ބްރެކްޒިޓަށް ފަހުވެސް ޔޫކޭގައި ހަމަޖެހުން ދަމަހައްޓާނަން: ތްރީސާ މޭ

ބްރެކްޒިޓް ނުވަތަ ވިލާތުގެ އިއްތިހާދުން ވަކިވުމަށްފަހުވެސް އިނގިރޭސިވިލާތުގައި ހަމަޖެހުމާއި އެކުވެރިކަން ދަމަހައްޓަވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވެއްޖެ އެވެ.
ޔޫރަޕިއަން ޔޫނިއަނުން އިނިގިރޭސިވިލާތް ވަކިވުމަށް ނިންމި ނިންމުމަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި މޭ ވިދާޅުވީ އެ ނިންމުމުގެ ސަބަބުން ގައުމުގެ ހަމަޖެހުން ނެތިގެން ދިއުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ބްރެކްޒިޓް އާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް މޭ އިންގްލޭންޑް، ސްކޮޓްލޭންޑް، ވޭލްސް އަދި އުތުރު އަޔަލެންޑަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު އީޔޫ އާއި އިނގިރޭސިވިލާތުން މުސްތަގުބަލުގައި ބާއްވާނެ ގުޅުމަށް ގޮތެއް ނިންމެވުމަށް މިހާރު ބާކީ އޮތީ އެންމެ މަހެކެވެ.
ބްރެކްޒިޓް އާއި ގުޅޭ ރަސްމީ މަޝްވަރާތައް ފެށުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އީޔޫއާ ވާހަކަދައްކައިގެން ދެ ފަރާތުން އެއްބަސްވުމަކާއި ހަމައަށް އާދެވިފައިވާއިރު ހައްލު ނުވެ އޮތް މައްސަލައަކީ ޔޫރަޕިއަން ޔޫނިއަނާ އެކު އިނގިރޭސިވިލާތުން ވިޔަފާރިކުރުމުގައި ދިމާވެދާނެ ދަތިތައް ހައްލުކުރާނެ ގޮތެއް ހޯދުމާ ގުޅޭ މައްސަލަ އެވެ.
އިނގިރޭސިވިލާތުން އީޔޫއިން ރަސްމީކޮށް ވަކިވާނީ 29 މާޗް 2019 ގައެވެ. އޭގެ ކުރިން އިނގިރޭސި ގާނޫނު ހަދާ މަޖިލިހުން ނިންމާ ގޮތަކަށް ބޮޑުވަޒީރު އެއްބަސްވެވަޑައިގަންނަވަން ޖެހޭނެއެވެ. މަޖިލީހުގައި މިކަމަށް ވޯޓު ނެގުން އޮންނާނީ އޮކްޓޯބަރުގައެވެ.
އީޔޫ އިން ވަކިވުމާއި ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާ ވަނީ ގާނޫނު ހަދާ މަޖިލީހުގައި ވޯޓު ދެއްވާއިރު އެ މެންބަރަކު ހިތުގެ އަޑިން ގަބޫލުފުޅުކުރައްވާ ގޮތެއް އިހްތިޔާރު ކުރެއްވުމަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް އިލްތިމާސް ކުރައްވާފަ އެވެ.
ޓޯނީ ބްލެއާ ވިދާޅުވީ މެންބަރުން ވޯޓު ދެއްވަން ވާނީ ޕާޓީން ނިންމަވާ ގޮތެއްގެ ބަދަލުގައި އެ މެންބަރަކު ގަބޫލުފުޅު ކުރައްވާ ގޮތަކަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ