ދަރިން ބަލައި، ގާސިމް ސްކޫލް ދޮށަށް!

ޖަލު ހުކުމެއްގައި ހުންނަވަން ޖެހުމާއި ރާއްޖެއިން ބޭރުގައި އެތައް ދުވަހެއް ވާންދެން އުޅުއްވަން ޖެހުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް އެންމެ ބޮޑު ހިތާމައެއް ކުރަން ޖެހިވަޑައިގެންނެވީ އާއިލާއާ ދުރުގައި ހުންނަވަން ޖެހުމުން ކަމަށް އޭނާ ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިހާރު އެނބުރި ރާއްޖެ ވަޑައިގެން ގާސިމް ފެންނަނީ އާއިލާއަށް ހާއްސަ އިސްކަމެއް ދެއްވާ މަންޒަރެވެ.
އަހަރަކަށް ވުރެ ގިނަ ދުވަހަށް ފަހު ގާސިމް ވަނީ ސްކޫލް ދޮށުން ވެސް ފެނިފައެވެ. ގާސިމްގެ ހަގު ދަރިން ބަލައި، ސްކޫލް ދޮށަށް ވަޑައިގެންނެވި ފޮޓޯތަކާއި ވީޑިއޯތަކެއް ވަނީ ދައުރުވާން ފަށައިފައެވެ.
އެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ގާސިމް އިސްކަންދަރު ސްކޫލަށް ވަޑައިގެން، އޭނާގެ ތިން ކުދިންނާ އެކު ނިކުމެވަޑައިގަންނަވަ އެވެ. ގާސިމްގެ ފަހަތުން އޭނާގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވެސް ކުދިންނާއެކު ނުކުންނަވާތަން ފެނެއެވެ.
ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު، ވީޑިއޯއާއެކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަހަރު ދުވަހަށް ފަހު ގާސިމް ފުރަތަމަ ފަހަރަށް ކުދިން ބަލައި ސްކޫލް ދޮށަށް ވަޑައިގެންނެވި ކަމަށެވެ. އަދި އެ ކުދިންގެ ބައްޕައާ އެކު މިފަދަ ހިނދުކޮޅެއް ވެސް ހޭދަކުރުމުގެ ހައްގު އެ ކުދިންގެ އަތުން ނިގުޅައިގަތީ އެކުދިންގެ ކޮން ކުށެއް އޮވެގެންތޯ، އެ ބައްޕަގެ ކޮން ކުށަކާ ލައިގެންތޯ ސުވާލު އުފައްދާފައިވެއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު، ކަފާލާތުގެ ދަށުން ގާސިމް ވަނީ މިނިވަންކޮށްފައެވެ. ކަފާލާތުގެ ދަށުން ގާސިމް މިނިވަންކޮށްފައި ވަނީ ހައިކޯޓުގެ ގަވާއިދުގެ 67 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.
ގާސިމަށް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް 24 ވަނަ ދުވަހުގެ ރޭ އެ ހުކުމް ކޮށްފައިވަނީ އޭނާ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮންނަވަނިކޮށެވެ.
އެ ހުކުމް ކޮށްފައިވަނީ ދައުލަތުން އުފުލި ރިޝްވަތުދިނުމަށް ހުށަހެޅުމުގެ ދައުވާ ސާބިތުވުމުންނެވެ. އެ ދައުވާ ގާސިމްގެ މައްޗަށް އުފުލީ ޖުމްހޫރީ ޕާޓީގެ އޮފީސް، މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ޖުމްހޫރީ ޕާޓީ ދޫކުރައްވައި ޕީޕީއެމާ ގުޅިވަޑައިގެންނެވި މަޖިލިސް މެމްބަރުން އަނބުރާ އެ ޕާޓީއާ ގުޅިވަޑައިގެންފިނަމަ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ޓިކެޓާއި އެހެނިހެން އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެފައިވާތީއެވެ.
ކަރެކްޝަނަލް ސާވިސްގެ ހުއްދައާއެކު ބޭސްފަރުވާއަށް ސިންގަޕޫރަށް ގާސިމް ފުރާވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. އަދި އޭގެފަހުން ޖަރުމަނުވިލާތުގައި ގާސިމް ދިރިއުޅުއްވަމުން ގެންދެވީ އެގައުމުގެ ސަރުކާރުގެ ޚާއްސަ ހުއްދައާއެކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ. ގާސިމް އެނބުރި ރާއްޖެ ވަޑައިގެންނެވީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ