ފަލަސްތީނުގެ ނުކުޅެދޭ ޒުވާނަކު ޝަހީދު ކޮށްލައިފި

އިސްރާއީލުގެ އަނިޔާވެރި ސިފައިން ފަލަސްތީނުގެ ނުކުޅެދޭ ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ.
މިއަދުގެ ފަތިހު ގެތަކަށް ވަދެ ހިންގި ޖަރީމާތަކުގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދު ކޮށްލައިފައިވާ އިރު، ޒުވާނާ ޝަހީދުވީ ލިބުނު ޒަހަމުތަކަށް ތުލްކަރަމްގެ ތަބީތު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
އިސްރާއީލުގެ ސިފައިން ބަޑިޖަހައި ޝަހީދުކޮށްލާފައިވަނީ އުމުރުން 22 އަހަރުގެ މުހަންމަދު ހުސާމް އަބްދުއްލަތީފް ހަބަލީ ނަމަކަށްކިޔާ ޒުވާނެކެވެ. އޭނާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށް ފަލަސްތީނުން ރިޕޯޓްތައް ބުނެއެވެ.
ހިސޯރުކޮއްފައިވާ ފަލަސްތީނުގެ ތުލްކަރަމްއަށް ގަދަކަމުން ވަދެގަނެ އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހާފައިވަނީ އެ ޒުވާނާގެ ބޮލަށާއި އަތަށެވެ. އިސްރާއީލުގެ ހަމަލާގައި އެކަކު ޝަހީދުވިއިރު، އިތުރު ތިން ޒުވާނަކު ޒަޚަމްވެފައިވެސް ވެއެވެ.
ތުލްކަރަމްއަށް އަރައިގަނެ އިސްރާއީލު ސިފައިން އެރަށުގެ އެތައް ގެއަކަށް ވަދެގަނެ ގެތައް ފާސްކުރި ކަމަށެވެ. އިސްރާއީލުގެ ސިފައިން ތުލްކަރަމްއާއި، އެހެން ރަށްތަކުގެ އަވަށްތަކަށް ވަދެގަނެ 24 ވަރަކަށް ޒުވާނުން ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތަށް ބުނެެވެ.
ނާބުލުސްއާއި، ތުބާސްއިން ނުވަމީހުން ހައްޔަރު ކޮށްފައިވާއިރު އޭގެތެރޭގައި ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ. ބައިތު ލަހުމާއި، ހަބްރޫނުން އެކަނިވެސް ދިހަ ޒުވާނުން ހައްޔަރުކުރި ކަމަށް ބުނެފައި ވެއެވެ.
މި ކަމާއި ގުޅިގެން އާންމުން އެއްވެ މުޒާހަރާ ކުރަން ފެށުމުން، މުޒާހަރާކުރަމުންދިޔަ މީހުންގެ ގަޔަށް އިސްރާއީލު ސިފައިން ، ރަބަރު ވަޒަނާއި ކަރުނަ ގޭހުންވެސް ވަނީ ބޭނުން ކޮއްފައެވެ.
މިދިޔަ އަހަރު މާޗް މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 240 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 22000 ވުރެން މައްޗަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ