުރަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުގައި، މިއަދުގެ މުޒާހަރާގެ ތެރެއިން ބައެއް މީހުންވަނީ، އިސްރާއީލު-ޣައްޒާ ވަކިކުރަން ޖަހައި ވަރަށް ވަރުގަދައަށް ސަލާމަތީ ފިޔަވަޅު އަޅާފައިވާ ފެންސް ހުރަސްކުރަން މަސައްކަތް ކޮށްފައެވެ.
އެމީހުންގެ ގަޔަށް އިސްރާއީލު ސިފައިން އަސްލު ވަޒަން ބޭނުންކޮށްގެން ބަޑިޖެހި ކަމަށާއި، އޭގެ ސަބަބުން ފަލަސްތީނުގެ 200 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ