ޕީޕީއެމް މައްސަލައިގެ ތެރެއަށް މައުމޫން ތަދައްޚުލްވާން ނިންމައިފި

ޕީޕީއެމްގެ ބާރުތައް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކޮށްދިނުމަށް އެދި އާންމު މެމްބަރަކު ހުށަހެޅި މައްސަލައިގެ ތެރެއަށް މައުމޫންގެ ފަރާތްޕުޅުން ތަދައްޚުލްވާން ނިންމައިފިއެވެ.
ޕީޕީއެމްގެ ހިންގުން މައުމޫންއާ ހަވާލުކޮށްދިނުމަށް އެދި އެ ޕާޓީގެ އާންމު މެމްބަރެއް ކަމަށްވާ އަލީ އަހުމަދު އެ މައްސަލަ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ ސިވިލް ކޯޓުން އެ މައްސަލަ ނަގައި ބަލަން ފަށައިފައެވެ. އެ މައްސަލައިގެ އިބްތިދާއީ ބައްދަލުވުމެއް ސުޕްރީމް ކޯޓުގައި މިއަދު ވަނީ ބާއްވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވާން މައުމޫންގެ ފަރާތްޕުޅުން މާދަމާ ސުޕްރީމް ކޯޓަށް ލިޔުން ހުށަހެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށްދާއިރު ޕީޕީއެމްގެ މިހާރު ލީޑަރޝިޕުން އަންނަނީ އާ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އާ ޕާޓީއެއް އުފެއްދުމަށް އެ ބޭފުޅުން މަސައްކަތް ފެށީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ މި މައްސަލަ ޕީޕީއެމްގެ މިހާރު ލީޑަރޝިޕާއި ދެކޮޅަށް ނިމިދާނެ ކަމަށް ބެލެވޭތީއެވެ.
މި މައްސަލައިގެ އިތުރުން ޕީޕީއެމް އިން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ކޮންގްރެސްގެ މައްސަލަ ވެސް މިވަގުތު އޮތީ ސުޕްރީމް ކޯޓުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ