ތިމަރަފުށި އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖައްސަން ފަށައިފި

ތިމަރަފުށި އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖައްސަން ފަށައިފި އެވެ.
މިރޭ ތިމަރަފުށީގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ ޕީއާރު ހެޑް މޫސާ ވަސީމު ވިދާޅުވީ މިރޭ އައިލެންޑް އެވިއޭޝަންއިން ހިންގާ ތިން އެއާޕޯޓުގެ ތެރެއިން ތިމަރަފުށީ އެއާޕޯޓުގައި ރޭޑަނޑުގެ ފްލައިޓްތައް އޮޕަރޭޓްކުރުން ފެށިގެންދިއުމާއެކު ތިމަރަފުއްޓަށް ދަތުރުކުރާ ފްލައިޓުތައް ގިނަވެގެން ދާނެ ކަމަށެވެ. މީގެ އިތުރުން އެ ކުންފުނިން އަބަދުވެސް އެންމެ މުހިއްމުކަމެއް ދެނީ ރަނގަޅު އެންމެ އެކަށޭނަ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށްވެސް މޫސަ ވިދާޅުވި އެވެ.
މި ހަފްލާގެ ޝަރަފްވެރި މެހެމާނު، ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހޭރުގެ ވާހަކައިގައި ވިދާޅުވީ މޯލްޑިވިއަންގެ ހިދުމަތްތައް ތިމަރަފުށީ ބަނދަރަށް އިތުރުވުމަކީ ތިމަރަފުށީގެ އިތުރުން މުޅި ތ. އަތޮޅަށް ލިބިގެންދާނެ ފަސޭހައެއް ކަމަށެވެ. މީގެ އިތުރުން ފަތުރުވެރިން އަދި ސިއްހީ ފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށްވެސް ތިމަރަފުށި އެއާޕޯޓްގެ ރޭގަނޑު ފްލައިޓް އޮޕަރޭޓް ކުރަން ފެށުމުން އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޒުހޭރު ވިދާޅުވި އެވެ. އަދި އެއާއެކު ރަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް އިތުރު ކުރިއެރުން ލިބިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ހަފްލާގެ ތެރެއިން ޒުހޭރު ވަނީ އައިލެންޑް އެވިއޭޝަނަށް ތިމަރަފުށި އެއާޕޯޓްގައި ރޭގަނޑު ފްލައިޓް އޮޕަރޭޓް ކުރުމުގެ ހުއްދަ އައިލެންޑް އެވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ރިޒްވީއާ ހަވާލު ކުރައްވައިފައެވެ.
މިރޭ ތިމަރަފުށީ އެއާޕޯޓުގައި ވަނީ ފުރަތަމަ ފަހަރަށް ރޭގަނޑު ފްލައިޓެއް ޖައްސައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ