ޖަޕާން އޮސްޓްރޭލިއާ އަދި ޔޫ.އޭ.އީ ވެސް ކުއާޓާރ އަށް

އޭ.އެފް.ސީ އޭޝިއަން ކަޕުގެ ކުއާޓަރ ފައިނަލުން ޖަޕާން އޮސްޓްރޭލިއާ އަދި ޔޫ.އޭ.އީ ޖާގަ ހޯދާއިފި އެވެ.
މުބާރާތުގެ ދެވަނަ ބުރުގައި އިއްޔެ ޖަޕާނާއި ސައުދީ އަރަބިއްޔާ ބައްދަލުކުރި މެޗު ޖަޕާނުން ކާމިޔާބުކުރީ އެކެއް ސުމެއްގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޖަޕާނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ވިހި ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ޓަކެހިރޯ ޓޮމިޔާސޫއެވެ.
މި މެޗުގެ އިތުރުން ދެވަނަ ބުރުގައި ރޭ އޮސްޓްރޭލިއާ އާއި އުޒްބެކިސްތާން ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާތީ މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އުޒްބެކިސްތާންގެ މައްޗަށް އޮސްޓްރޭލިއާ ކުރި ހޯދީ ހަތަރެއް ދޭކުންނެވެ. ޕެނަލްޓީގައި އޮސްޓްރޭލިއާއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއިރު، އުޒްބެކިސްތާނުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ދެ ޕެނަލްޓީއެވެ.
މީގެ އިތުރުން މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ޔޫއޭއީ އާއި ކިރްގިސްތާން ބައްދަކުރި މެޗު ފޯރިގަދަ ކުޅުމަކަށްފަހު ތިނެއް ދޭއްގެ ނަތީޖާއަކުން ކާމިޔާބުކުރީ ޔޫއޭއީ އެވެ.
މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ފަހު ދެ ޖާގަ ކަށަވަރުވަނީ މުބާރާތުގެ ދެވަނަ ބުރުގައި މިއަދު ކުޅޭ ދެ މެޗު ނިމުމުންނެވެ. އެގޮތުން ދެކުނު ކޮރެއާ އާއި ދެކޮޅަށް ބަހްރެއިން ނިކުންނައިރު ޤަތަރު ނުކުންނާނީ އިރާގާއި ދެކޮޅަށެވެ.
މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ